ގައުމީ އެއާލައިން -- މޯލްޑިވިއަން އިން އަލަށް ގެންނަ ވައިޑް ބޮޑި މަތިންދާ ބޯޓު ދައްކާލުމަށް ބާއްވާ އެއާ ޝޯގެ ފޮޓޯ އަދި ވީޑިއޯ ނަގައިގެން އަގުހުރި އިނާމުތަކެއް ލިބޭ މުބާރާތެއް އިއުލާނުކޮށްފި އެވެ.
މި އެއާ ޝޯ އޮންނާނީ އަންނަ ހޯމަ ދުވަހުގެ ހަވީރު 5:00-5:30 އަށް މާލޭގެ އުސްފަސްގަނޑުގެ އިތުރުން ހުޅުމާލެ 1 އަދި 2ގެ އިރުމަތީ ފަރާތު އަތިރިމަތިން ފެންނަ ގޮތަށެވެ.
މި މުބާރާތުގައި ދެ ކެޓަގަރީ އިން 1 ވަނަ، 2 ވަނަ އަދި 3 ވަނަ ހޮވުމަށް ވަނީ ހަމަޖެހިފަ އެވެ.
މުބާރާތުގެ އިނާމުތައް
- 1 ވަނަ: ދެ މީހަކަށް ރާއްޖޭގެ ފަސް ތަރީގެ ރިސޯޓެއްގައި ފުލް ބޯޑާއެކު ދެ ރޭ ހޭދަކުރުމުގެ ފުރުސަތު، އެއާ ޓްރާންސްފާ އާއެކު،
- 2 ވަނަ: އިންޑިއާ ދެކޮޅު ޓިކެޓް ދެ މީހަކަށް (ޓްރިވެންޑްރަމް ނުވަތަ ކޮޗިން)
- 3 ވަނަ: ރާއްޖޭގެ އެތެރޭގެ ބޭނުން މަންޒިލަކަށް ދެ މީހެއްގެ ދެކޮޅު ޓިކެޓް
މީގެ އިތުރުން މުބާރާތުން ވަނަތައް ހޯދާ މީހުންނަށް އެއާބަސް އޭ330-200 މަރުކާގެ ފްލައިޓެއްގެ މޮޑެލް ލިބޭނެ ކަމަށް މޯލްޑިވިއަން އިން ވަނީ ބުނެފަ އެވެ.
މުބާރާތުގެ ފޮޓޯ އާއި ވީޑިއޯ މިމަހުގެ ނުވަ ވަނަ ދުވަހުގެ މެންދުރު 2:00 ގެ ކުރިން ސޯޝަލް މީޑިއާގައި ޕޯސްޓް ކުރަންޖެހެ އެވެ.
އެ ގޮތުން އިންސްޓަގްރާމް، ފޭސްބުކް ނުވަތަ އެކްސްގައި ފޮޓޯ އާއި ވީޑިއޯ ޕޯސްޓް ކުރެވޭނެ ކަމަށް މޯލްޑިވިއަން އިން ބުނެފައިވެ އެވެ.
އެއާ ޝޯގެ ފޮޓޯ އާއި ވީޑިއޯ ޕޯސްޓްކުރާއިރު މޯލްޑިވިއަން ޓެގްކޮށް #މޯލްޑިވިއަންއޭރޯއެއާޝޯ ހޭޝްޓެގް ބޭނުންކުރަންޖެހެ އެވެ. އަދި ފޮޓޯ އާއި ވީޑިއޯ ޕޯސްޓްކުރާ ޕްރޮފައިލް އަކީ ޕަބްލިކް ޕްރޮފައިލް އަކަށް ވާންޖެހޭނެ ކަމަށްވެސް މޯލްޑިވިއަން އިން ބުނެފައިވެ އެވެ.