ރާއްޖޭގެ ގައުމީ އެއާލައިން އެނގޭ ހެއްޔެވެ؟ މި ސުވާލުގެ ޖަވާބު ކުރިއަކުން ނޭނގެ އެވެ. ނަމަވެސް ވޭތުވެދިޔަ ހަތަރު އަހަރެއްހާ ދުވަސް ކުރިން "މޯލްޑިވިއަން" މިވަނީ ގައުމީ އެއާލައިންގެ ލަގަބު ލިބިފަ އެވެ. މި ލަގަބާއެކު އެ އެއާލައިނުން ވަނީ ދިވެހި ދިދައާއެކު ވައިގެތެރޭގައި އުދުހެން ފަށާފަ އެވެ. މި އާއެކު އެ އެއާލައިންގެ ވިޔަފާރި މިވަނީ ފުޅާވެފަ އެވެ. ވޭތުވެދިޔަ ތިން އަހަރަށް ބަލާއިރު ކުންފުނީގެ ފްލީޓް މިވަނީ އިތުރުވެފަ އެވެ. ނަމަވެސް މި ހަލުވިކަމާއެކު ދެން އޮތީ ސުވާލެކެވެ: ގައުމީ އެއާލައިންގެ މިސްރާބު ކިހިނެއްބާ އެވެ؟
"އަޅުގަނޑުމެންނަށް ސަރުކާރުން ދެއްވާފައި އޮތް މެންޑޭޓަށް ކުރިއަށް މިދަނީ. އެއް ކަމަކީ ރައްޔިތުންނަށް އެކަށީގެންވާ ގޮތެއްގައި ދަތުރު ކުރެވޭނެ އިންތިޒާމު ހަމަޖެއްސުން. އަނެއް ކަމަކީ ޓޫރިޒަމް ފުޅާކުރުމަށް އެހީވުން،" މޯލްޑިވިއަންގެ މެނޭޖިން ޑިރެކްޓަރު އަބްދުލް ހާރިސް ވިދާޅުވި އެވެ.
މޯލްޑިވިއަންގެ ފްލައިޓްތައް އިތުރުވަމުން އައި ގޮތް
ކުރިން އެއާ މޯލްޑިވްސްގެ ނަމުގައި ހިންގަމުން ދިޔަ ކުންފުނި "އުވި" މޯލްޑިވިއަންގެ ނަމުގައި ބޯޓު އުދުއްސަން ފެށި ފަހުން އެންމެ ފުރަތަމަ ބޯޓެއް ގެނެސްފައިވަނީ 2000 ވަނަ އަހަރެވެ. އެ ފަހަރު ގެނަނީ ޑޭޝް 8، މަރުކާގެ 37 ގޮނޑީގެ ބޯޓެކެވެ. އަދި 2006 އަހަރުގެ ނޮވެމްބަރު މަހު ވެސް 37 ގޮނޑީގެ ބޯޓެއް ގެނެސްފައިވެ އެވެ. އޭގެ ފަހުން ޖެހިގެން އައި 2007 ވަނަ އަހަރު އޮކްޓޫބަރު މަހު މޯލްޑިވިއަންއިން ފުރަތަމަ ފަހަަރށް ޑޭޝް 8 މަރުކާގެ 50 ގޮނޑީގެ ބޯޓެއް ގެނަ އެވެ. އަދި 2008 ވަނަ އަހަރު ވެސް 50 ގޮނޑީގެ ބޯޓެއް ގެނެސްފައިވެ އެވެ .އޭގެ ފަހުން އެ ކުންފުނީގެ ފްލައިޓްތައް އިތުރުވުން "ކުޑަކޮށް މަޑުޖެހިލި" އެވެ. ނަމަވެސް އެއަށްފަހު އެ ކުންފުނިން ނެގީ ބޮޑު ފިޔަވަޅެކެވެ. އެ ގޮތުން 2012 ވަނަ އަހަރު ނޮވެމްބަރު މަހު ފުރަތަމަ ފަހަަރަށް އެއާބަސް ބޯޓެއް ގެނަ އެވެ. މި ފަހަރު އެ ކުންފުނިން ގެނެސްފައިވަނީ 150 މީހުން އުފުލޭ ވަރުގެ ބޯޓެކެވެ. މީގެ އިތުރުން އެ ކުންފުނިން މި އަހަރު ޖެނުއަރީ މަހު 194 މީހުން އުފުލޭ އެއާބަސް އިތުރު ބޯޓެއް ގެނެސްފައިވެ އެވެ. އެ ގޮތުން މޯލްޑިވިއަންގައި މިހާރު ޑޭޝް 8، 300 މަރުކާގެ 50 ގޮނޑީގެ ފަސް ބޯޓު އެބައޮތެވެ. އަދި ޑޭޝް8، 200 މަރުކާގެ 37 ގޮނޑީގެ ދެ ބޯޓާއި ސީޕްލޭންގެ ގޮތުގައި ރިސޯޓުތަކަށް ޓޫރިސްޓުން އުފުލަށް ހާއްސަ 6 އެއާޓެކްސީ ވެސް ބޭނުންކުރެ އެވެ. މިއާއެކު މޯލްޑިވިއަންގައި މިހާރު 800 ޝީޓް އެބަހުއްޓެވެ.
