ރައީސް ޖޯ ބައިނޑަންގެ ސަރުކާރާއެކު ބަދަހި ގުޅުމަކަށް އުންމީދު ކުރައްވާ ކަމަށާއި ގަލްފު ގައުމުތަކުން އެމެރިކާއާއެކު ކުރަމުން އައި މަޝްވަރާތައް ހުއްޓުމެއް ނެތި ކުރިއަށް ދާނެ ކަމަށް ގަބޫލުފުޅު ކުރައްވާ ކަމަށް ސައޫދީ ފޮރިން މިނިސްޓަރު ޕްރިންސް ފައިސަލް ބިން ފަރުހާން އަލް ސައޫދު ވިދާޅު ވެއްޖެ އެވެ.
އޭނާ ވިދާޅުވީ އީރާންގެ ނިއުކްލިއާ ޑީލާބެހޭ ގޮތުން ވެސް ވޮޝިންޓަނާ މަޝްވަރާ ކުރަން ތައްޔާރަށް ހުންނެވި ކަމަށެވެ.
އެމެރިކާގެ ސެކްރެޓަރީ އޮފް ސްޓޭޓް، އެންތަނީ ބްލިކެން ވެސް ވަނީ މި މޭރުމުން ބަސް ވިދާޅުވެފަ އެވެ. އޭނާ ވިދާޅުވީ އީރާނާއެކު މަޝްވަރާއަށް ދިއުމުގެ ކުރިން އިޒްރޭލް އަދި އަރަބި އެކުވެރިންނަށް ދަންނަވާނެ ކަމަށެވެ.
ޕްރިންސް ފައިސަލް ވިދާޅުވީ އެމެރިކާއާއެކު އަބަދުވެސް ގާތްގުޅުމެއް އޮންނަ ކަމަށާއި ބައިޑަން ސަރުކާރާއެކު ވެސް ހަރުދަނާ ގުޅުމެއް ދަމަހައްޓަވާނެ ކަމަށެވެ.
މެދުއިރުމަތީ ގައުމުތަކާ ގުޅޭ ގޮތުން ބައިޑަން ކެމްޕޭން ރެލީތަކުގައި ވާހަކަފުޅު ދައްކަވަމުން ވިދާޅުވީ ގައުމަތަށް އަލުން މުތޯލިއާކު ރައްވާނެ ކަމަށާއި ޔަމަންގައި ހިނގާ ހަނގުރާމަތައް ހުއްޓުވަން ޖެހޭ ކަމަށެވެ.
އެމެރިކާއިން ވަކިވެފައި އޮތް އީރާން ނިއުކްލިއާ އެގްރީމެންޓަށް ވަޑައިގަންނަވަން މަސައްކަތް ކުރައްވާނެ ކަމަށް ބައިޑަން ވެސް ވަނީ ވިދާޅުވެފަ އެވެ. އެ މަނިކުފާނު ވިދާޅުވީ ވޮޝިންޓަން އޮތީ ތައްޔާރަށް ކަމަށާއި އީރާނުން ވެސް މިކަމަށް ރުހެން ޖެހޭނެ ކަމަށެވެ.
އީރާނުން ބުނީ އެމެރިކާއިން ދަތިކުރަން އަޅާފައި ހުރި ފިޔަވަޅުތައް ނައްތާލައިފި ނަމަ މަޝްވަރާއަށް ތައްޔާރު ކަމަށެވެ.