ދުނިޔެ

ޔުކްރޭން ހަނގުރާމަ ފެށުނު ފަހުން ފުރަތަމަ ފަހަރަށް ބޯޓަކަށް ގޮވާން ބަރާކުރަނީ

ރަޝިއާ ސިފައިން ފެބްރުއަރީ 24 ގައި ޔުކްރޭނަށް އަރައިގަތް ފަހުން ގޮވާން ބޭރުކުރުން ހުއްޓިފައި އޮތުމަށް ފަހު އަލުން ގޮވާން އެކްސްޕޯޓް ކުރަން، ކުރަން ޖެހޭ މަސައްކަތްތައް އޮތީ ފެށިފައި ކަމަށް ޔުކްރޭންގެ ރައީސް ވޮލޮދިމީރު ޒެލެންސްކީ ވިދާޅުވެއްޖެ އެވެ.

ޒެލެންސްކީ ވިދާޅުވި ގޮތުން ތުރުކީގައި ރަޝިއާ އާއެކު ސޮއިކުރި އެއްބަސްވުމުގެ ދަށުން ގޮވާން ބަރުކުރާ ފުރަތަމަ ބޯޓު ދަތުރަށް ތައްޔާރުވާން ވަގުތުތަކެއް ދެން ނުނަގާނެ އެވެ.

ޔުކްރޭންގެ ރިޔާސަތުން ނެރުނު ބަޔާނެއްގައި ބުނެފައިވާ ގޮތުން ގޮވާން އެކްސްޕޯޓް ކުރުމަށްޓަކައި ޔުކްރޭންގެ ޗޮރުނޮމޯސްކްގެ ބަނދަރުގައި އޮތް ބޯޓެއް ބަރާކުރާ ތަނަށް ޒެލެންސްކީ ވަޑައިގެން މަސައްކަތްތައް ކުރިއަށްދާ ގޮތް ބައްލަަވާލެއްވި އެވެ.

ޔުކްރޭނުން ގޮވާން ބޭރުކުރަން ފެށުމުން ދުނިޔެއަށް ދިމާވެފައި އޮތް ކާބޯތަކެއްޗަށް ޖެހުމުގެ މައްސަލައަށް ލުއި ލިބޭނެ ކަމަށް ޒެލެންސްކީ ވިދާޅުވި އެވެ. އަދި ގޮވާން ބޭރުކުރުމަށް ބުރޫ ނާރައި އޮމާންކޮށް ކުރިއަށް ދާ ނަމަ ދުނިޔެއަށް ބޭނުންވާ ވަރަށް ގޮވާން ސަޕްލައި ކޮށްދެއްވާނެ ކަމުގެ ޔަގީންކަން ދެއްވާ ކަމަށް ވެސް ޒެލެންސްކީ ވިދާޅުވި އެވެ.

ޗޮރުނޮމޯސްކްގެ ބަނދަރުން މިހާރު ގޮވާން ބަރާކުރަނީ ތުރުކީގެ މުދާއުފުލާ ބޯޓާކަށް ކަމަށް ޒެލެންސްކީ ވިދާޅުވި އެވެ. އޭނާ އަދި ވިދާޅުވީ ދުވަސްތަކެއްގެ ބުރަ މަޝްވަރާއަށް ފަހު ބަނދަރު މިހާރު އެ އޮތީ ހުޅުވިފައި ކަމަށެވެ.

ގޮވާން އެކްސްޕޯޓް ކުރަން ރަސްމީކޮށް ފެށުނު ކަމަށް ވާނީ ހަނގުރާމަ ފެށުމުގެ ކުރިން ބަރާކޮށްފައި ހުރި ބޯޓުތަައް ބަނދަރުން ނުކުމެ ކަޅުކަނޑު ހުރަސް ކުރެވުމުން ކަމަށް ވެސް ޒެލެންސްކީ ވިދާޅުވި އެވެ.

ބޯޓުތައް ގޮވާމުން ބަރުކޮށް ދުނިޔެއަށް ސަޕްލައި ކުރަން ހަވާލުކުރައްވާނެ ކަމަށް ވިދާޅުވެ ޒެލެންސްކީ ވިދާޅުވީ ޔުކްރޭނުން ކުރަންޖެހޭ ކަމެއް ތާށިވެގެން ބޯޓު ބަރާނުކޮށް ނޯންނާނެ ކަމަށެވެ.

އދ. އާއި ތުރުކީ އަދި ޔުކްރޭންގެ އޮފިޝަލުން ޔުކްރޭންގައި ވެސް ހަރަކާތެރިވާނެ ކަމަށް ޒެލެންސްކީ ވިދާޅުވި އެވެ. ޔުކްރޭނާ ހިސާބުން ކަމެއް ގޯސްކޮށް ދިޔަނުދިނުމަށް އިންސްޕެކްޓަރުން ހޭލާ ތިބޭނެ ކަމަށް ވެސް ޒެލެންސްކީ ވިދާޅުވި އެވެ.