ޕީޕީއެމް ޕީއެންސީގެ މަޖިލިސް ޕްރައިމަރީގައި މިލަންދޫ ދާއިރާއަށް ވާދަކުރެއްވި ނަބީލް ޒަމީލް ޑެޕިއުޓީ މިނިސްޓަރު ކަމަށް އައްޔަންކުރައްވައިފި އެވެ.
ނަބީލް ވަނީ ޕްރައިމަރީން ބަލިވުމުން އޭރު އެކަން ގަބޫލުކޮށް އެ ދާއިރާގެ ޓިކެޓް ކަށަވަރު ކުރެއްވި ކުރީގެ މެންބަރު ހަސަން މުފީދަށް ތާއީދުކުރައްވާފަ އެވެ. ނަމަވެސް ފަހުން އޭނާގެ ހިޔާލު ބަދަލުވެ އަމިއްލަ ގޮތުން އިންތިހާބުގައި ވާދަކުރެއްވުމަށް އިލެކްޝަންސް ކޮމިޝނަށް ފޯމުވެސް ހުށަހެޅުއްވި އެވެ. އެކަމަކު ނަން އަނބުރާ ގެންދިއުމަށް އިލެކްޝަންސް ކޮމިޝަނުން ދިން ފުރުސަތު ހަމަވި ފަހުން ނަބީލް ވަނީ އިންތިހާބު ވާދަނުކުރެއްވުމަށް ނިންމަވައި އަނެއްކާވެސް މުފީދުއަށް ތާއީދުކުރައްވާފަ އެވެ. އެކަމަކު އޭނާގެ ނަން ވޯޓު ކަރުދާސްކޮޅުގައި އޮންނާނެ އެވެ.
ށ. ފީކަށް އުފަން ނަބީލަށް ޑެޕިއުޓީ މިނިސްޓަރުކަން ދީފައިވީ ނަމަވެސް ސަރުކާރުން އަދި އެކަން ހާމަކޮށްފައެއް ނުވެ އެވެ.
އެކަމަކު ނަބީލް ވަނީ އޭނާ، ޑެޕިއުޓީ މިނިސްޓަރު ކަމަށް އައްޔަންކުރައްވާފައިވާ ކަން ސޯޝަލްމީޑިއާގައި ހާމަކުރައްވާފަ އެވެ. އޭނާ އައްޔަންކުރައްވާފައިވަނީ އެންވަޔަރަންމަންޓް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު ކަމަށެވެ.
ނަބީލް އަކީ ޕީޕީއެމް އިދިކޮޅު ޕާޓީގެ ގޮތުގައި އޮތް އިރު އެ ޕާޓީން މަގުމަތީގައި ކުރިއަށް ގެންދިޔަ ހަރަކާތްތަކާއި މުޒާހަރާތައް ރާވާ ހިންގުމުގައި އިސްކޮށް އުޅުއްވި ބޭފުޅެކެވެ.
ނަބީލަށް ޑެޕިއުޓީ މިނިސްޓަރުކަން ދެއްވާފައި މިވަނީ ހާއްސަ ހާލަތެއްގައި ނޫނީ ސިޔާސީ އިސް މަގާމުތަކަށް ބޭފުޅުން ދެން އައްޔަންނުކުރައްވާނެ ކަމަށް ރިޔާސީ ބަޔާން އިއްވަވަމުން ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެފައި ވަނިކޮށެވެ.