ސައުދީ އަަރަބިއްޔާ

އަރަމްކޯއަށް އިތުރު ހަމަލާތަކެއް ދޭނަން: ހޫތީ

ސައުދީގެ މައި ތެޔޮ ކުންފުނި ކަމަށްވާ އަރަމްކޯގެ ފެސިލިޓީޒަށް އިތުރު ހަމަލާތަކެއް ދިނުމަށް ތައްޔާރުވެފައިވާ ކަމަށް، އަރަމްކޯއަށް ދިން ޑްރޯން ހަމަލާގެ ޒިންމާ އުފުލި ހޫތީ ހަނގުރާމަވެރިންގެ ޖަމާއަތުން ބުނެފި އެވެ.

ހޫތީ ޖަމާއަތުން މިއަދު ބުނީ، މީގެ ކުރިން ދިން ޑްރޯން ހަމަލާތަކުގައި އަރަމްކޯ ފެސިލިޓީޒް އެއްކޮށް ސުންނާފަތިވެފައިނުވާ ކަމަށެވެ. އެހެންކަމުން، ސުންނާފަތިނުވެ ހުރި ތެޔޮ ޕްލާންޓުތަކަށް ކޮންމެ ވަގުތަކު ވެސް ހަމަލާއެއް އަތުވެދާނެ ކަމަށެވެ.

އިތުރު ހަމަލާތަކެއް ދޭން އުޅޭކަމުގެ އިންޒާރު ދެމުން ހޫތީން ބުނީ، އަރަމްކޯގެ ކާރުހާނާ ހުންނަ ސަރަހައްދުގައި ތިބި ޓޫރިސްޓޫން އެ ސަރަހައްދު ދޫކޮށް ދިޔުމަށް އެދޭ ކަމަށެވެ. އަދި ބުނީ، ސައުދީގެ އިގްތިސޯދާ ގުޅިލާމެހިފައިވާ އަރަމްކޯއަށް ހަމަލާ ނުދޭނެ ގޮތަކީ ބައިނަލްއަގްވާމީ މުޖްތަމުން ޔަމަނަށް އެހީ ފޯރުކޮށް ދޭއިރު ހުރަސް އަޅަން ސައުދީން އަޅާފައިވާ ދަތިކުރުމުގެ ފިޔަވަޅުތައް އުވާލުމުން ކަމަށެވެ.

ހަނގުރާމައިގެ ސަބަބުން ޔަމަނުގެ ގިނަ ބަޔަކު ވަނީ ކާބޯތަކެތި ނުލިބި ހާލުގައި ޖެހިފަ އެވެ. ޔަމަނަށް ކާބޯތަކެތި ގެންދިޔުމުގެ މަސައްކަތް އދ. އާއި އެހެނިހެން ގައުމުތަކުން ކުރަން ފެށުމުން، ސައުދީން ވަނީ، ޔަމަނަށް އެތެރެވޭ ހުރިހާ މަގެއް ބަންދު ކޮށްފަ އެވެ. އެގޮތުން ވައިގެ މަގާއި ކަނޑާއި އެއްގަމު މަގު ސައުދީގެ އަސްކަރިއްޔާއިން ދަނީ ބަލަހައްޓަމުންނެވެ.

އަރަމްކޯއަށް ޑްރޯން ހަމަލާ ދީފައި ވަނީ ހޫތީން ކަމަށް އެ ޖަމާއަތުގެ ކަށަވަރުކޮށްދިން ނަމަވެސް އެމެރިކާއިން ބުނަމުންދަނީ އަރަމްކޯއަށް ހަމަލާދީފައި ވަނީ އިރާނުން ކަމަށެވެ. އިރާނުން ވަނީ މި ތުހުމަތު ދޮގު ކޮށްފަ އެވެ.

އެ ހަމަލާގެ ސަބަބުން ގަލްފު ސަރަހައްދުގެ ހަމަޖެހުމަށް މިހާރު އިތުރު ނުތަނަވަސްކަމެއް އައިސްފައިވާއިރު، ދުނިޔޭގެ ތެލުގެ ބާޒާރުގައި އަގު ބޮޑުވާނެ ކަމަށް ވެސް ވަނީ ބެލެވިފަ އެވެ.

ސައުދީން ތެޔޮ ގަންނަ އެމެރިކާގެ ކެލިފޯނިއާގައި މިހާރު ވެސް ވަނީ ތެލުގެ އަގު އުފުލިފަ އެވެ. މެދު އިރުމައްޗަށްވުރެ ކުރިން އޭޝިއާގެ ގައުމުތަކުގައި ތެލުގެ އަގު ބޮޑުވާނެ ކަމަށް ހަކަތައިގެ ދާއިރާ ދިރާސާކުރާ ފަރާތްތަކުން ދަނީ ބުނަމުންނެވެ.