ސިއްހީ ކުލި ހާލަތްތަކުގައި ރާއްޖެއިން ބޭރު ގައުމުތަކަށް ބަލިމީހުން އުފުލުމަށް ސަރުކާރުން ކުރާ މަސައްކަތުގެ ތެރެއިން ސްރީލަންކާއަށް އެއާ އެންބިއުލާންސް އޮޕަރޭޓްކުރުމަށް ހޯދަންޖެހޭ ހުއްދަ ހޯދުމަށް ހޭދަވާ ވަގުތު ކުޑަކޮށްފި އެވެ.
މިގޮތަށް ހަމަޖެހުނީ ރާއްޖޭގެ ޓްރާންސްޕޯޓް މިނިސްޓަރު މުހައްމަދު އަމީން މިދިޔަ ޖަނެއަރީ މަހުގެ 29 އިން 30 އަށް ސްރީލަންކާއަށް ކުރެއްވި ދަތުރުފުޅުގައި އެ ގައުމުގެ ސަރުކާރާ އެކު ކުރިއަށް ގެންދިޔަ މަޝްވަރާތަކާ ގުޅިގެންނެވެ.
ޓްރާންސްޕޯޓް މިނިސްޓްރީން ބުނީ މީގެ ކުރިން ރާއްޖެއިން ލަންކާއަށް ބަލިމީހުން އުފުލުމަށް ހޯދަންޖެހޭ ހުއްދަތައް ހޯދުމަށް މަދުވެގެން ހަ ގަޑިއިރާ 24 ގަޑިއިރާ ދެމެދު -- އާންމު ގޮތެއްގައި ގާތްގަނޑަކަށް އެއް ދުވަސް ހޭދަވާ ކަމަށެވެ. ނަމަވެސް މި މަޝްވަރާތަކަށްފަހު އެއްބަސްވެފައިވަނީ ރާއްޖެއިން ސްރީލަންކާއަށް އެއާ އެންބިއުލާންސް އަދި އެނޫންވެސް އެމަޖެންސީއެއްގައި ފްލައިޓް އޮޕަރޭޓްކުރުމަށް ބޭނުންވާ އެންމެހައި ހުއްދަތައް ގިނަވެގެން ދެ ގަޑިއިރުގެ ތެރޭގައި ހަމަޖެއްސުމަށެވެ. މިގޮތުން މިކަން ކުރުމަށް ހަމަޖައްސަންޖެހޭ އިންތިޒާމްތައް ކޮލޮމްބޯގެ ބަންޑާރަނާޔަކަ އިންޓަނޭޝަނަލް އެއާޕޯޓުގައި ސްރީލަންކާގެ ސަރުކާރުން މިހާރު ހަމަޖައްސާފައިވާ ކަމަށްވެސް މިނިސްޓްރީން ބުނެ އެވެ.
ދިވެހި ރައްޔިތުންނަށް ރާއްޖެއާއި ރާއްޖެއިން ބޭރުން ރަނގަޅު ސިއްހީ ފަރުވާ ލިބޭނެ އިންތިޒާމު ހަމަޖެއްސެވުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ހާއްސަ އިސްކަމެއް ދެއްވާ ކަމެކެވެ. އެގޮތުން މިއީ އިމަޖެންސީ ހާލަތްތަކުގައި އިތުރު ފަރުވާއަށް ރާއްޖެއިން ބޭރަށް ބަލިމީހުން ގެންދިއުން އަވަސްކޮށްދިނުމަށް ރައީސް މުއިއްޒުގެ އިރުޝާދުގެ ދަށުން ކަމާބެހޭ އިދާރާތައް ގުޅިގެން ކުރާ މަސައްކަތެއް ކަމަށްވެސް މިނިސްޓްރީން ބުންޏެވެ.
އެއާ އެންބިއުލާންސްގެ ހިދުމަތް ތައާރަފްކުރުމާއި އެ ހިދުމަތް ފުޅާކުރުމަކީ ރައީސުލްޖުމްހޫރިއްޔާގެ ރިޔާސީ ވައުދެކެވެ. މިގޮތުން އަންނަ މަހުގެ އެއްވަނަ ދުވަހު އެ ހިދުމަތް ތައާރަފްކުރުމަށް ސަރުކާރުން ވަނީ ނިންމާފަ އެވެ. ރައީސް ޑރ. މުއިއްޒުގެ ތަސައްވުރަކީ ރާއްޖެއާއި ރާއްޖެއިން ބޭރަށް އެއާ އެންބިއުލާންސްގައި ބަލިމީހުން ފަސޭހައިން އުފުލޭނެ އިންތިޒާމް ހަމަޖެއްސުމެވެ. އަދި ރާއްޖޭގެ އަވަށްޓެރި ގައުމުތަކުގެ އިތުރުން ދުބާއީ އާއި ތައިލެންޑް ފަދަ ގައުމުތަކުން ދިވެހީންނަށް ބޭސްފަރުވާގެ ހިދުމަތް ލިބޭނެ އިންތިޒާމު ހަމަޖެއްސުމާއި އެ ގައުމުތަކަށްވެސް ރާއްޖެއިން އެއާ އެންބިއުލާންސުގައި ބަލިމީހުން އުފުލުމުގެ އަވަސް އިންތިޒާމު ހަމަޖެއްސުންވެސް ސިޔާސަތުގެ ތެރޭގައި ހިމެނެ އެވެ.