ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ކޮވިޑް-19

ރާއްޖެއިން އޮމިކްރޯންގެ 74 ކޭސް

ކޮވިޑްގެ އާ ވޭރިއަންޓް -- އޮމިކްރޯންއަށް ޕޮޒިޓިވް 74 ކޭހެއް ރާއްޖެއިން ފެނިފައިވާ ކަމަށް އެޗްޕީއޭއިން ބުނެފި އެވެ.

އެޗްޕީއޭގެ ނޫސްވެރިންގެ ބައްދަލުވުމުގައި ޑރ. އިބްރާހިމް އަފްޒަލް މިއަދު ވިދާޅުވީ މިހާތަނަށް އޮމިކްރޯނަށް ޓެސްޓް ކުރަން 3696 ސާމްޕަލް ރާއްޖެއިން ބޭރަށް ފޮނުވާފައިވާ ކަމަށެވެ. އޭގެ ތެރެއިން 74 ސާމްޕަލް އޮމިކްރޯން އަށް ޕޮޒިޓިވްވެފައިވާ ކަމަށެވެ.

އެންމެ ފަހުން ޓެސްޓު ކުރުމަށް ސާމްޕަލްތައް ފޮނުވާފައިވަނީ މިމަހުގެ 11 ވަނަ ދުވަހުގައި ކަން ފާހަގަ ކުރައްވަމުން އަފްޒަލް ވިދާޅުވީ ފޮނުވި 100 ސާމްޕަލްގެ ތެރެއިން 50 ސާމްޕަލް އޮމްރިކޯނަށް ޕޮޒިޓިްވެފައިވާ ކަމަށެވެ.

ދެކުނު އެފްރިކާއިން ދުނިޔެއަށް ނުކުމެގެން އުޅޭ ކޮވިޑްގެ އާ ވައްތަރު، އޮމިކްރޯންއާ ގުޅިގެން ހަތް ގައުމަކުން ރާއްޖެއަށް މީހުން އެތެރެވުންވެސް ވަނީ މަނާކޮށްފައެވެ. އެގޮތުން ސައުތު އެފްރިކާ އާއި ނެމީބިއާ އާއި މޮޒަންބީކް އާއި ލެސޯތޯ އާއި ބޮޓްސްވާނާ އާއި ޒިންބާބްވޭގެ އިތުރުން އެސްވަޓީނީން ދިވެހިރާއްޖެއަށް މީހުން އެތެރެވުން މަނަލެވެ.

މީގެ ތެރޭގައި ދިވެހީންނާއި ވޯކްޕާމިޓްގައި އަންނަ މީހުން ނުހިމެނެ އެވެ. އަދި ރާއްޖެ އައުމުގެ 14 ދުވަސް ކުރިން މި ގައުމުތަކުގައި އުޅެފައިވާ މީހުންނާއި 12 ގަޑިއިރަށް ވުރެ އިތުރަށް އެ ގައުމުގައި ޓްރާންސިޓް ވެފައިވާ މީހުންނަށްވެސް ރާއްޖެ ނާދެވޭނެ އެވެ.

އެ ގައުމުތަކުން ރާއްޖެ އަންނަ ދިވެހިންނާއި ވާކްވިސާގައި އަންނަ މީހުން 14 ދުވަސް ވަންދެން ކަރަންޓީން ވެސް ވާން ޖެހެ އެވެ. އެ މީހުން ކަރަންޓީނުން ވީއްލޭނީ 14 ދުވަހަށްފަހު ހަދާ ޓެސްޓް ނެގެޓިވް ވުމުންނެވެ.