ދިވެހި ސަރުކާރުގެ އަމިއްލަ ވަސީލަތްތައް ބޭނުންކޮށްގެން ރާއްޖޭގައި އެއާ އެމްބިއުލާންސްގެ ހިިދުމަތް މިއަދު ރަސްމީކޮށް ފަށައިފި އެވެ.
އެއާ އެމްބިއުލާންސްގެ ހިދުމަތް ފެށުމަކީ ރައީސް މުއިއްޒުގެ ރިޔާސީ ވައުދެކެވެ.
އެއާ އެމްބިއުލާންސްގެ ހިދުމަތް ދިނުމަށް ބޭނުންކުރަނީ މޯލްޑިވިއަންގެ ޑޭޝް 8-200 މަރުކާގެ ބޯޓަކާއި ސީޕްލޭނެކެވެ. މި ދެ ބޯޓުގައި ވަނީ އެމަޖެންސީ ހާލަތުގައި ބަލި މީހަކަށް ފަރުވާ ދިނުމަށް ބޭނުންވާ ވަސީލަތްތަކާއި އާލާތްތައް ގާއިމުކޮށްފަ އެވެ.
މި ހިދުމަތް 24 ގަޑިއިރު ދިނުމަށް ހަމަޖެހިފައިވާއިރު ކުއްލި ހާލަތްތަކުގައި ފަރުވާ ބޭނުންވާ މީހާއަށް ފުރަތަމަ އަވަސް ފަރުވާ ދިނުމަށް ހަމަޖެހިފައިވަނީ ބަލި މީހާ އެވަގުތު އޮތް ހިސާބާ އެންމެ ގާތުގައި ހުންނަ ޓާޝަރީ ފެންވަރުގެ ހޮސްޕިޓަލަކަށް ގެންގޮސްގެންނެވެ.
ހެލްތު މިނިސްޓްރީން ބުނީ މިއަދު ހިދުމަތް ދޭން ފެށި އެއާ އެމްބިއުލާންސްގައި ހިދުމަތް ދިނުމަށް 15 މީހަކު ތަމްރީންކޮށްފައިވާ ކަމަށެވެ. މީގެތެރޭގައި ހިމެނެނީ ފަސް ޑޮކްޓަރަކާއި ފަސް ނަރުހަކާއި މެޑިކަލް ޓެކްނީޝަނުންނެވެ.
ހެލްތު މިނިސްޓްރީ އާއި އެންސްޕާ އަދި އައިލެންޑް އޭވިއޭޝަން ގުޅިގެން ދިނުމަށް ހަމަޖެހިފައިވާ މިހިދުމަތް މިހާރު ވަނީ މޯލްޑިވްސް އިމަޖެންސީ މެޑިކަލް ސާވިސް ނިޒާމުގެ ތެރޭގައި ހިމަނާފަ އެވެ.
އެއާ އެމްބިއުލާންސްގައި އެއް ފަހަރާ ދެ ބަލި މީހުން އުފުލޭނެ ކަމަށް ހެލްތު މިނިސްޓަރު ޑރ. އަބްދުﷲ ޚަލީލް އިއްޔެ ވިދާޅުވި އެވެ. ނަމަވެސް މިއަދު ހިދުމަތަށް ނެރުނު ސީޕްލޭންގައި އުފުލެނީ އެންމެ މީހެކެވެ. އެކަމަކު މި ހިދުމަތް ދިނުމަށް ބޭނުންކުރާ ބޯޓުތަކުގައި ޖާގަ އިތުރުކުރެވޭނެ ކަމަށް ހެލްތު މިނިސްޓްރީން ބުނެ އެވެ.
ރައީސް މުއިއްޒުގެ ސަރުކާރުން ގެންދަނީ އިންޑިއާ އާއި ސްރީލަންކާގެ އިތުރުން ތައިލޭންޑާއި ޔުނައިޓެޑް އަރަބް އެމިރޭޓްސް (ޔޫއޭއީ) އިން ވެސް ދިވެހިންނަށް އާސަންދަ މެދުވެރިކޮށް ބޭސް ކުރެވޭނެ ގޮތް ހަމަޖެއްސުމަށް މަސައްކަތް ކުރަމުންނެވެ. އަދި އެއާ އެމްބިއުލާންސްގެ ހިދުމަތް ރާއްޖެއާއި ސްރީލަންކާއާއި ދެމެދު ކުރިއަށް ގެންދެވޭ ގޮތަށް ދެ ގައުމު މިހާރު ވަނީ އެއްބަސްވެފަ އެވެ.