ރަޝިއާ، ޔުކްރޭން ހަނގުރާމައިގެ ސަބަބުން ޔުކްރޭންގައި ތާށިވެފައި ހުރި ގޮވާން ޝިޕްމަންޓްތައް، ކަޅުކަނޑު ހުރަސްކޮށް ދުނިޔޭގެ ބާޒާރަށް ނެރުމަށްޓަކައި -- އދ އާއި ތުރުކީ ހެކިކޮށް، ރަޝިއާ އާއި ޔުކްރޭންއާ ދެމެދު -- ޖުލައި 22، 2022 ގައި ސޮއިކުރި އެއްބަސްވުމަށް ދެން އަމަލުނުކުރާނެ ކަމަށް ރަޝިއާ ބުނެފި އެވެ.
ޔުކްރޭން ގޮވާން ޑީލް ނުވަތަ "ބްލެކްސީ ގްރެއިން އިނީޝިއޭޓިވް" ހުއްޓާލަން ޖެހުނު ސަބަބެއް ކަމަށް ރަޝިއާގެ ރިޔާސީ ގަނޑުވަރުގެ ތަރުޖަމާން ދިމިތުރީ ޕެސްކޯފް ވިދާޅުވީ އެއްބަސްވުމާ އެއްގޮތަށް ހުޅަނގުގެ ގައުމުތަކުން އަމަލުކޮށްފައި ނުވާތީ ކަމަށެވެ.
ތުރުކީގެ އިސްތަންބޫލްގައި ސޮއިކުރި ބްލެކްސީ ގްރެއިން އިނީޝިއޭޓިވްގެ ދަށުން ޔުކްރޭންގެ ބަނދަރުތަކުން ގޮވާން ބަރުކޮށްގެން ކަޅުކަނޑު ހުރަސްކޮށް ތުރުކީއަށް ދަތުރުކުރާ އެއްވެސް އުޅަނދަކަށް ރަޝިއާ ހަމަލާއެއް ނުދޭނެ އެވެ. އަދި ގޮވާން އުޅަނދުފަހަރުގެ ހިމާޔަތާއި ރައްކާތެރިކަން ކަށަވަރުކޮށްދޭނެ ކަމަށްވެސް ރަޝިއާ އޮތީ ބުނެފަ އެވެ.
މި އެއްބަސްވުމުގެ ދަށުން ޔުކްރޭނުން ގޮވާން ބޭރުކުރަމުން ދާއިރު ރަޝިއާގެ ބަނދަރުތަކުން ވެސް ގޮވާމާއި ގަސްކާނާ ދުނިޔޭގެ ބާޒާރަށް ބޭރުކުރެވޭނެ ކަމަށް އޮތީ ބުނެފަ އެވެ. އެހެން ނަމަވެސް، ރަޝިއާ ބުނާ ގޮތުން އަދި އަދަށް ދާންދެންވެސް ރަޝިއާއަށް ކޮށްދޭނެ ކަމަށް ބުނެފައި އޮތް އެއްވެސް ކަމެއް ހުޅަނގުން ކޮށްދީފައެއް ނުވެ އެވެ.
އޭގެ ބަދަލުގައި ރަޝިއާއަށް ޖެއްސުންކުރުމާއި، ޔުކްރޭނަށް ބާރުގަދަ ހަތިޔާރު ފޯރުކޮށްދީގެން ރަޝިއާއަށް ބޮޑެތި ގެއްލުން ދިނުން ނޫން ކަމެއް ނުކުރާ ކަމަށް ރަޝިއާ ބުނެ އެވެ.
ބްލެކްސީ ގޮވާން ޑީލުން ރަޝިއާ ވަކިވުމުން، ގޮވާން ބަރާކޮށްގެން ދަތުރުކުރާ އުޅަނދުފަހަރަށް ލިބޭ ގެއްލުމަކަށް ރަޝިއާ ޒިންމާއެއް ނުވާނެ އެވެ. އަދި ކަޅުކަނޑުން ކިތަންމެ އުޅަނދެއް ދަތުރުކުރި ނަމަވެސް ހަމަލާ ބަދަލުކުރުމުގައި އެއިން އެއްވެސް އުޅަނދަކަށް ރަޝިއާ ސަމާލެއް ނުވާނެ އެވެ.
މި ޑީލުން ރަޝިއާ ބޭރުވެ އެއްބަސްވުން ހުއްޓުވި އަނެއް ސަބަބަކީ ކްރައިމިއާ ބްރިޖަށް ޔުކްރޭނުން ހަމަލާދިނުމެވެ.
އެމެރިކާ އާއި އިނގިރޭސިވިލާތުން ޔުކްރޭނަށް ފޯރުކޮށްދޭ ޖާސޫސީ މައުލޫމާތުގެ އަލީގައި، ރަޝިއާއަށް ބޮޑެތި ގެއްލުން ދިނުމަށް ޔުކްރޭނުން ރާވަމުން ގެންދާތީ ޔުކްރޭނަށް ފައިދާވާ އެއްވެސް ކަމެއްގައި ރަޝިއާ އިސްނުނަގަން ނިންމީ ކަމަށްވެސް ޕެސްކޯފް ވިދާޅުވި އެވެ.
ރަޝިއާއިން ގޮވާން ޑީލް ހުއްޓާލުމަކީ ވަރަށް ބޮޑު ހިތާމައެއް ކަމަށް އދ. ގެ ސެކްރެޓަރީ ޖެނެރަލް އެންޓޯނިއޯ ގުޓަރެސް ވަނީ ވިދާޅުވެފަ އެވެ.
ތުރުކީގެ ރައީސް ރަޖަބް ތައްޔިބު އުރުދުޣާން ވިދާޅުވި ގޮތުއި ގޮވާން ޑީލް ކުރިއަށް ގެންދިއުމާ ބެހޭ ގޮތުން ރަޝިއާގެ ރައީސް ލަޑިމިއާ ޕޫޓިންއާ މަޝްވަރާ ކުަރައްވާނެ އެވެ. އަދި މަޝްވަރާތަކުން ހެޔޮ ނަތީޖާ ނުކުންނާނެ ކަމަށް އުއްމީދުކުރައްވާ ކަމަށް ވެސް އުރުދުޣާން ވިދާޅުވި އެވެ.