ދުނިޔެ

ބައިޑަން ސައޫދީއާ މަޝްވަރާ ކުރައްވަނީ

އެމެރިކާގެ ރައީސް ޖޯ ބައިޑަންގެ އޮފިޝަލުން މިހާރު ވެސް ތިބީ ސައުދީގެ ވެރިރަށް ރިޔާޒްގަ އެވެ. އެއީ ސައޫދީ މެދުވެރިނުކޮށް ކުރެވެން ނެތް ކަންތައްތަކަކަށް މަގުފަހިކުރުމަށް މަޝްވަރާ ކުރުމަށެވެ.

ޖޯ ބައިޑަންގެ ޒައާމަތުގައި ސައޫދީ ދަނީ އެމެރިކާއާ ދުރަށެވެ. އެއީ ބައިޑަންގެ ސަރުކާރުން ސައޫދީ ބާއްވަން ބޭނުންވާ ހިސާބެވެ. އެހެން ނަމަވެސް، ދުނިޔޭގެ ސިޔާސަތު ބަދަލުވުމާއެކު އެމެރިކާއަށް ވަނީ ސައޫދީގެ މުހިންމުކަން ބޮޑުވެފަ އެވެ.

ސައޫދީ ލައްވައި އެމެރިކާ ކުރުވަން އެދޭ ދެތިން ކަމެއް އެބަ އޮތެވެ. އެންމެ ބޮޑު ކަމަށް މިވަގުތު އޮތީ ދުނިޔެއަށް ބޭނުންޖެހިފައި އޮތް ހަކަތަ މާކެޓް ތިލަފަތް ހަމަކުރުމެވެ.

ރަޝިއާ ސިފައިން ޔުކްރޭނަށް އަރައިގަނެ ދެމުން ގެންދާ އުދުވާނީ ހަމަލާތަކަށް ބަދަލުހިފުމުގެ ގޮތުން އެމެރިކާ އާއި ޔޫރަޕުން އޮތީ އެހެން ގޮތެއް ފެނުނުހާ އަވަހަށް ރަޝިއާގެ ހަކަތަ ބޭނުންކުރުން ހުއްޓާލާނެ ކަމަށް ބުނެފަ އެވެ.

އެމެރިކާއިން ސައޫދީއާ މަޝްވަރާ ކުރަނީ އޯޕެކް ގައުމުތަކުން ދުނިޔޭގެ މާކެޓަށް ނެރޭ ތެލުގެ އަދަދު އިތުރުކުރުމަށެވެ. އެއީ ސައޫދީ ބުނެގެން ނޫން ގޮތަކަށް އޯޕެކް ގައުމުތަކުން ވަކި ގޮތެް ނުނިންމާނެކަން އެމެރިކާއަށް އެނގޭތީ އެވެ.

އެމެރިކާއާ އާއި ޔޫރަޕަށް ބޭނުންވާ ކަހަތަ -- ތެލާއި ގުދުރަތީ ގޭސް، މެދުކެނޑުމެއް ނެތި ލިބޭނެ ގޮތް ހެދުމަކީ ވެސް ސައޫދީއަށް މިވަގުތު ކޮށްދެވެން އޮތް ކަމެކެވެ.

ރިޕޯޓްތައް ބުނާ ގޮތުން ޖޫން މަހު ފަހުކޮޅު ޖޯ ބައިޑަން މެދުއިރުމައްޗަށް ވަޑައިގަންނަވާނެ އެވެ. މި ދަތުރުގައި ސައުދީއަށް ޒިޔާރަތް ކުރައްވާނެ ކަމަށް ވެސް ރިޕޯޓްތައް ބުނެ އެވެ. އެހެންނަމަވެސް، ވައިޓް ހައުސް އަދި އެމެރިކާގައި ހުންނަ ސައުދީ އެމްބަސީން ވެސް މިކަމާ ބެހޭ ގޮތުން އަދި އެކައްޗެއް ވެސް ނުބުނެ އެވެ.

ސައޫދީ ކިބައިން އެމެރިކާ އެދޭ އަނެއް ކަމަކީ އިޒްރޭލާއެކު ގާތް ގުޅުމެއް އުފެއްދުމެވެ. ގަލްފް ގައުމުތަކުގެ މެދުގައި އިޒްރޭލަކީ އެކުވެރިއަކަށް ހަދައި ވިޔަފާރި ބައިވެރިއަކަށް ހެދުމެވެ.

އެހެން ނަމަވެސް، ސައޫދީން ބުނެފައި އޮތީ ފަލަސްތީންގެ މައްސަލަ އެ އޮތް ގޮތަށް އޮއްވައި އިޒްރޭލާއެކު ގުޅުން ބަދަހިނުކުރެވޭނެ ކަމަށެވެ. ފަލަސްތީނަށް މިނިވަން ދައުލަތެއް ލިބެންދެން ސައުދީގެ ސިޔާސަތަށް މާބޮޑު ބަދަލެއް ނުގެނެވޭނެ ކަމަށެވެ.