އައިޝަތު ނަހުލާ

"އެއާޕޯޓް ނުނިންމާ ވާރޭގައި ހުޅުވާ ބަޔަކަަށް ނުވާނަން"

ރައީސް ސޯލިހަކީ ކެމްޕޭނެއް ބޯމަތިވުމުން ރައްޔިތުންގެ ލޮލުގައި އަދުން އެޅުވުމަށް ނުނިމި ހުރި އެއާޕޯޓެއްގެ ރަންވޭގެ ފަޅިއެއްގައި ވެހެމުންދާ ބޯ ވާރޭގައި ހުންނަވާ އެއާޕޯޓެއް ހުޅުވާނެ ބޭފުޅެއްނޫން ކަމަށް ވިދާޅުވެ ޓްރާންސްޕޯޓް މިނިސްޓަރު އައިޝަތު ނަހުލާ ކުރީގެ ރައީސް އަބްދުﷲ ޔާމީނަށް ފާޑުވިދާޅުވެއްޖެ އެވެ.

މިނިސްޓަރު ނަހުލާ މިހެން ވިދާޅުވީ ޅ. މަޑިވަރު އެއާޕޯޓް ހުޅުވުމުގެ ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ނެވެ. ނަހުލާ ވިދާޅުވީ ނިމިދިޔަ ރިޔާސީ އިންތިހާބުގެ ކެމްޕޭނުގައި ދަތުރުފަތުރުގެ ނިޒާމަކުން ރާއްޖެ ގުޅާލުމަށް ސައުކާރުން ވައުދި ކަމަށެވެ. އަދި މިއަދަކީ އެ ވައުދަކީ ތޯތޯ ވާހަކައެއް ނޫންކަން ފާދިއްޕޮޅުގެ ރައްޔިތުންނަށް ޔަގީންކޮށްދިން ދުވަސް ކަމަށެވެ.

ގައުމު ތަރައްގީއަށް ގިނަ މަސައްކަތްތަކެއް މި ސަރުކާރުން ފަށައި އެ މަސައްކަތްތައް ނިންމާފައިވާ ކަން ފާހަގަކުރައްވާ ނަހުލާ ވިދާޅުވީ އެ މަސައްކަތްތަކަކީ ނުވާކަމެއްކަމަށް ސިފަކުރަން ސިޔާސީ ގިނަ ބޭފުޅުން ކިތަންމެ ގިނަ ވާހަކައެއް ދެއްކި ނަމަވެސް މިއަދު އެކަން ރައްޔިތުން ގަބޫލު ނުކުރާނެ ކަމަށެވެ. އެއީ ފެންނަން އޮތް ހަގީގަތަކީ ކޮވިޑްގެ ހާލަތުގައި ވެސް ރާއްޖޭގެ ދަތުރުފަތުރުގެ ނިޒާމް ދުވަހަކުވެސް ކުރިނާރާ މިންވަރަށް މިއަދު ކުރިއަރާފައިވާކަން ކަމުގައި ވާތީ ކަމަށެވެ.

"ކެމްޕޭނެއް ބޯމަތިވުމުން ރައްޔިތުންގެ ލޮލުގައި އަދުން އެޅުވުމަށް ނުނިމި ހުރި އެއާޕޯޓެއްގެ ރަންވޭގެ ފަޅިއެއްގައި ވެހެމުންދާ ބޯ ވާރޭގައި ހުންނަވާ އެއާޕޯޓެއް ހުޅުވާނެ ބޭފުޅެއްނޫން އަދުގެ ރައީސް އަކީ. އެމަނިކުފާނަކީ ނުނިމި ހުރި އެއާޕޯޓްތައް ނިންމަވައި އިތުރު އެއާޕޯޓްތައް ވެސް ތަރައްގީކުރައްވަމުން މުޅި ރާއްޖެ ދަތުރުފަތުރުގެ ހުރިހާ ނިޒާމަކުން ގުޅާލަދެމުން އަންނަ ހިންގުންތެރި ރައީސްއެއް." ނަހުލާ ވިދާޅުވި އެވެ.

