އެމެރިކާ

ސައުދީގައި ހުރި މިސައިލްތައް އެމެރިކާއިން ގެންގޮސްފި

ސައުދީ އަރަބިއްޔާގައި ހުރި ޓާމިނަލް ހައި އަލްޓިޓިއުޑް އޭރިއާ ޑިފެންސް (ތާޑް) ސިސްޓަމް އެމެރިކާގެ އަމުރަށް ސައުދީން ބޭރު ކޮށްފި ކަމަށް އެސޯސިއޭޓް ޕްރެސް (އޭޕީ) އިން ބުނެފި އެވެ. އޭޕީން ބުނީ އެ އެޖެންސީއަށް މައުލޫމާތު ދިނީ ސެޓެލައިޓް ބޭނުން ކޮށްގެން ދުނިޔެ ފޮޓޯ ނަގާ ކުންފުންޏަކުން ކަމަށެވެ.

އެސޯސިއޭޓް ޕްރެސްއިން ބުނި ގޮތުން ޕްރިންސް ސުލްތާން އެއާބޭސްގައި ކުރިން ހުރި މިސައިލް ޑިފެންސް ސިސްޓަމް މިހާރަކު ނެތެވެ. ޕްލަނެޓް ލެބްސްގެ ސެޓެލައިޓް ފޮޓޯތަކުން އެކަން ރަނގަޅަށް އެނގެ އެވެ.

ޕްރިންސް ސުލްތާން އެއާބޭސްއަކީ ސައުދީގެ ވެރިރަށް ރިޔާޒްއާ 115 ކިލޯމީޓަރު ދުރުގައި ހުންނަ އަސްކަރީ މަރުކަޒެކެވެ.

އެމެރިކާއިން ސައުދީ ދިފާއު ކުރަން އެއާ ޑިފެންސް ސިސްޓަމާއި ބަރުހަތިޔާރު އަދި ސިފައިން އެ ގައުމަށް ފޮނުވީ 2019 ގައެވެ. އެއީ އީރާނުން ހިތްވަރު ދީގެން ޔަމަނުގައި ހަރަކާތްތެރި ކުރުވާ ހޫތީން ސައުދީއަށް ދޭ ޑްރޯން ހަަމަލާތަކާއި ރޮކެޓް ހަމަލާތައް މަތަ ކުރުމަށެވެ.

ސައުދީގައި ހުރި ދިފާއީ ހަތިޔާރުތަކުން ބައެއް އެ ގައުމުން ބޭރު ކޮށްފައިވާ ކަމަށް ޕެންޓަގަނުން ވެސް ވަނީ ބުނެފަ އެވެ. އެހެން ނަމަވެސް ގެންދިއަ ތަނަކާއި ސަބަބު ހާމައެއް ނުކުރެ އެވެ.

ހޫތީން ސައުދީއަށް ހަމަލާދޭން ފެށީ ޔަމަނުގައި ބަޣާވާތްކޮށް ވައްޓާލާފައި އޮތް އަބްދުއްރައްބު މަންސޫރު ހާދީގެ ވެރިކަން އިއާދަ ކުރަން ސައުދީއާ ބައިވެރިން ޔަމަނަށް ހަމަލަ ދޭން ފެށުމުންނެވެ. އެއަށް ފަހު ހޫތީން ގެންދަނީ ސައުދީގެ އެއާޕޯޓްތަކަށް އަމާޒުކޮށް މިސައިލާއި ރޮކެޓުން ހަމަލާ ދެމުންނެވެ. އަދި ސައުދީ ތެޔޮ ސާފުކުރާ ކާރުޚާނާއަކަށް ހޫތީން ޑްރޯން ހަމަލާދީ ވަރަށް ބޮޑަށް ގެއްލުންދީފައި ވެސް އެވެ.

އީރާންގެ އެހީތެރިކަމާ ނުލައި ހޫތީންނަށް އެވަރުގެ ގަދަފަދަ ހަމަލާތަކެއް ނުދެވޭނެ ކަމަށް ސައުދީން އަބަދުވެސް ބުނެ އެވެ. އީރާނުން ބުނަނީ އެހީތެރިނުވާ ކަމަށާއި ހޫތީ ހަނގުރާމަ ވެރިންނަކީ އަމިއްލައަށް ހަރަކާތްތެރިވާ ގުރޫޕެއް ކަމަށެވެ.

ޖޯ ބައިޑަން އެމެރިކާގެ ރައީސް ކަމަށް ވަޑައިގެންނެވި ފަހުން ސައުދީއާ އެމެރިކާއާ އޮތް ގުޅުން ކުރިންހާ ރަނގަޅެއް ނޫނެވެ. ސައުދީގައި ހުރި ޕެޓްރިއޮޓް މިސައިލްތައް އެމެރިކާއިން ބޭރު ކޮށްފައި މިވަނީ އެމެރިކާގެ ޑިފެންސް ސެކްރެޓަރީ ލޮއިޑް އޮސްޓިން ސައުދީއަށް ކުރައްވަން ހަމަޖެއްސެވި ދަތުރު ވަކި ތާރީހެއް ނެތި ފަސްކޮށްފައި ވަނީކޮށެވެ.

ސައުދީގައި ހުރި އެމެރިކާގެ އަސްކަރީ ހާޑްވެއާތައް އެގައުމުން ބޭރުކުރާ ވާހަކަތަކާ ގުޅިގެން ސައުދީން ބުނީ އަމިއްލައަށް ދިފާއުވުމުގެ ގާބިލްކަން ލިބިފައިވާ ކަމަށާއި ގައުމު ދިފާއުކުރުމަށް މިހާރު ވަކި ބައެއްގެ އެހީތެރިކަން އެހާ މުހިންމު ނޫން ކަމަށެވެ.

މަޝްރަހު ދިރާސާކުރާ މީހުން ބުނާ ގޮތުން ގައުމު ދިފާއުކުރެވޭ ފެންވަރުގެ ޒަމާނީ ހަތިޔާރުގެ ބިޔަ ސްޓޮކެއް ސައުދީގައި އެބަހުއްޓެވެ. ހޫތިން އަދި އީރާނުން ހަމަލާއެއް ދިން ނަމަވެސް ރައްދު ދިނުމަށް ސައުދީއަކީ މިހާރު ގާބިލު ގައުމެކެވެ.