މުހައްމަދު ފިރުޒުލް އަބްދުﷲ ހަލީލް

މުއިއްޒު ސަރުކާރުގައި ސިޔާސީ މަގާމުތައް 700 އަށް ވުރެ އިތުރެއް ނުވާނެ

ސިޔާސީ މަގާމުތަކުގެ އަދަދުގެ 700 އަށް ވުރެ އިތުރު ނުކުރުމަށް އިންތިހާބީ ރައީސް ޑރ. މުހައްމަދު މުއިއްޒު ނިންމަވައިފި އެވެ.

ނޫސްވެރިންނަށް މިއަދު މައުލޫމާތު ދެއްވަމުން އިންތިގާލީ މަރުހަލާގެ ތަރުޖަމާނު މުހައްމަދު ފިރުޒުލް އަބްދުﷲ ހަލީލް މިއަދު ވިދާޅުވީ ސިޔާސީ މަގާމުތަކުގެ އަދަދާ މެދު އިންތިހާބީ ރައީސް ގޮތެއް ނިންމެވީ ސަރުކާރުގެ އިދާރާތަކާއި، ރައީސުލްޖުމްހޫރިއްޔާގެ އޮފީހާއި، ރައީސުލްޖުމްހޫރިއްޔާ ދިިރިއުޅުއްވާ ގެކޮޅާއި އަދި ނައިބް ރައީސް ދިރިއުޅުއްވާ ގެކޮޅުގެ އިދާރީ މުވައްޒަފުންގެ އަދަދަށް ބެއްލެވުމަށްފަހު ކަމަށެވެ.

ފިރުޒުލް ވިދާޅުވި ގޮތުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހްގެ ސަރުކާރުގައި ސިޔާސީ މަގާމުތަކުގެ އަދަދަކީ 1،063 އެވެ.

"އަޅުގަނޑު މިއަދަދު ކޯޓު މިކުރަނީ ދިވެހި ދައުލަތުގެ 2023 ވަނަ އަހަރުގެ ބަޖެޓަށް ރިއާޔަތްކޮށް. އަދި ހަމައެހެންމެ މިއަދަދަކީ ރައީސް ޔާމީން ސަރުކާރުގެ ސިޔާސީ މަގާމުތަކުގެ އަދަދު ކަމަށް މިއަދުގެ ސަރުކާރުގެ ކުރީގެ ތަރުޖަމާން ފާހަގަކުރައްވާފައިވާ 808 މިއަދަދަށް ވުރެވެސް މަދު އަދަދެއް ކަން އަޅުގަނޑު ފާހަގަކޮށްލަން ބޭނުން،" ފިރުޒުލް ވިދާޅުވި އެވެ.

ސިޔާސީ މަގާމުތައް އިތުރުވެ ދައުލަތުގެ ބަޖެޓުން އެ މަގާމުތަކަށް ކުރަންޖެހޭ ހޭދަ އަހަރުން އަހަރަށް އިތުރުވުމަކީ އާންމުންގެ ވަރަށް ބޮޑު ކަންބޮޑުވުމެއް އަބަދުވެސް އޮންނަ މައްސަލަ އެކެވެ.

ރިޔާސީ އިންތިހާބުގެ ކެމްޕޭންގެ ދުވަސްވަރު ޑރ. މުއިއްޒު ވަނީ ސިޔާސީ މަގާމުތަކަށް އަދި ކެބިނެޓަށް އައްޔަންކުރައްވާނީ އިލްމީ ތަޖުރިބާ ހުރި އަދި ނަޒާހަތްތެެރި ޖަވާބުދާރީވެވޭ ބޭފުޅުން ކަމަށް ވިދާޅުވެފަ އެވެ.