ނަހުލާ އެ އިޝާރާތް ކުރައްވަނީ 2018 ގެ ރިޔާސީ އިންތިހާބުގެ ދުވަސްވަރު ރައީސް ޔާމީން ކުޅުދުއްފުށީ އެއާޕޯޓް ހުޅުއްވި ހުޅުއްވުމަަށެވެ. އެ ދުވަހަކީ ވަރަށް ވިއްސާރަ ދުވަހެކެވެ. މުޅީން ނުނިމެނީސް އެ ދުވަހު އެއާޕޯޓް ހުޅުއްވުމަށް ފަހު ބޯވާރޭގައި ހުންނަވާ ރައީސް ޔާމީން ވަނީ ދިގު ތަގުރީރެއް ކުރައްވާފައެވެ.

އިދިކޮޅުންކުރާ ފުރައްސާރައަކީ ސަރުކާރުން ކުރަމުންދާ މަސައްކަތާއި އަޒުމަށް ކުޑަވެސް ބަލިކަށިކަމެއް ގެނެވޭނެ ކަމެއް ނޫން ކަމަށާއި ގައުމީ މަސައްކަތުގެ މައިދާނުގައި ކުރިމަތިވާ ކޮންމެ ގޮންޖެހުންތައް ގިރާ ކުރަނީ ސާބިތުކަކާއި ވަރުގަދަ އަޒުމާއި އެކުގައި ކަމަށްވެސް ވިދާޅުވި އެވެ.

އަދި ވިދާޅުވީ މިއަދު ޅ. އަތޮޅުގެ ރައްޔިތުންނަށް ލިބިގެންދާ އުފަލަކީ މޫސުން ގޯސްވުމުގެ ސަބަބުން ކަނޑުމަތިން އުފަން ރަށަށް އައުމުގައި ކުރިމަތިވާ ދަތިތަކަށް ދެމެހެއްޓެނިވި ހައްލެއް ލިބިގެން ދިއުން ކަމަށް ވިދާޅުވިއެވެ. މަޑިވަރު އެއާޕޯޓަކީ އެތަން ބަޔަކަށް ވަޒީފާގެ އިތުރު ފުރުސަތުތަކެއް ފަހިވެ އެމީހުންގެ ތައުލީމާއި ދުޅަހެޔޮކަމަށް ގުޅުވާލަދޭނެ އިގްތިސޯދީ ނާރެއް ކަމަށްވެސް ވިދާޅުވިއެވެ.

މި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން އައިލެންޑް އޭވިއޭޝަންގެ އެމްޑީ މުހައްމަދު މިހާދު ވިދާޅުވީ މަޑިވަރު އެއާޕޯޓާއިއެކު ރާއްޖޭގެ އިގްތިސޯދުގައި ޅ. އަތޮޅުގެ ހިއްސާ އިތުރަށް ފުޅާކުރުމަށް މަގުފަހިވެގެންދާނެ ކަމަށެވެ. އަދި އެއާޕޯޓާއި އެކުފައި އުފެދިގެންދާ ވަޒީފާގެ ފުރުސަތުތަކުން އަހަރެއްގެ މައްޗަށް ހަތް މިލިއަން ރުފިޔާގެ ޅ. އަތޮޅުގެ ރައްޔިތުންނަށް ލިބިގެންދާނެ ކަމަށެވެ.

ސިޓީ ހޮޓަލަކާ އެކު، މަޑިވަރުގައި ރީޖަނަލް އެއާޕޯޓެއް އަޅަން މަޝްހޫރު ޓޫރިޒަމް ކުންފުނި ކްރައުން އެންޑް ޗަމްޕާ ކުންފުނީގެ ސަބްސިޑަރީއެއް ކަމަށްވާ ކުރެއްދޫ ހޯލްޑިންގްސްއާ ހަވާލުކުރީ 29 މެއި 2018 ގައެވެ.

މަޑިވަރު އެއާޕޯޓުގެ މަސައްކަތް ނިންމާ އެ އެއާޕޯޓަށް ޓެސްޓް ފްލައިޓް ޖެއްސީ މިދިޔަ ޑިސެމްބަރު 25 ވަނަ ދުވަހު އެވެ. އައިލެންޑް އޭވިއޭޝަނުން މަޑިވަރު އެއާޕޯޓް ހިންގުމާ ހަވާލުވެ އެއްބަސްވުމުގައި ސޮއި ކުރީ މިދިޔަ މަހުގެ 17 ވަނަ ދުވަހު އެވެ.