އދ. ގެ ސެކްރެޓަރީ ޖެނެރަލް އެންޓޯނިއޯ ގުޓަރެސް އާއި ތުރުކީގެ ރައީސް ރަޖަބް ތައްޔިބު އުރުދުޣާން ޔުކްރޭނަށް ވަޑައިގެން ލިވީވްގައި ރައީސް ވޮލޮދިމީރު ޒެލެންސްކީއާ ބައްދަލު ކުރައްވައިފި އެވެ.
މި ބައްދަލުވުމުގެ މައިގަނޑު ބޭނުމަކީ ޑިޕްލޮމެޓިކް އުސޫލުތަކުގެ ތެރެއިން މަޝްވަރާކޮށްގެން ޔުކްރޭން ހަނގުރާމަ ހުއްޓުވުމެވެ. އަދި ރަޝިއާ އާއި ޔުކްރޭން އެއް މޭޒު ދޮށަށް ގެނެސް -- މަޝްވަރާކޮށްގެން ޔުކްރޭނުން ގޮވާން ބޭރުކުރަން ފެށި ގޮތަށް -- ހަނގުރާމަ ހުއްޓާލަން، އދ. އާއި ތުރުކީ މެދުވެރިވެ އެއްބަސްވުމެއް ގާއިމުކުރުމެވެ.
ޒެލެންސްކީއާ ބައްދަލު ކުރައްވައި އުރުގުޣާން ދެއްކެވި ވާހަކަތަކުގައި ޔުކްރޭންގެ ޒަޕޮރިއްޒިއާގައި މިހާރު ހިނގަމުންދާ ހަމަނުޖެހުންތަކަށް އަލިއަޅުވާލެއްވި އެވެ. ލީޑަރުންގެ ކަންބޮޑުވުމަކަށް ވެފައި އޮތީ ޒަޕޮރިއްޒިއާގައި ހުންނަ ނިއުކްލިއާ ޕަވާ ޕްލާންޓްގައި ހަނގުރާމަވެރިން ތިބެ ހަމަލާ ބަދަލުކުރަމުން ގެންދިއުމެވެ.
ޒަޕޮރިއްޒިއާ ނިއުކްލިއާ ޕަވާ ޕްލާންޓް މިހާރު އޮންނަނީ ރަޝިއާގެ އަތްދަށުގަ އެވެ. އެތަން ހިފަން ޔުކްރޭން ކުރާ މަސައްކަތްތަކުގައި ރިއެކްޓަރު ބަހަލައްޓަން ތިބޭ ރަޝިއާ ސިފައިންނަށް އަމާޒުކޮށް ހަމަލާދޭ ކަމަށް ރަޝިއާ ބުނެ އެވެ.
ނިއުކްލިއާ ރިއެކްޓަރަށް ހަމަލާ ދެނީ ޔުކްރޭން ކަމަށް ރަޝިއާ ބުނާއިރު، ހަމަލާ ދެނީ ރަޝިއާ ސިފައިން ކަމަށް ޔުކްރޭން ބުނެ އެވެ.
ނިއުކްލިއާ ޕަވާ ޕްލާންޓަކީ ނުރައްކާތެރި ތަނެއް ކަމަށް ވިދާޅުވެ އދ. ގެ ސެކްރެޓަރީ ޖެނެރަލް ގުޓަރެސް ވިދާޅުވި ގޮތުގައި އަމިއްލަ ގައުމުގެ ދިފާއުގައި ދޭ ހަމަލާއަކުން އަމިއްލައަށް މަރުވެސް ވެދާނެ ކަމަށެވެ.
އުރުދުޣާން ވިދާޅުވި ގޮތުގައި ދެ ވަނަ ޗާނަބީލެއް ދުނިޔެ ބޭނުމެއް ނުވާނެ އެވެ. އެ މަނިކުވާނެ އެ އިޝާރާތް ކުރައްވަނީ ޗާނަބިލް ނިއުކްލިއާ ޕްލާންޓްގައި އޭޕްރީލް 26، 1986 ގައި ހިނގައި ދިއަ ނުރައްކާތެރި ހާދިސާއަށެވެ.
ޔުކްރޭންގެ ޗާނަބީލްގައި ހިނގި އެކްސިޑެންޓަށް ފަހު އެ އަވަށުގައި ހުންނަ ނިއުކްލިއާ ޕަވާ ޕްލާންޓަކީ ބޭނުންކުރާ ރިއެކްޓަރެއް ނޫނެވެ.
އެހެން ނަމަވެސް ފެބްރުއަރީ 24 ގައި ރަޝިއާ ސިފައިން ޔުކްރޭނަށް އަރައިގަނެ އެންމެ ފުރަތަމަ ހިސޯރުކުރި ތަންތަނުގެ ތެރޭގައި ޗާނަބީލް ނިއުކްލިއާ ޕަވާޕްލާންޓް ހިމެނެ އެވެ.
މި ބައްދަލުވުމުގައި ޒެލެންސްކީ ދުނިޔެއަށް ގޮވާލެއްވީ ރަޝިއާ ސިފައިން ޒަޕޮރިއްޒިއާއިން ބޭލުމަށެވެ. އަދި މުޅި ޔުކްރޭން ދޫކޮށް ފަޝިއާ ސިފައިން ދިއުމަށް ވެސް ޒެލެންސްކީ ގޮވާލެއްވި އެވެ.
މަސްރަހު ދިރާސާކުރާ ތަޖުރިބާކާރުން ވިދާޅުވާ ގޮތުގައި މަޝްވަރާ މޭޒު ދޮށުން ނޫން ގޮތަކަށް ޔުކްރޭން ހަނގުރާމާ ނުހުއްޓުވޭނެ އެވެ. ރަޝިއާ އާއި ޔުކްރޭން ދެ ގައުމަށް ކަމުދާ ގޮތަކަށް އެއްބަވުމެއް ހަދައިގެން ނޫން ގޮތަކަށް ދެ ގައުމު ސުލަހަ ނުކުރެވޭނެ ކަމަށް ވެސް ތަންދޮރު ދަންނަ މީހުން ބުނެ އެވެ.