ދުނިޔެ

ސައުދީއާ އެމެރިކާގެ ޑިފެންސް ޗީފުން މަޝްވަރާ ކުރައްވައިފި

ޔޫއެސް ޑިފެންސް ސެކްރެޓަރީ ލޮއިޑް އޮސްޓިން ސައުދީ ޑިފެންސް މިނިސްޓަރު، ޕްރިންސް މުހައްމަދު ބިން ސަލްމާންއަށް ގުޅުއްވައި ސަރަހައްދީ ހާސްކަމާ ގުޅޭ ގޮތުން މަޝްވަރާކުރައްވައިފި އެވެ. ޕެންޓަގަނުން ބުނި ގޮތުން ދެގައުމުން ގުޅިގެން މިހާރު ވެސް ހިންގަމުން އަންނަ ދިފާއީ ޕްރޮގްރާމްތައް މެދުކެނޑުމެއް ނެތި ކުރިއަށް ދާނެކަން ސައުދީއަށް ކަށަވަރުކޮށްދީފައި ވާނެ ކަމަށެވެ.

އޮސްޓިން ވިދާޅުވި ކަމަށް ޑިފެންސް ޑިޕާޓްމަންޓްގެ ބަޔާނުގައި ވަނީ ޔަމަނުގައި ހިނގާ ހަނގުރާމަ ނިމެންޖެހޭކަން ޕްރިންސްއަށް ދެންނެވި ކަމަށާއި އެމެެރިކާއާ އެކު ސިޔާސީ އެއްބަސްވުމަކަށް ސައުދީ ރުހިފައިވާތީ ޝުކުރުދެންނެވި ކަމަށެވެ.

ދެގައުމުގެ ދިފާއީ ވެރިން ދެއްކެވި ވާހަކަތަކުގެ ތެރޭގައި މެދުއިރުމަތީގައި އީރާނުން ހިންގަފާނެ ހަމަނުޖެހުންތަކާއި މަދަނީ ސަރަހައްދުތަކަށް ޓެރަރިސްޓުންދޭ ހަމަލާތައް ހުއްޓުވަން ދެގައުމު ބައިވެރިވާ ރޭވުންތެރިކަމެއްގެ މުހިންމުކަން ހިމެނެ އެވެ.

ޔޫއެސް ޑިފެންސް ޗީފް ވިދާޅުވި ގޮތުން ސައުދީއަކީ މެދުއިރުމަތީގައި ދިފާއީ ނާރެހެކެވެ. ސަރަހައްދުގެ ރައްކާތެރިކަން ދެމެހެއްޓުމުގައި ސައުދީ މުހިންމު ކަމަށް ވެސް އޮސްޓިން ވިދާޅުވި އެވެ. އަދި ސަރަހައްދީ ދިފާއީ މަސްއޫލިއްޔަތު ހިއްސާކުރުމުގެ މުހިންމުކަމާ މެދު ވެސް ދެވެރިން މަޝްވަރާކުރެއްވި ކަމަށް ބަޔާނުގައިވެ އެވެ.

އެމެރިކާ ސަރުކާރާ ޖޯ ބައިޑަން ހަވާލުވެ ވަޑައިގެންނެވި ފަހުން މިއީ ޕްރިންސް މުހައްމަދު ބިން ސަލްމާންއަށް ޑިފެންސް ސެކްރެޓަރީ ގުޅުއްވި ފުރަތަމަ ފަހަރެވެ. އަދި ސައުދީ އިސްވެ ޔަމަނުގައި ހިންގާ ހަނގުރާމައަށް އެމެރިކާއިން ސަޕޯޓް ހުއްޓާލި ނަމަވެސް ދެގައުމުގެ ގާތްކަމަށް ބަދަލު ނާންނަކަން ވެސް މިބައްދަލުވުމުން ދޭހަވެ އެވެ.

ޖޯބައިޑަން ސަރުކާރުން ބުނާ ގޮތުން ސައުދީއަކީ އެމެރިކާގެ ތަންފީޒީ ބައިވެރިއެކެވެ. އެހެން ނަމަވެސް ޔަމަނުގައި ހިނގާ ހަނގުރާމަ ހުއްޓާލަން ޖެހެ އެވެ. އެއީ ޚަރަދު ބޮޑު އަދި ގެއްލުން ބޮޑު ހަނގުރާމައެއް ކަމަށް އެމެރިކާ ބުނެ އެވެ.