މޯލްޑިވިއަން

މޯލްޑިވިއަންގެ ފޮޓޯ މުބާރާތުގެ އެއްވަނަ އަވަސްގެ އަޒާންއަށް

ގައުމީ އެއާލައިން -- މޯލްޑިވިއަން އިން އަލަށް ގެނައި ވައިޑް ބޮޑީ މަތިންދާ ބޯޓު ދައްކާލުމަށް ބޭއްވި އެއާ ޝޯއާއެކު ކުރިއަށް ގެންދިޔަ ފޮޓޯ މުބާރާތުގެ އެއްވަނަ އަވަސްގެ ފޮޓޯޖާނަލިސްޓް އަހްމަދު އަޒާން މުހައްމަދު ރިޒާއަށް ލިބިއްޖެ އެވެ.

މޯލްޑިވިއަންގެ އެއާ ޝޯ ކުރިއަށް ގެންގޮސްފައިވަނީ މިމަހުގެ ހަވަނަ ދުވަހު އެވެ.

އެއާ ޝޯއާއެކު މޯލްޑިވިއަން އިން ކުރިއަށް ގެންދިޔަ ފޮޓޯ މުބާރާތުން އެއްވަނަ ލިބުނީ އަޒާންގެ ކެރޮސެލް ޕޯސްޓަށެވެ.

މި ކެރޮސެލް ފޮޓޯއިން ދައްކުވައި ދެނީ މޯލްޑިިވިއަން އިން އަލަށް ގެނައި އެއާބަސްއާއެކު ވައިގެ ދަތުރުފަތުރަށް އައި އިންގިލާބީ ބަދަލެވެ.

މި ޕޯސްޓްގައި މޯލްޑިވިއަންގެ ވައިޑް-ބޮޑީ ފްލައިޓްގެ އިތުރުން އެއާ ޝޯ ބަލަން ގޮސް ތިބި މީހުންނާއި މޯލްޑިވިއަންގެ ސީ ޕްލޭން އަދި އޭޓީއާރް ފްލައިޓް ފެނެ އެވެ.

މޯލްޑިވިއަންގެ އެއާ ޝޯ ފޮޓޯ މުބާރާތުގެ އެއްވަނަ ލިބުނު ފޮޓޯ. މި ފޮޓާ ނަގާފައިވަނީ އަވަސްގެ ފޮޓޯ ޖާނަލިސްޓް އަހްމަދު އަޒާން މުހައްމަދު ރިޒާ

އަޒާން ބުނި ގޮތުގައި މި ފޮޓޯތައް ނެގުމާއި އެޑިޓްކުރުމުގައި ވިސްނީ އެއާ ޝޯ ތަފާތު ގޮތަކަށް ގެނެސްދިނުމަށެވެ.

"ފޮޓޯތަކެއް ވަކިން ޕޯސްޓް ކުރުމުގެ ބަދަލުގައި އެ ފޮޓޯތަކަށް އެންގޭޖްކުރަން ތިބޭ މީހުންނަށް ބަލާލަން ތަފާތު ޝައުގުވެރި ގޮތަކަށް ގެނެސްދޭން ވިސްނީ،" ޕޯސްޓާއި ގުޅޭ ގޮތުން އަޒާން ބުންޏެވެ.

އަޒާން އަވަސްގައި މަސައްކަތްކުރާތާ ދެ އަހަރަށްވުރެ ގިނަ ދުވަސްވެއްޖެ އެވެ. އޭނާއަކީ އަވަސްގެ މަލްޓިމީޑިއާ މަސައްކަތްތަކުގައި އެންމެ އިސްކޮށް މަސައްކަތްކުރާ އެއް މުވައްޒަފެވެ.

މުބާރާތުގެ އިނާމުތައް

  • 1 ވަނަ: ދެ މީހަކަށް ރާއްޖޭގެ ފަސް ތަރީގެ ރިސޯޓެއްގައި ފުލް ބޯޑާއެކު ދެ ރޭ ހޭދަކުރުމުގެ ފުރުސަތު، އެއާ ޓްރާންސްފާ އާއެކު،
  • 2 ވަނަ: އިންޑިއާ ދެކޮޅު ޓިކެޓް ދެ މީހަކަށް (ޓްރިވެންޑްރަމް ނުވަތަ ކޮޗިން)
  • 3 ވަނަ: ރާއްޖޭގެ އެތެރޭގެ ބޭނުން މަންޒިލަކަށް ދެ މީހެއްގެ ދެކޮޅު ޓިކެޓް

މޯލްޑިވިއަން އިން އަލަށް ގެނައި ފްލައިޓަކީ 264 މީހުންގެ ޖާގައިގެ ބޯޓެކެވެ.