އެމްޑީ ހާރިސް ވިދާޅުވި ގޮތުގައި ޗައިނާގެ ފަސް މަންޒިލަކަށް އެއާބަސް ބޯޓުގައި ކުރާ ދަތުރުތަކުގެ ސަބަބުން މުޅި ރާއްޖެއަށް ވެސް ފައިދާ ކުރާ ކަމަށެވެ.
"ކުރީގައި އަޅުގަނޑުމެން ފެށިއިރު އުފުލާ ފަސިންޖަރުންގެ 25 ޕަސެންޓަކީ ޓޫރިސްޓުން. މިހާރު 60 ޕަސެންޓަށް އަރައިފި.ޓޫރިސްޓުން އިތުރުވާ ވަރަކަށް އަޅުގަނޑުމެންގެ އެފިޝެންސީ އިތުރު ވެގެން އެބަދޭ. އެ މީހުން ދަތުރުކުރާއިރު ވަކި ގޮތަކަށް ދަތުރުކުރަން ޖެހޭ. ޓޫރިސްޓަކުން އިންޓަނޭޝަނަލް އެއާޕޯޓަށް އައިސްފަ އޭނަ ރިސޯޓަށް ގޮށްސަ، އެނބުރި ގައުމަށް ދާން އަންނައިރު ނުގެނެ ވެއްޖެނަމަ އޭގެ ޒިންމާ ނަގަން ޖެހޭ،" ހާރިސް ވިދާޅުވި އެވެ.
"ދަތުރުކުރަނީ ފައިދާއަށް ބަލައިގެނެއް ނޫން"
މޯލްޑިވިއަންގެ ވިޔަފާރި ފުޅާވަމުން ގޮސް ރާއްޖޭގެ ހުރިހާ މަންޒިލްތަކާއި ބޭރުގެ ގިނަ މަންޒިލްތަކަށް ދަތުރުކުރާއިރު މޯލްޑިވިއަންއާއެކު އާއްމުންގެ ބޮޑު ޝަކުވާ ވެސް ކުޑައެއް ނޫނެވެ. އެންމެ ބޮޑު ޝަކުވާއަކީ ޓިކެޓުގެ އަގު ބޮޑުވުމެވެ. އާއްމުންގެ ނަޒަރުގައި މޯލްޑިވިއަންއިން އެކަންކުރަނީ "ފައިދާ ނަގާށެވެ." ނަމަވެސް އެމްޑީ ހާރިސް ވިދާޅުވި ގޮތުގައި މޯލްޑިވިއަންއިން ދަތުރުކުރަނީ ފައިދާއަށް ބަލައިގެނެއް ނޫންނެވެ.
"ހަމައެކަނި ފައިދާއަށް ބަލައިގެން މިކަން ކުރެވޭ ކަށެއް ނޯންނާނެ. ރާއްޖޭގެ އެކި ކަންކޮޅުތަކުން މީހުންނަށް ދަތުރުކުރެވޭ ގޮތް އޮންނަން ޖެހޭ. ރާއްޖޭގެ ޑެސްޓިނޭޝަނަކުން ގެއްލުން ވެޔޭ ކިޔާފަ ދަތުރު ކުރުން ހުއްޓައެއް ނުލެވޭނެ. އަޅުގަނޑުމެންގެ ޒިންމާއެއް އެއީ އެތަނަށް ދިވެހިންނަށް ދަތުރުކުރެވޭނެ ގޮތް ހެދުން،" ހާރިސް ވިދާޅުވި އެވެ.
"އެއްވެސް ޑެސްޓިނޭޝަނަކުން ހުއްޓާލައިފިނަމަ ބޮޑު ގެއްލުމެއް ވާނެ. މީގެ ފަސް އަހަރު ކުރިން މިހާރު ދަތުރުކުރާ މަންޒިލްތަކަށް ދާނީ އެއް ފައިޓް ނޫނީ ދެ ފްލައިޓް. ނަމަވެސް މިހާރު ކޮންމެ ޑެސްޓިނޭޝަނަކަށް ފަސް ފްލައިޓް ދަތުރުކުރޭ. މިހާރު މެޑިކަލް ކަމެއް ދިމާވެއްޖެނަމަ ވެސް ވަގުތުން ގެންނަނީ. އެކަންވެސް 24 ގަޑިއިރު ކުރަމުން މިދަނީ."
ކޮންމެއަކަށް މޯލްޑިވިއަންގެ ފްލައިޓްތައް މިދަނީ އިތުރުވަމުންނެވެ. މި ހަލުވިކަމާއެކު އެއާލައިންގެ ކުރިމަގު އޮތީ އުޖާލާ ކޮށެވެ. މި އުޖާލާކަމާއެކު އާއްމުން ބޭނުންވަނީ އަގު ހެޔޮކޮށް ދަތުރުކުރެވޭނެ ގޮތެއް ހަމަޖެހިގެން ދިއުމެވެ.