ޑޮނަލްޑް ޓްރަމްޕް

އިރާނާއެކު ހަނގުރާމަ ނުކޮށް ވޭތޯ ބަލާނަން: ޓްރަމްޕު

ސައުދީ އަރަބިއްޔާގެ އަރަމްކޯއަށް އަމާޒުކޮށް އިރާނުން ޑްރޯން ހަމަލާދިން ކަމުގެ ޖާސޫސީ ހެކި ލިބިފައިވީ ނަމަވެސް އެންމެ ބޮޑު އިސް ކަމެއް ދޭނީ އިރާނާއެކު ކުރަންޖެހޭ ހަނގުރާމަ ނުކޮށް ވޭތޯ ބަލަން ކަމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕު ވިދާޅުވެއްޖެ އެވެ.

ޓްރަމްޕު ވިދާޅުވީ އަރްމްކޯ ފެސިލިޓީޒަށް ހަމަލާދިނުމުގެ ފަހަތުގައި ވަނީ އިރާން ކަމަށް ސާބިތު ކުރެވޭވަރުގެ ހެކި ލިބިފައިވާ ކަމަށެވެ. އަދި މިއީ އިރާނާއެކު ހަނގުރާމައެއް ކުރަންޖެހޭ އެންމެ ބޮޑަށް މުނާސަބު ވަގުތު ކަމަށް ވެސް ޓްރަމްޕު ވިދާޅުވި އެވެ. އަރްމްކޯއަށް އަމާޒުކޮށް ހަމަލާދިން މައްސަލައިގައި އެމެރިކާ އިރާނަށް ހަމަލާނުދީ މަޑު ކޮށްގެން ތިބީ އިތުރު ހެކި ހޯދައި އަދި ސައުދީން ހަމަލާގެ ޒިންމާ އަޅުވާ ބައެއް ބަލަން ކަމަށް ވެސް ޓްރަމްޕު ވިދާޅުވި އެވެ.

އަރަމްކޯއަށް ހަމަލާ ދިނުމުގެ ސަބަބުން ދުނިޔޭގެ ތެލުގެ ބާޒަރުގެ ފަސް ޕަސަންޓަށް އޭގެ ގެއްލުން ލިބި ތެލުގެ އަގު އުފުލިފަ އެވެ. ތެލުގެ އަގު ބޮޑުވުމުގެ ސަބަބުން އެންމެ ބޮޑަށް ގެއްލުން ވެފައިވަނީ އެމެރިކާގެ ކެލިފޯނިއާށެވެ. އަރްމްކޯއަށް ހަމަލާ ދިނުމުގެ ފަހަތުގައި ވަނީ އިރާން ކަމަށް ކުރާ ތުހުމަތު އެ ގައުމުން ވަނީ ދޮގުކޮށްފަ އެވެ.

ހަމަލާދިންކަމުގެ ޒިންމާ އުފުލާފައިވަނީ ސައުދީއާ ދެކޮޅަށް ހަނގުރާމަ ކުރަމުންދާ ޔަމަނުގެ ހޫތީ ޖަމާއަތުންނެެވެ. އެ ޖަމާއަތުން ބުނި ގޮތުގައި އިތުރު ހަމަލާތެކެއް އަރަމްކޯއަށް އަމާޒު ކުރާނެ އެވެ. އިތުރު ހަމަލާތަކެއް ދޭން އުޅޭކަމުގެ އިންޒާރު ދެމުން ހޫތީން ބުނީ، އަރަމްކޯގެ ކާރުހާނާ ހުންނަ ސަރަހައްދުގައި ތިބި ޓޫރިސްޓޫން އެ ސަރަހައްދު ދޫކޮށް ދިޔުމަށް އެދޭ ކަމަށެވެ.

އަދި ބުނީ، ސައުދީގެ އިގްތިސޯދާ ގުޅިލާމެހިފައިވާ އަރަމްކޯއަށް ހަމަލާ ނުދޭނެ ގޮތަކީ ބައިނަލްއަގްވާމީ މުޖްތަމުން ޔަމަނަށް އެހީ ފޯރުކޮށް ދޭއިރު ހުރަސް އަޅަން ސައުދީން އަޅާފައިވާ ދަތިކުރުމުގެ ފިޔަވަޅުތައް އުވާލުމުން ކަމަށެވެ.