ޑޮނަލްޑް ޓްރަމްޕް

އެމެރިކާ އޮތީ އިރާނަށް ހަމަލާ ދޭން ތައްޔާރުވެފައި: ޓްރަމްޕު

އިރާންގެ އިގްތިސޯދީ ސަރަހައްދަށް އެމެރިކާގެ ހަނގުރާމަވެރި މަތިންދާބޯޓެއް ވަން މައްސަލައެއްގައި އެމެރިކާއަށް މިސައިލް ހަމަލާއެއް ދޭން ޖެހިދާނެ ކަމަށް ބުނެ އިރާނުން އިންޒާރު ދިނުމުން އެމެރިކާއިން ވެސް އިރާނަށް ރައްދު ދީފި އެވެ.

އިރާންގެ އިގްތިސޯދީ ސަރަހައްދަށް އެމެރިކާގެ ބޯޓެއް ވެދެފައިވަނީ ސައުދީގެ ތެޔޮ ކުންފުންޏަށް ދިން ޑްރޯން ހަމަލާގެ ފަހަތުގައި ވަނީ އިރާން ކަމަށް އެމެރިކާގެ ސެކްރެޓަރީ އޮފް ސްޓޭޓް މައިކް ޕޮމްޕިއޯ ތުހުމަތު ކުރެއްވިތާ މަދު ވަގުތު ކޮޅެއްގެ ތެރޭގަ އެވެ.

ސައުދީގެ ތެޔޮ ކުންފުނި އަރަމްކޯގެ ފެސިލިޓީޒަށް ދިން ހަމަލާގެ ޒިންމާ ޔަމަނުގެ ހޫތީ ހަނގުރާމަވެރިން އުފުލާފައި ވިޔަސް، އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕު ވިދާޅުވީ، ހަމަލާ ދިން ފަރާތަކީ ކޮބައިކަން ރަސްމީކޮށް ސައުދީން އާންމު ކުރުމުން އެބަޔަކާ ދެކޮޅަށް ހަމަލާ ދޭނެ ކަމަށެވެ.

"ވައިޓް ހައުސްއަށް އެނގޭ ތެޔޮ ކުންފުންޏަށް ހަމަލާ ދިން މީހުން، އަދި އެފަރާތަށް ހަމަލާ ދޭން އެމެރިކާގެ އަސްކަރިއްޔާ ވަނީ ތައްޔާރުވެފައި. މަޑުމިކުރަނީ ހަމަލާ ދިން ބަޔަކު ސައުދީން ބުނަންދެން،" ޓްރަމްޕު ވިދާޅުވި އެވެ.

މިސައިލް ހަމަލާއެއް އިރާނަށް ހަމަލާ ދިނުމުގެ ގޮތުން އެމެރިކާގެ ސެކިއުރެޓީ ކައުންސިލުން ވަނީ އިއްޔެ ބައްދަލުވުމެއް ވެސް ބާއްވާފަ އެވެ. ނަމަވެސް އިރާނުން ވަނީ އަރަމްކޯއަށް ހަމަލާދިން ކަމަށް ކުރާ ތުހުމަތު ދޮގު ކޮށްފަ އެވެ.

ސައުދީގެ ތެޔޮ ކުންފުންޏަށް ދިން ހަމަލާގެ ތުހުމަތު އިރާނަށް ކުރުމާ ގުޅިގެން ގަލްފު ސަރަހައްދުގެ މަޝްރަހު ވަނީ އިތުރަށް ހަލަބޮލިވެފަ އެވެ. ހަމަލާދީނީ އިރާންކަން ސާބިތު ކުރުމަށް އެމެރިކާއިން ވަނީ މިހާރު އެ ގައުމުގެ ޖާސޫސީ އިދާރާތަކަށް ހެކި ހޯދަން ވެސް އަންގާފަ އެވެ.