ޑރ. މުހައްމަދު މުއިއްޒު

އެއްވެސް މަޝްރޫއެއް ހުއްޓާލުމަށް އަންގާފައެއް ނުވާނެ: މުއިއްޒު

އެއްވެސް ރަށެއްގައި ހިނގާ އެއްވެސް މަޝްރޫއެއް ހުއްޓާލަން އަދި މަޑުޖައްސާލަންވެސް ދަންނަވާފައި ނުވާނެ ކަމަށް އިންތިހާބީ ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

މުއިއްޒު މިރޭ އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އެއްވެސް ރަށެއްގައި ހިނގާ އެއްވެސް މަޝްރޫއެއް ހުއްޓާލަން ނޫނީ މަޑުޖައްސާލުމަށް އެމަނިކުފާނު ދަންނަވާފައި ނުވާނެ ކަމަށެވެ. އަދި އެމަނިކުފާނުފެ ފަރާތްޕުޅުން އެއްވެސް ބޭފުޅަކުވެސް އެކަހަލަ އެންގުމެއް އަންގަވާފައި ނުވާނެ ކަމުގައިވެސް ވިދާޅުވި އެެވެ.

"ބައެއް ރަށްތަކުގައި މަސައްކަތް ހުއްޓާލައި މެޝިނަރީތައް ބާލަމުންދާކަމާއި އެކަން ކުރަނީ އަޅުގަނޑު އަންގައިގެން ކަމަށް ދައްކާ ހަގީގަތެއް ނެތް ވާހަކަތަކާއި ގުޅިގެން ރައްޔިތުންނަށް ޔަގީންކަން ދިނުމުގެ ގޮތުން ދަންނަވާލަން،" މުއިއްޒު ވިދާޅުވެފައިވެ އެވެ.

އެކަމަކު ވެރިކަން ބަދަލުވުމުގެ މަރުހަލާގެ މަސައްކަތްތައް ކުރިއަށްދާތީ މުއިއްޒު ވަނީ ބައެއް ކަންކަން ނުކުރުމަށް އެދިވަޑައިގެން ސަރުކާރަށް ސިޓީފުޅެއް ފޮނުއްވާފަ އެވެ. އެގޮތުން އަންގަވާފައިވަނީ އާ އިންވެސްޓްމަންޓް ނުކުރުމާއި، ދައުލަތުގެ އެއްވެސް މުދަލެއްގެ މިލްކުވެރިކަން ބަދަލުނުކުރުމާއި، ޕީއެސްއައިޕީގެ އާ މަޝްރޫއެއް ނުފެށުމަށާއި، ދައުލަތުގެ އެއްވެސް ބިމެއް ވިއްކުމުގެ ހުއްދަ ނުދިނުމާއި، ދައުލަތުގެ އެއްވެސް ވަޒީފާ އަކަށް މީހުން ނުނެގުމާއި، ބައިނަލްއަގުވާމީ މުއާހަދާތަކާއި އެއްބަސްވުންތަކުގައި ސޮއިނުކުރުމާއި، ދައުލަތުގެ ވަޒީފާތަކުގައި މީހުންނަށް މަގާމުގެ ކުރިއެރުން ނުދިނުމާއި، އެއްވެސް އިދާރާއެއްގެ މުސާރައިގެ އޮނިގަނޑަށް ބަދަލު ނުގެނައުމަށްވެސް އަންގަވާފައިވެ އެވެ.