ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ސްރީލަންކާ

ކޮވިޑް ޓެސްޓް ނުހަދާ ލަންކާއަށް ދެވޭ ގޮތް ހަދަނީ

ކޮވިޑް ޕީސީއާރް ޓެސްޓު ނުހަދާ ލަންކާއަށް ދަތުރުކުރެވޭ ގޮތް ހަދަން ލަންކާގެ ސިިވިލް އޭވިއޭޝަން އޮތޯރިޓީން ނިންމައިފި އެވެ.

ލަންކާގެ ސިިވިލް އޭވިއޭޝަން އޮތޯރިޓީން ކޮށްފައިވާ އިއުލާނެއްގައި ބުނެފައިވަނީ ކޮވިޑް ވެކްސިން ފުރިހަމަކޮށްފައިވާ ނަމަ ޕީސީއާރް އަދި ރެޕިޑް އެންޓިޖެން ޓެސްޓު ނުހަދާ ލަންކާއަށް ދަތުރުކުރެވޭ ގޮތަށް އުސޫލު ބަދަލުކޮށްފައިވާ ކަމަށެވެ.

އެ އުސޫލަށް އަމަލު ކުރަން ފަށަނީ އަންނަ މަހުގެ އެއްވަނަ ދުވަހުން ފެށިގެންނެވެ.

އާ އުސޫލާ އެކު ލަންކާގެ ހެލްތު މިނިސްޓްރީން ނެރެފައިވާ ގައިޑް ލައިންގައި ބުނެފައިވަނީ ކޮވިޑް ވެކްސިންގެ ދެ ޑޯޒް ޖަހައި، 14 ދުވަސް ވެފައިވާ ނަމަ ވެކްސިން ފުރިހަމަކޮށްފައިވާ ކަމަށް ބަލާނެ ކަމަށާއި 18 އަހަރުން ދަށުގެ ކުދިންނަމަ ވެކްސިންގެ އެންމެ ޑޯޒެއް ދީފައިވާ ނަމަވެސް ވެކްސިން ފުރިހަމަ ކަމަށް ބަލާނެ ކަމަށެވެ.

އާ ގައިޑްލައިންގައިވާ ގޮތުން ދަތުރަށް ފުރުމުގެ ހަތް ދުވަހާއި ހަމަސް ދުވަހުގެ މުއްދަތުގެ ތެރޭގައި ކޮވިޑަށް ޕޮޒިޓިވް ވެފައިވާ ނަމަ އަދި އެ މީހަކީ ވެކްސިންގެ އެންމެ ޑޯޒެއް ޖަހާފައިވާ މީހެއް ނަމަ ޕީސީއާރް ހަދާކަށް ނުޖެހޭނެ އެވެ. ނަމަވެސް ކޮވިޑް ޖެހުނުތާ ހަ މަސް ދުވަސް ވެފައިވާ ނަމަ އެއް ޑޯޒް ޖަހާފައިވާ މީހުންނަށް ވެސް ލަންކާއަށް އެތެރެވެވޭނީ ނެގެޓިވް ޕީސީއާރައި އެކު ކަމަށް ގައިޑްލައިންގައިވެ އެެވެ.

މީގެ އިތުރުން ވެކްސިން ނުޖަހާ، ޓޫރިސްޓް ވިސާގައި ލަންކާއަށްދާ މީހުން ލަންކާއަށް އެތެރެވާ ދުވަހު ޕީސީއާރް ޓެސްޓެއް ހަދައި ކަރަންޓީން ހޮޓެލް ނުވަތަ ހުއްދަ ދީފައިވާ ހޮޓަލެއްގައި 14 ދުވަހުގެ ކަރަންޓީނެއް ފުރިހަމަކުރަން ޖެހޭނެ ކަމަށް ވެސް ގައިޑް ލައިންގައި ބުނެފައި ވެއެވެ.

ގައިޑް ލައިންގައި ބުނެފައިވަނީ ލަންކާއަށް އެތެރެވާއިރު ވެކްސިންގެ މައުލޫމާތާއި ކުރިން ކޮވިޑް ޕޮޒިޓިވް ވެފައިވާ ނަމަ އެކަމުގެ މައުލޫމާތު ކަށަވަރުކޮށްދެވޭނެ ލިޔެކިޔުން ގެންދަން ޖެހޭނެ ކަމަށެވެ.