މުހައްމަދު ފިރުޒުލް އަބްދުﷲ ހަލީލް

2024ގެ ބަޖެޓު އެކުލަވާލުމަށް މުއިއްޒަށް ލިބިވަޑައިގަތީ ހަނި ފުރުސަތެއް

އަންނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓުގައި ކަންކަން ހިމެނުމަށް އިންތިހާބީ ރައީސް ޑރ. މުހައްމަދު މުއިއްޒަށް ލިބިވަޑައިގެންފައިވަނީ ހަނި ފުރުސަތެއް ކަމަށް އިންތިހާބީ ރައީސްގެ އޮފީހުން މިއަދު ބުނެފި އެވެ.

ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން އިންތިގާލީ މަރުހަލާގެ ތަރުޖަމާނު މުހައްމަދު ފިރުޒުލް އަބްދުﷲ ހަލީލް މިއަދު ވިދާޅުވީ 2024 ވަނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓުގެ މަސައްކަތް ފިނޭންސް މިނިސްޓްރީގެ ޓީމަކާއެކު އިންތިހާބީ ރައީސްގެ ފަރާތްޕުޅުން ކުރަމުންދާ ކަމަށާއި އެ ބަޖެޓުން އާ ސަރުކާރަށް ލިބެނީ ހަނި ޖާގައެއް ކަމަށެވެ.

"ސަބަބަކީ 2024 ވަނަ އަހަރުގެ ބަޖެޓުގެ ތެރޭގައިވެސް މައިގަނޑު ގޮތެއްގައި ހިމެނިގެން އަންނަނީ ހިނގަމުންދާ ސަރުކާރުގެ ތެރެއިން ހިނގަމުންދާ މަޝްރޫއުތަކާއި އަދި ހަމައެހެންމެ ތަރުތީބުވެގެން އަންނަ މާލީ ޒިންމާތަކުގެ ތެރެއިން އަޅުގަނޑުމެންނަށް ވާރުތަވާ ކަންތައްތައް،" ފިރުޒުލް ވިދާޅުވި އެވެ.

ހާލަތު ހުރި ގޮތުން 2024 ވަނަ އަހަރުގެ ބަޖެޓު ފަރުމާކުރުމުގައި ގޮންޖެހުންތަކެއް ހުރި ކަމަށް އޭނާ ވިދާޅުވި އެވެ.

ފިރުޒުލް ވިދާޅުވި ގޮތުގައިން އެ ގޮންޖެހުންތަކާއެކު އިންތިހާބީ ރައީސުލްޖުމްހޫރިއްޔާ އާއި އެމަނިކުފާނުގެ ޓީމުން މަސައްކަތް ކުރަމުންދަނީ މިހާރަށްވުރެ ފަހި ހާލަތަށް ރާއްޖެ ގެންދެވޭނެ ކަމުގެ އުންމީދާއެކުގަ އެވެ.

"އެ ޔަގީންކަން އިންތިހާބީ ރައީސުލްޖުމްހޫރިއްޔާ ހުރިހާ ދިވެހި ރައްޔިތުންނަށް އަރުވާ،" ފިރުޒުލް ވިދާޅުވި އެވެ.

އަންނަ އަހަރުގެ ބަޖެޓު އެކުލަވާލުމުގައި އިންތިހާބީ ރައީސް ވެވަޑައިގެންފައިވާ ވައުދުތައް ފުއްދުމާއެކު ބަޖެޓުގައި ހުރި ފިސިކަލް ހިރާސްތަކަށްވެސް ވިސްނަވާ ކަމަށް އޭނާ ވިދާޅުވި އެވެ.

"2024 ވަނަ އަހަރަށް އެކަނި ވިސްނުމުގެ ބަދަލުގައި މެދު ރާސްތާގައި ދުރަށް ވިސްނަވައިގެން ބަޖެޓުގައި ހުރި ފިސިކަލް ހިރާސްތަކަށް ވިސްނަވައިގެން އެކަންކަން އެންމެ ފަހި މަގަކަށް، އުންމީދީ މަގަކަށް ގެންދެވޭނެ ގޮތަކަށް ވިސްނުންފުޅު ބަހައްޓަވައިގެން ބަޖެޓުގެ މަސައްކަތް ކުރެއްވުން،" ބަޖެޓާ ގުޅޭ ގޮތުން ފިރުޒުލް ވިދާޅުވި އެވެ.

ފިނޭންސް މިނިސްޓްރީން ރައްޔިތުންގެ މަޖިލީހަށް މި މަހު ހުށަހެޅި ސަޕްލިމެންޓްރީ ބަޖެޓާ ގުޅޭ ގޮތުން ފިރުޒުލް ވިދާޅުވީ އެ ބަޖެޓަކީ މި ސަރުކާރުން ހުށަހެޅި ބަޖެޓެއް ކަމަށެވެ.

"ސަޕްލިމެންޓްރީ ބަޖެޓަކީ މިހާރު ހިނގަމުންދާ ސަރުކާރުން އެ ބޭފުޅުން މިއަހަރަށް ފާސްކުރި ބަޖެޓުން ކަންކަން ހަމަނުޖެހި ދާތީ އެކަންކަން ފޫބެއްދުމަށް ނިންމެވި ނިންމެވުމެއްގެ ތެރެއިން އެ ބޭފުޅުން ހުށަހަޅުއްވާ ބަޖެޓެއް،" ފިރުޒުލް ވިދާޅުވި އެވެ.

ބަޖެޓުގެ ތެރެއިން އިންތިހާބީ ރައީސްގެ ފުރަތަމަ 100 ދުވަހުގެ ޕްލޭނަށް ބޭނުންވާ ކަންކަން ހަމަޖެއްސުމަށް ކުޑަ ފުރުސަތެއް ލިބުނުކަން ފިރުޒުލް ފާހަގަކުރެއްވި އެވެ.

"މި ލިބުނު ކުޑަ ވިންޑޯގެ ތެރެއިން އަޅުގަނޑުމެން އަމާޒަކަށް މި ވަނީ އަލަށް ފެށިގެންދާ ސަރުކާރުގެ 100 ދުވަހުގެ ވައުދުތަކުގެ ތެރޭގައި ހިމެނޭ ނުވަތަ 100 ދުވަހުގެ ޕްލޭނަށް ބޭނުންވާ މަސައްކަތްތައް ފަށައިގަތުމުގެ ބިންގާ އެޅިގެން އެކަންކަމަށް މަގު ފަހިކުރުން،" ފިރުޒުލް ވިދާޅުވި އެވެ.