ރައީސް އޮފީސް

ޕާކް ކުރާނެ ތަނެއް ނުދައްކާ ކުރީގެ ސަރުކާރުން ކުރި ޖޫރިމަނާތައް މައާފްކުރަން ނިންމައިފި

ޕާކް ކުރާނެ ތަނެއް ނުދައްކައި ސްޓިކާ ނުޖަހާނެ ކަމަށް ނިމިދިޔަ ސަރުކާރުން ވެފައިވާ ވައުދާ ހިލާފަށް ޖަހާފައިވާ ޕާކިން ސްޓިކާ ޖޫރިމަނާތައް ރައިސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު މައާފްކޮށްދެއްވައިފި އެވެ.

ޕާކިން ސްޓިކާތައް މައާފްކޮށްދިނުމަށް ނިންމާފައިވާ ކަމަށް ހާމަކޮށްފައިވަނީ ރައީސް އޮފީހުގައި މިހާރު ކުރިއަށްދާ ނޫސްވެރިންގެ ބައްދަލުވުމުގައި އެ އޮފީހުގެ އަންޑަ ސެކްރެޓަރީ ފޯ ޕަބްލިކް ޕޮލިސީ މުހައްމަދު ފިރުޒުލް އަބްދުﷲ ހަލީލް އެވެ.

ފިރުޒުލް ވިދާޅުވީ "ހަފުތާ 14"ގެ އެޖެންޑާގައި ހަތަރު ހަފުތާގެ ތެރޭގައި ނިންމަން ހަމަޖައްސާފައިވާ ރައީސްގެ ވައުދުގެ ތެރޭގައި ކުރިން ނިންމާފައިވަނީ މިދިޔަ ސެޕްޓެމްބަރު ފަސްވަނަ ދުވަހާ ހަމައަށް ކޮށްފައިވާ ޖޫރިމަނާތައް މައާފުކޮށްދިނުމަށް ކަމަށެވެ.

ނަމަވެސް މިދިޔަ ސަރުކާރުގައި އެ މުއްދަތާ ހަމައަށް ކޮށްފައިވާ ޖޫރިމަނާތައް ވަނީ މައާފްކޮށްދީފައި ކަމަށްވާތީ މިހާރު ނިންމާފައިވަނީ ސެޕްޓެމްބަރު ފަހަކުން ފެށިގެން މިދިޔަ ނޮވެމްބަރު 16 ވަނަ ދުވަހުގެ ނިޔަލަށް ކޮށްފައިވާ ޖޫރިމަނާތައް ގާނޫނުގައިވާ ގޮތުގެ މަތިން މައާފްކޮށްދިނުމަށް ކަމަށްވެސް ފިރުޒުލް ވިދާޅުވި އެވެ.

"ޖޫރިމަނާތަކުން އަސަރުކޮށްފައިވާ ފަރާތްތަކަށް މިއަދުން ފެށިގެން ޖޫރިމަނާ މައާފުވެގެންދާނެ" ފިރުޒުލް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ މި މުއްދަތާ ހަމައަށް 2.8 މިލިއަން ރުފިޔާ ޖޫރިމަނާ ފައިސާގެ ގޮތުގައި މައާފްކުރެވޭނެ ކަމަށެވެ. އަދި ޕާކިން ނިޒާމު ވަރުގަދަކުރުމުގެ ގޮތުން ޕާކިން އިމާރާތްތަކާއި، ޖާގަތައް އިތުރުކޮށްދިނުމުގެ މަސައްކަތް ވެސް ކުރަމުންދާ ކަމަށް ވިދާޅުވި އެވެ.

ރާއްޖޭގައި ރިޔާސީ ވައުދެއްގެ ގޮތުގައި ހިމަނައިގެން ޕާކިން ޖޫރިމަނާ މައާފްކުރުން ކޮންމެ ރިޔާސީ އިންތިހާބަކާ ދިމާކޮށް ކުރިއަށް ގެންދެ އެވެ.