އިޒްރޭލުގެ އަސްކަރީ ފައުުޖުތަކުން ފަލަސްތީންގެ ޣައްޒާއަށް ދެމުންގެންދާ ހަމަލާތަކުގައި -- ހުސްއަތާ ތިބި އާންމުންގެ އެކަކަށް ވެސް އަނިޔާކޮށްގެން ނުވާނެ ކަމަށް ސައޫދީ އަރަބިއްޔާގެ ހާރިޖީ ވުޒާރާއިން އެމެރިކާގެ ސެކްރެޓަރީ އޮފް ސްޓޭޓް އެންތަނީ ބްލިންކެންއަށް ދަންނަވައިފި އެވެ.
ހާރިޖީ ވަޒީރު ފައިސަލް ބިން ރަހުހާންއާ ހަވާލާދެއްވައި ނެރެފައި އޮތް ބަނާނެއްގައި ބުނެފައިވާ ގޮތުން، އާންމުންނަށް ހަމަލާތައް އަމާޒުކޮށްގެން ނުވާނެކަން އިޒްރޭލަށް އެންގުމަށްވެސް ވަނީ ބްލިންކެންއަށް ދަންނަވާފަ އެވެ.
ފަލަސްތީނުން މިއަދު އެ ފެންނަ މަންޒަރުތަކަކި އެ މީހުންގެ ހައްގުތައް ނިގުޅައިގަތުމަށްފަހު ދެމުން ގެންދާ ޒަމާންވީ އަނިޔާތަކުގެ ނަތީޖާ ކަމަށްވެސް ސައުދީން ވަނީ ބުނެފަ އެވެ.
މެދުއިރުމަތީގައި އަދި ފަލަސްތީންގައި މަސްލަހަތު ގެއްލުމަކީ ސައުދީ ވަރަށް ކަންބޮޑުވާ ކަމެއް ކަމަށްވެސް ހާރިޖީ ވުޒާރާގެ ބަޔާނުގައި ވެއެވެ. ނުފޫޒު ގަދަ ގައުމުތަކުން މިކަމުގެ ތެރެއަށް ވަދެ މަސްލަހަތު ހިމާޔާތްކުރުމަށް ދަންނަވާ ކަމަށްވެސް ބަޔާނުގައި ވެއެވެ.
ސައޫދީ އަރަބިއްޔާއިން ވަނީ ސަރަހައްދީ ގައުމުތައް، މިސްރާއި ޖޯޑަންގެ ހާރީޖީ ވަޒީރުންނަށް ފޯނުކުރައްވައި ފަލަސްތީންގެ މަސްލަހަތު ހިމާޔަތްކުރުމަށް ދަންނަވާފަ އެވެ. އަދި ކޮންމެ ގައުމަކުން އެ ގައުމަކަށް ކުރެވުނު ކަމެއްކޮށް މަސްރަހު ފިނިކުރުމަށް ދަންނަވާފަ އެވެ.
ފަލަސްތީން، އިޒްރޭލު ހަމަނުޖެހުންތައް މިހާރު އޮތީ މިއިން ޒަމާނަކު ވެސް ބޮޑުނުވާ ވަރަށް ބޮޑުވެފަ އެވެ. ސަބަބަކީ ހަމާސްއިން އިޒްރޭލަށް ދިން ކުއްލި ހަމަލާތަކުގައި އިޒްރޭލުގެ އާންމުންގެ ގިނަ ބަޔަކު މަރާލުމެވެ.
ޣައްޒާގެ ރޮކެޓްތަކުން އިޒްރޭލަށް ވަރަށް ބޮޑު ގެއްލުމެއް މިފަހަރު ވަނީ ދީފަ އެވެ. ފަލަސްތީންގެ އަވަށްތަކުގައި ގެދޮރުއަޅައިގެން ތިބި ޔަހޫދީންގެ ބައެއް އާއިލާތައް ވަނީ ބިރުން ދުވެ ފިލާފަ އެވެ.
އިޒްރޭލުގެ ވެރިރަށް ތެލްއަވީވަށާއި ޖެހިގެން އޮނަން އަވަށްތަކަށް ހަމާސްގެ ރޮކެޓްތައް ވަނީ ވާރޭވެހޭހެން ވެހިފަ އެވެ.
އިޒްރޭލަށް ލިބިފައި އޮތް އަސްކަރީ ބާރުވެރިކަމާ އެކުވެސް، ޣައްޒާއިން ފޮނުވި ވަރަށް ގިނަ ރޮކެޓް އިޒްރޭލުގެ ތެރެއަށް ވަނީ އޮހިފަ އެވެ.
ހަމާސްއަށް ތާއީދުކުރާ ހަނގުރާމަވެރި ގުރޫޕްތަކުން އިޒްރޭލު ބޯޑަރު ހުރަސްކޮށް އެ ގައުމަށް އަރައި އާއިލާތައް އަސީރުކޮށް އަދި އިމާރާތްތަކުގައި ވަނީ ހުޅުޖަހާފަ އެވެ.
ޣައްޒާގައި އަސީރުކޮށްފައި ތިބި މީހުންގެ ތެރޭގައި އިޒްރޭލު ސިފައިންނާއި އާންމުން ހިމެނޭ ކަމަށް އިޒްރޭލުގެ ނޫސްތަކުންވެސް ކަށަވަރުކޮށްދެ އެވެ.