ނިކުމެ ތިބީ ބަގާވާތަކުން ސަރުކާރު ވައްޓާލަން ރައްޔިތުންގެ މަޖިލިސް ތެރެއިން ކުރަމުންދިޔަ މަސައްކަތް ހުއްޓުވަން ކަމަށް މަޖިލީހުގެ ފޭދޫ ދާއިރާގެ މެންބަރު މުހައްމަދު ނިހާދު ވިދާޅުވެއްޖެ އެވެ.
ރައީސް ޑރ. މުހައްމަދު މުއިއްޒު އައްޑޫ ސިޓީގެ ރައްޔިތުންނާ ބައްދަލުކުރެއްވުމަށް ރޭ އެ ސިޓީގައި ބޭއްވި ޖަލްސާގައި ނިހާދު ވިދާޅުވީ ނިކުމެ ތިބީ ސަރުކާރަށް އެއްބާރުލުން ދިނުމަށް ހޮވަންޖެހޭ މަޖިލިސް މެންބަރުން ހޮވުމަށް ކަމަށެވެ.
"އަޅުގަނޑުމެން ނިކުމެ މިއަދު މިތިބީ ބަގާވާތަކުން ސަރުކާރު ވައްޓާލުމަށްޓަކައި ރައްޔިތުންގެ މަޖިލިސް ތެރެއިން ކުރަމުންދިޔަ މަސައްކަތް ހުއްޓުވާ އަދި އެ ސަރުކާރަށް އެއްބާރުލުން ދިނުމަށްޓަކައި އަޅުގަނޑު މި ދެންނެވި ގޮތަށް އަޅުގަނޑުމެންގެ ސްލޯގަންއެއްގެ ގޮތުގައި އޮތް މިނިވަންކަމާއި އަމާންކަމާއެކީގައި ތަރައްގީ ހޯދުމަށްޓަކައި ކުރާ މަސައްކަތުގައި އަޅުގަނޑުމެންގެ އައްޑޫ ސިޓީއަށް އެ މިނިވަންކަމާއި އަމާންކަމާއެކީގައި ތަރައްގީ ހޯދުމަށް ހޮވަންޖެހޭ ރައްޔިތުންގެ މަޖިލީހުގެ މެންބަރުން ހޮވުމުގެ ޒިންމާ ނަގައިގެން އަޅުގަނޑުމެން ނިކުމެ މިތިބީ،" ނިހާދު ވިދާޅުވި އެވެ.
ނިހާދު ވިދާޅުވީ މުޅި އައްޑޫ ސިޓީގައި ފާއިތުވި ދުވަސްތަކުގައި އެޅިފައި އޮތް "އިގްތިސާދީ މަރުތަޅު" ނެއްޓުމަށް ރައީސް މުއިއްޒު ވައުދު ވެވަޑައިގެންފައިވާ ކަމަށެވެ.
އެ ގޮތުން އައްޑޫ ސިޓީގެ އިންޓަނޭޝަނަލް އެއާޕޯޓަކީ ރަސްމީ އިންޓަނޭޝަނަލް އެއާޕޯޓަކަށް ހަދައި ހިދުމަތް ދިނުމާއި ހަންކެޑެ މަޝްރޫއާއި އައްސޭރި ޓޫރިޒަމާއި އިންޓަނޭޝަނަލް ޕޯޓް މަޝްރޫއު ހިމެނޭ ކަމަށް ނިހާދު ވިދާޅުވި އެވެ.
ރައްޔިތުންގެ މަޖިލީހުގައި ނުފޫޒު ގަދަ މެންބަރުން ތިބެގެން އައްޑޫ ސިޓީގެ ތަރައްގީއަށް ހުރަސް އަޅަމުންދާ ކަމަށްވެސް އޭނާ ވިދާޅުވި އެވެ.
"އައްޑޫ ސިޓީގެ ޕޯޓް ޕްރޮޖެކްޓް އޮންނާނީ އެވޯޑްކޮށްފަ. ނަމެއްގައި. އެ ޕްރޮޖެކްޓަށް ބޭނުންވާ 30 މިލިއަން ރުފިޔާ ބަޖެޓްގައި ޖެހުމަށްޓަކައި އަޅުގަނޑަކީ އާދޭސްކުރި މީހެއް،" ނިހާދު ވިދާޅުވި އެވެ.
ނަމަވެސް ބަޖެޓް ކޮމިޓީގައި ތިއްބެވި މެންބަރުން އެ މަޝްރޫއު ހިމަނައި ނުދިން ކަމަށް އޭނާ ތުހުމަތު ކުރެއްވި އެވެ.
ނިހާދު ވިދާޅުވި ގޮތުގައި ތަރައްގީ ގެނެވޭނީ ސަރުކާރަށް އެއްބާރުލުންދޭނެ މެންބަރުން މަޖިލީހަށް އިންތިހާބުކޮށްގެންނެވެ.