ޑރ. މުހައްމަދު މުއިއްޒު

"ވައިޑް ބޮޑީގެ ދެވަނަ ބޯޓުގެ ދަތުރުތައް އޮކްޓޫބަރުގައި ފަށާނެ"

މޯލްޑިވިއަންގެ ދެވަނަ ވައިޑް-ބޮޑީ އެއާކްރާފްޓް މި އަހަރުގެ އޮކްޓޫބަރު މަހު ރާއްޖެ ގެނެސް ބޭނުންކުރަން ފަށާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

މޯލްޑިވިއަންގެ ފުރަތަމަ ވައިޑް-ބޮޑީ އެއާކްރާފްޓް ރާއްޖެ ގެނައުމަށްފަހު މިއަދު ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ)ގައި މިއަދު ބޭއްވި ރަސްމިއްޔާތުގައި ރައީސް މުއިއްޒު ވިދާޅުވީ ވައިޑް-ބޮޑީ އެއާކްރާފްޓްތަކެއް ހޯދަނީ މޯލްޑިވިއަންގެ ހިދުމަތް ފުޅާކޮށް ދުރު މަންޒިލްތަކަށް ދަތުރުކޮށް ގިނަ ފަތުރުވެރިން ރާއްޖެއަށް ގެނައުމަށް އަމާޒުކޮށްގެން ކަމަށެވެ.

ރައީސް ވިދާޅުވި ގޮތުގައި މިއަދު ގެނައި ބޯޓުގެ ދަތުރުތައް ފުރަތަމަ ކުރާނީ ޗައިނާގެ ބައެއް މަންޒިލްތަކަށެވެ. އޭގެފަހުން އެ ގައުމުތަކަށްވެސް މޯލްޑިވިއަންގެ ދަތުރުތައް ފުޅާކުރާނެ ކަމަށް ވިދާޅުވި އެވެ. މިދަތުރުތަކުގައި ފަތުރުވެރިންނަށް ފަސޭހަތަކާއި ލުއިތަކެއް ލިބޭނެ ކަމުގައިވެސް ވިދާޅުވި އެވެ.

މޯލްޑިވިއަންގެ ހިދުމަތްތައް ފުޅާކުރުމާ އެކު އެ ކުންފުންޏަށް ލިބޭ ފައިދާއާ އެކު ރާއްޖޭގެ މުޅި އިގްތިސާދަށްވެސް ފައިދާތަކެއް ލިބޭނެ ކަމަށް ރައިސް ގަބޫލުކުރައްވަ އެވެ. އޭވިއޭޝަން ދާއިރާއާއި ޓޫރިޒަމް ދާއިރާ ކުރިއަށް އޮތް ދުވަސްތަކުގައި ފުޅާކުރާނެ ކަމުގައިވެސް ވިދާޅުވި އެވެ.

"ކުރިއަށް އޮތް ދުވަސްތަކުގައި އައިލެންޑް އޭވިއޭޝަނަށް އިތުރު ކުރިއެރުންތައް ގެނެސް، އެމްއޭސީއެލްއަށް ވެސް އިތުރު ކުރިއެރުންތައް ގެނެސް ވަރަށް ގިނަ ހަރުފަތްތަކެއް ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި، މި އަހަރު ތެރޭގައި ގިރާ ކުރާނެ،" ރައީސް ވިދާޅުވި އެވެ.

ރައީސް މިއަދު ސިފަކުރެއްވި ގޮތުގައި މިއަހަރަކީ ތަރައްގީއާއި ކުރިއެރުމުގެ އެތައް ކަމެއް ފެނިގެންދާނެ އަހަރެކެވެ.

މޯލްޑިވިއަންގެ ފްލީޓަށް މިއަދު އިތުރު ކުރި އެއާބަސް އޭ330 ބޯޓާ އެކު އެ އެއާލައިންގެ ފްލީޓުގައި 25 ބޯޓު އެބައޮތެވެ.