ރައީސް އިބްރާހިމް މުހައްމަދު ސޯލިހު

ކުރީގެ މަޝްރޫއުތައް މި ސަރުކާރުގެ ކަމެއްގެ ގޮތުގައި ނަމަވެސް ނިންމަން ގޮވާލައިފި

ކުރީގެ ސަރުކާރުގައި ފަށާފައިވާ ތަރައްގީގެ މަޝްރޫއުތަކަކީ މި ސަރުކާރުގެ މަޝްރޫއުތަކެއްގެ ގޮތުގައި ބަދަލުކޮށްގެން ނަމަވެސް އެ މަޝްރޫއުތައް ކުރިއަށް ގެންދިއުމަށް ކުރީގެ ރައީސް އަދި އެމްޑީޕީގެ އެޑްވައިޒަރު ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ގޮވާލައްވައިފި އެވެ.

ކުރިއަށް އޮތް ރައްޔިތުންގެ މަޖިލީހުގެ އިންތިހާބަށް ކެމްޕޭން ކުރުމުގެ ގޮތުން އައްޑޫ ސިޓީގައި ރޭ ބޭއްވި ޖަލްސާގައި ރައީސް ސޯލިހު ވިދާޅުވީ އެމްޑީޕީގެ ސަރުކާރުގައި ތަރައްގީގެ މަޝްރޫއުތައް -- ޕަބްލިކް ސެކްޓާ އިންވެސްޓްމަންޓް ޕްރޮގްރާމް (ޕީއެސްއައިޕީ) އަށް 36 ބިލިއަން ރުފިޔާ ހޭދަކޮށްފައިވާ ކަމަށާއި އޭގެ ތެރެއިން ހަތް ބިލިއަން ރުފިޔާ އަމާޒުކުރީ އައްޑޫ ސިޓީގެ ތަރައްގީއަަށް ކަމަށެވެ.

އޭގެ ތެރޭގައި މަގުތައް ތަރައްގީކުރުމާއި ބިން ހިއްކުމާއި އެއާޕޯޓް ތަރައްގީކުރުން ހިމެނޭ ކަމަށް ރައީސް ސޯލިހު ވިދާޅުވި އެވެ. މީގެ އިތުރުން ރިސޯޓުތައް ތަރައްގީކުރަން އަލަށް ރަށްތައް ހިއްކާފައިވާ ކަމަށާއި ގެސްޓްހައުސްތަކަށް ހަންކެޑެ ތަރައްގީކުރުން ހިމެނޭ ކަމަށް ވިދާޅުވި އެވެ.

އައްޑޫގައި ހިއްކި ބިމުގައި ތަރައްގީކުރާ ރިސޯޓްތަކުން ވަޒީފާތައް އުފެދޭނެކަން ރައީސް ސޯލިހު ފާހަގަކުރެއްވި އެވެ.

"އަޅުގަނޑަށް އެންމެ ރަނގަޅު، މާތްކަލާކޯ ތި އެއާޕޯޓަށް ކޮންމެ ނަމެއް އެ ބޭފުޅާ ވިދާޅުވިޔަސް. އެކަން ކުރައްވާ. ބޭރުގައި ރައީސް މުއިއްޒު އެއާޕޯޓް ޖެއްސެވިޔަސް މައްސަލައެއް ނެތް،" ރައީސް ސޯލިހު ވިދާޅުވި އެވެ.

ރައީސް ސޯލިހު ވިދާޅުވީ އެމްޑީޕީން ފެށި އައްޑޫ ސިޓީގެ ތަރައްގީގެ މަޝްރޫއުގެ ފުރަތަމަ ފިޔަވަހީގައި 111 ކިލޯމީޓަރުގެ މަގު ހަދަން ނިންމާ އެ މަޝްރޫއު ކުރިއަށްދާ ކަމަށާއި އެއީ 78 މިލިއަން ޑޮލަރުގެ މަޝްރޫއުއެއް ކަމަށެވެ. އަދި ދެވަނަ ފިޔަވަހީގައި އިތުރު 67 ކިލޯމީޓަރުގެ މަގު ހެދުމަށް މަޝްވަރާ ކުރެވި ފައިނަލްކޮށްފައިވާ ކަމަށް ރައީސް ސޯލިހު ވިދާޅުވި އެވެ.

"މައްސަލައެއް ނެތް އަޅުގަނޑަކަށް އެއީ ތިމަންނާ ކުރާ ކަމެކޭ ވިދާޅުވިޔަސް. ތިމަންނައޭ މިރަށުގެ މަގުތައް ހަދަނީ ވިދާޅުވިޔަސް މައްސަލައެއް ނޫން. އެކަން ކޮށްދީ ނިންމަވާ،" ރައީސް ސޯލިހު ވިދާޅުވި އެވެ.