ދުނިޔެ

ޗައިނާގެ ރައީސް ސައުދި އަރަބިއްޔާއަށް ވަޑައިގަންނަވަނީ

ސައުދި އަރަބިއްޔާއާއި އެމެރިކާއާ ދެމެދު ބައެއް މައްސަލަތަކުގައި ދެބަސްވުން އުފެދިފައި ވަނިކޮށް ޗައިނާގެ ރައީސް ޝީ ޖިންޕިން ރަސްމީ ދަތުރުފުޅެއް ކުރެއްވުމަށް ރޭވެމުންދާ ކަމަށް ރިޕޯޓްތައް ބުނަން ފަށައިފި އެވެ.

ނޫސްތަކުން މި ހަބަރުތައް ރިޕޯޓްކޮށްފައިވަނީ ޗައިނާއާއި ސައުދީގެ އޮފިޝަލުންތަކަކާ ހަވާލާދީ އެވެ. ދެ ގައުމުގެ ރަސްމީ އިދާރާތަކުން އަދި މިވާހަކަތަކެއް ނުދައްކަ އެވެ.

ސައުދި އަރަބިއްޔާ އަށް ޝީ ވަޑައިގަތުމަށް ހަމަޖެހިފައިވަނީ އަންނަ ބުރާސްފަތި ދުވަހު ދެ ދުވަހުގެ ދަތުރުުފުޅެއްގައި ކަމަށްވެ އެެވެ. ޝީގެ މި ދަތުރުފުޅުގައި ސައުދި އަރަބިއްޔާގައި އަރަބި ބައެއް ގައުމުތަކުގެ މެދުގައި ބާއްވާ މަހާސިންތާއެއްގައި ބައިވެރިވެވަޑައިގަތުމަށް ހަމަޖެހިފައިވާ ކަމަށްވެސް ރިޕޯޓްކޮށްފައިވެ އެވެ.

ނަން ހާމަކުރަން ބޭނުން ނުވާ އޮފިޝަލަކު ވިދާޅުވެފައިވަނީ ޝީގެ މި ދަތުރުފުޅުގައި ގަލްފް ކޯޕަރޭޝަން ކައުންސިލް (ޖީސީސީ)އާ އެކު ވެސް މުހިއްމު މަޝްވަރާތަކެއް ކުރިއަށް ގެންދަވާނެ ކަމަށެވެ. މިބައްދަލުވުމުގައި ޗައިނާއާއި އެކު އަރަބި ގައުމުތަކުގެ ގުޅުންތައް ވަރުގަދަކޮށް އިގްތިސާދީ ފައިދާތައް ހޯދޭނެ ގޮތްތަކާ ގުޅޭގޮތުން މަޝްވަރާ ކުރުމަށް ހަމަޖެހިފައިވެ އެވެ.

ޗައިނާގެ ރައީސް ސައުދި އަރަބިއްޔާ އަށް ދަތުރުފުޅެއް ކުރެއްވުމަށް ހަމަޖެހިފައިވާ މިވަގުތުގައި ޖީސީސީގެ މަހާސިންތާ ރިޕޯޓްކުރަން ބޭނުންވާ ރިޕޯޓަރުން ރަޖިސްޓްރީވުމަށް ސައުދީން އަންގާފައިވާ ކަމަށްވެސް ބައެއް ނޫސްތަކުން ބުނެ އެވެ. ނަމަވެސް މަހާސިންތާގެ ވަކި ތާރީހެއް ދީފައި ނުވާ ކަމަށްވެ އެެވެ.

ސައުދި އަރަބިއްޔާއާ އެކު އެމެރިކާ ދަމަހައްޓަމުން އައި ޒަމާންވީ ގުޅުމަށް ލޮޅުން އެރީ ސައުދި އަރަބިއްޔާ އިސް ދައުރެއް އަދާކުރާ އޯޕެކް ޕްލަސްގެ ގައުމުތަކުން ތެލުގެ އަގު ކޮންޓްރޯލް ކުރުމަށްޓަކައި އެ ގައުމުތަކުން އުފައްދަމުންދާ ތެލުގެ އަދަދު މަދުކުރުމާ ގުޅިގެންނާއި ސައުދީގެ ނޫސްވެރިޔާ ތުރުކީގައި މަރާލި މައްސަލައިގައި ސައުދި އަރަބިއްޔާގެ ވަލީއަހްދު މުހައްމަދު ބިން ސަލްމާނަށް އެމެރިކާގެ މިހާރުގެ ސަރުކާރުން ކުރަމުންދާ ތުހުމަތުތަކާ ގުޅިގެންނެވެ.

ރަޝިއާއި ޔުކްރޭން ހަނގުރާމަ ހިނގަމުންދާއިރު ރަޝިއާ އަށް ދަތިކުރަން ސައުދީން އެއްވެސް ފިޔަވަޅެއް ނާޅައި ހަނގުރާމާގައި ރަޝިއާ އާއި އެއްކޮޅަށް ސައުދީން ތިބި ކަމަށް އެމެރިކާ އިން ތުހުމަތުކުރުމަކީވެސް ދެ ގައުމުގެ ދެމެދުގައި ކުނި ޖެހިފައިވާ މައްސަލަ އެކެވެ.