އދގެ ފުރިހަމަ މެމްބަރަކަށް ވުމަށް ފަލަސްތީނުން ޒަމާންތަކެއް ވަންދެން ކުރަމުން އައި މަސައްކަތްތަކަށް އދގެ އާންމު މަޖިލީހުން ތާއީދުކޮށް ގަރާރެއް ފާސްކޮށްފި އެވެ.
އާންމު މަޖިލީހުން 143 ވޯޓު ލިބިގެން ފާސްކުރި މި ގަރާރުގައި ބުނެފައިވަނީ ފަލަސްތީން އަކީ އދގެ ދާއިމީ މެމްބަރަކަށް ވުމަށް ހުރިހާ ޝަރުތެއް ފުރިހަމަވާ ގައުމެއް ކަމަށެވެ.
ފަލަސްތީނަށް ދާއީމީ މެމްބަރުކަން ދިނުމަށް މިދިޔަ މަހު ސަލާމަތީ މަޖިލީހުގައި ނެގި ވޯޓު ވީޓޯކޮށް އެމެރިކާއިން ފޭލިކޮށްފައިވާތީ މި މައްސަލަ އަލުން މުރާޖައާ ކުރުމަށްވެސް އާންމު މަޖިލީހުން ވަނީ އިލްތިމާސްކޮށްފަ އެވެ.
އާންމު މަޖިލީހުގައި މިއަދު ނެގި ވޯޓުގައި އެމެރިކާއާއި އިޒުރޭލުން ވަނީ ފަލަސްތީނަށް ދާއިމީ މެމްބަރުކަން ދިނުމަށް ދެކޮޅު ހަދާފަ އެވެ. އަދި އެއްވެސް ކޮޅަކަށް ޖެހެން 25 ގައުމަކުން ބޭނުމެއް ނުވި އެވެ.
ފަލަސްތީނަށް އދގެ ދާއީމީ މެމްބަރުކަން ދިނުމަށް ވަކާލާތުކުރާ ގައުމުތަކުން މިކަން އަވަސްކުރަން ގޮވާލުމުގެ އެންމެ ބޮޑު ސަބަބަކީ އިޒުރޭލުން ޣާއްޒާއަށް ދެމުން ގެންދާ އުދުވާނީ ހަމަލާތަކެވެ. އަދި ފަލަސްތީންގެ ބިންތައް ހިސޯރުކޮށް ޒަޔަނިސްޓުންނަށް ގެދޮރުއަޅައިދިނުމަށް އިޒުރޭލުން ހިންގަމުން ގެންދާ ޕްރޮޖެކްޓްތައް ފުޅާކުރަން ރާވާފައި އޮތުމުންނެވެ.
އާންމު މަޖިލީހުގައި މިއަދު ނެގި ވޯޓާ ގުޅިގެން އިޒުރޭލު ވަނީ ވަރަށް ބޮޑަށް ރުޅިއައިސްފަ އެވެ. ސަލާމަތީ މަޖިލީހުން ފަލަސްތީނާ މެދު އިހުސާންތެރި ގޮތަކަށް ދެކޭނަމަ އެމެރިކާއިން އދއަށް ދެމުން ގެންދާ އެހީތައް ކަނޑާލުމަށް ވެސް އިޒުރޭލުން ވަނީ ގޮވާލާފަ އެވެ.
އދގެ ދާއީމީ މެމްބަރަކަށް ވުމަށް ސަލާމަތީ މަޖިލީހުގައި ހިމެނޭ 15 ގައުމުން އާނއެކޭ ބުނަން ޖެހެ އެވެ. އެއަށް ފަހު ދެން ހުރި މަރުހަލާތައް އާންމު މަޖިލީހުން ފުރިހަމަކުރުމުން އެ ގައުމެއް ދާއިމީ މެމްބަރެއް ގޮތުގައި ސިއްކަ ޖެހެ އެވެ.
މިއަދު ފާސްކުރި ގަރާރާ ގުޅިގެން ސަލާމަތީ މަޖިލީހަށް މި މައްސަލަ އަލުން ވެއްދި ނަމަވެސް ދެންވެސް ކުރިމަތިލާން ޖެހޭނީ އެމެރިކާގެ ވީޓޯއާ އެވެ.
އެމެރިކާގެ އެންމެ ވޯޓާކުން ދުނިޔޭގެ ބޮޑުބައި ދެކޭ ގޮތް ފޭލިކޮށްލުމަކީ އިންސާފެއް ނޫން ކަމަށް ބުނެ އދގެ ވަރަށް ގިނަ ގައުމުތަކުން ވަނީ ނުރުހުން ފާޅުކޮށްފަ އެވެ.