ކޮވިޑާ ގުޅިގެން މޯލްޑިވިއަންގެ ޕައިލެޓުންގެ މުސާރައިން އުނިކުރި ބައިގެ 80 ޕަސެންޓް އަންނަ މަހުން ފެށިގެން ރުޖޫއަކުރާނެ ކަމަށް މޯލްޑިވިއަންގެ މެނޭޖްމެންޓުން ޕައިލެޓުންނަށް އަންގައިފި އެވެ.
މޯލްޑިވިއަން ހިންގާ އައިލެންޑް އޭވިއޭޝަން ކުންފުނިން ޕައިލެޓުންގެ މުސާރައާއި ގުޅިގެން އެންގުމެއް އަންގާފައި މިވަނީ ކޮވިޑާ ގުޅިގެން ކުޑަކުރި މުސާރަ އަނބުރާ އިއާދަކޮށްދިނުން ފަސްކުރުމުން މޯލްޑިވިއަންގެ ޕައިލެޓުންނާއި ބައެއް ކެބިންކުރޫން މިމަހުގެ 12 ވަނަ ދުވަހު ރައީސް އިބްރާހީމް މުހައްމަދު ސޯލިހާ ބައްދަލުކުރައްވާ ޝަކުވާ ހުށަހަޅުއްވާފައި ވަނިކޮށެވެ.
ކުންފުނިން ޕައިލެޓުންނަށް ފޮނުވި ލިޔުމުގައި ވަނީ މިމަހުގެ މުސާރަ ލިބޭއިރު ކުރިން ލިބެމުން ދިޔަ މުސާރައިގެ 80 ޕަސަންޓް ލިބޭނެ ކަމަށް އަންގާފަ އެވެ. ބާކީ 20 ޕަސަންޓް އަންނަ އަހަރުގެ ޖެނުއަރީ މަހުން ފެށިގެން ލިބޭނެ ކަމަށް ވެސް ވަނީ އަންގާފަ އެވެ.
ރައީސް ސޯލިހާ އެކު ބޭއްވި ބައްދަލުވުމުގައި ޕައިލެޓުން ވަނީ ކޮވިޑްގެ ހާލަތުގައި ސަރުކާރަށް މާލީ ގޮތުން އުދަނގޫތައް ކުރިމަތިވި ވަގުތު މުސާރަ ކުޑަކުރުމަށް އެމީހުން އަމިއްލައަށް އެދުނު ކަމަށް ބުނެފަ އެވެ. ނަމަވެސް މިހާރު ރާއްޖެއަށް އަންނަ ފަތުރުވެރިން ވަރަށް ބޮޑަށް އިތުރުވެ، ކޮންމެ ދުވަހަކު ގިނަ އަދަދެއްގެ ފްލައިޓްތައް ވެސް ދަތުރުކުރަމުންދާތީ ކުރީގެ މުސާރަ މިހާރު ނުދެވޭނެ ސަބަބެއް ނެތް ކަމަށް ޕައިލެޓުން ބުނެފައިވެ އެވެ.
ރައީސް އޮފީހުގެ ތަރުޖަމާން މަބްރޫކް އަޒީޒު ވިދާޅުވީ ގައުމީ އެއާލައިންގެ ގޮތުގައި މޯލްޑިވިއަން ހިންގަން ރައީސް ބޭނުންވާ ކަމަށެވެ. އެހެންކަމުން ދުރު ރާސްތާ އަދި ކުރު ރާސްތާ ޕްލޭނެއްގެ ދަށުން ކުންފުނީގައި ހުރި މައްސަލަތައް ހައްލުކުރެއްވުމަށް ރައީސް ބޭނުންވާ ކަމަށެވެ. އަދި ފިނޭންސް މިނިސްޓްރީއާއި އައިލެންޑް އޭވިއޭޝަންގެ ކަމާ ގުޅޭ ބޭފުޅުން މަޝްވަރާކޮށްގެން ކުންފުނީގައި ހުރި މައްސަލަތައް ހައްލުކުރުމުގެ މަސައްކަތް ސަރުކާރުން ކުރަމުންދާ ކަމަށެވެ.
ކޮވިޑްގެ ހާލަތާ ގުޅިގެން މޯލްޑިވިއަންގެ ޕައިލެޓުންގެ މުސާރަތައް 40 ޕަސެންޓަށް ކުޑަކުރި އެވެ. ޕައިލެޓުން ބުނަނީ މި ވަގުތު ދަތުރުތައް އިތުރުވުމުން ކުރީގެ މުސާރަ ދިނުމުގައި އެ ކުންފުންޏަށް ދަތިތަކެއް ކުރިމަތިވާނެ ކަމަށް ގަބޫލު ނުކުރާ ކަމަށެވެ.