ރިޕޯޓް

މާފަރު އެއާޕޯޓް މިއަދު ހުޅުވާއިރު ނޫނު އުންމީދުގައި

Dec 1, 2019
2

މާފަރު އިންޓަނޭޝަނަލް އެއާޕޯޓް (އެމްއައިއޭ) ނުވަތަ "މިއާ" ހުޅުވާއިރު މުޅި ނ. އަތޮޅު އޮތީ އުންމީދުން ފުރިފަ އެވެ. ގާތްގަނޑަކަށް 12 އަހަރުގެ މި އިންތިޒާރު މިއަދު ހަވީރު ނިމުމަކަށް އަންނައިރު އަތޮޅުގެ އެހެން ރަށްތަކަށްވުރެ ބޮޑަށް އުފާވެފައި ތިބީ މާފަރުގެ ރައްޔިތުންންނެވެ. މާފަރުގެ ރައްޔިތުންނާ ވާހަކަ ދައްކާލުމުން އެނގުނީ މިއަދަކީ މިރަށަށް މިހާތަނަށް އައި އެންމެ އުފާވެރި ދުވަހަށް ވާނެ ކަމެވެ.

"ވަރަށް ބޮޑަށް އުންމީދުގައި މިތިބީ. ހިއެއް ނުވޭ ދެން މިރަށަށް މިއަށްވުރެ އުފާވެރި ދުވަހެއް އަންނާނެ ހެނެއް،" މިރަށު މަގުމަތީގައި ކުނި ކަހަން އޮތް ދައްތަ ބުންޏެވެ.

އާބާދީގައި 1،257 މީހުން ދިރިއުޅޭ މާފަރުގައި އިންޓަނޭޝަނަލް އެއާޕޯޓެއް ތަރައްގީ ކުރުމުގެ މަސައްކަތް ރަސްމީކޮށް ފަށާފައި ވަނީ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގަ އެވެ. ނަމަވެސް އޭގެ ކުރިންވެސް މި އެއާޕޯޓު ތަރައްގީ ކުރަން އެކި ފެންވަރުގައި މަސައްކަތް ކޮށްފައިވެ އެވެ. އެއާޕޯޓް އަޅަން އެކި ފެންވަރުގައި 2007 ވަނަ އަހަރުން ފެށިގެން ދިޔައީ މަސައްކަތް ކުރަމުންނެވެ. މާފަރުގައި ވައިގެ ބަނދަރެއް ހެދުމުގެ ވިސްނުންތަކާއި ޕްލޭންތައް ގެންގުޅޭތާ 15 ވަރަކަށް އަހަރު ވެއްޖެ އެވެ.

މާފަރުގައި އެއާޕޯޓެއް އަޅާނެކަން ފުރަތަމަ އިއުލާނު ކުރެއްވީ ރައީސް މައުމޫނު އަބްދުލް ގައްޔޫމުގެ ވެރިކަމުގަ އެވެ. އޭގެ ފަހުން ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި މާފަރުގައި އެއާޕޯޓު އަޅަން ދެ ކުންފުންޏަކާ ހަވާލު ވެސް ކުރި އެވެ. މި އެއާޕޯޓު ތަރައްގީކޮށްފައި ވަނީ ސިންގަޕޫރުގެ ޓަފް ކުންފުނިންނެވެ.

އެއާޕޯޓަށް ފަންޑުކޮށްފައި ވަނީ ޔުނައިޓެޑް އަރަބް އެމިރޭޓްސް (ޔޫއޭއީ) އިންނެވެ. މިއީ އަބޫދާބީ ފަންޑުގެ 60 މިލިއަން ޑޮލަރު ހޭދަކޮށްގެން ހިލޭ އެހީގެ ގޮތުގައި ހަދާފައިވާ ތަނެކެވެ. މި އެއާޕޯޓު މިއަދު ހުޅުވާއިރު، ދުނިޔޭގެ އެންމެ ބޮޑެތި މަތިންދާ ބޯޓްތައް ކަމަށްވާ އެއާބަސް އޭ 320 އާއި ބޮއިން 737 މަރުކާގެ ބޯޓު ފަހަރު ޖެއްސޭ ފެންވަރަށް 2،200 މީޓަރު ދިގު އަދި 40 މީޓަރު ފުޅާ ރަންވޭ އެއް އަޅާފައިވެ އެވެ. ރަންވޭއާއެކު މި އެއާޕޯޓުގައި ހިތްގައިމު ޓާމިނަލްއަކާއި ވީއައިޕީ ލައުންޖެއް ވެސް ހަދާފައިވެ އެވެ. ނަމަވެސް މިއާއެކު އަޅާ ސިޓީ ހޮޓާ އަދި އަޅާފައެއް ނުވެ އެވެ.

ވިޔަފާރީގެ އާ ދޮރު ތަކެއް ހުޅުވޭނެ

މާފަރު އިންޓަނޭޝަނަލް އެއާޕޯޓް ބަލަހައްޓާނީ ގައުމީ އެއާލައިން މޯލްޑިވިއަން އިންނެވެ. އެ ކުންފުނިން ރާއްޖޭން ބޭރަށްވެސް މި އެއާޕޯޓުން ދަތުރު ކުރާނެ އެވެ. މީގެ އިތުރުން މި އެއާޕޯޓުން ބޭރުގެ އެހެން ގައުމުތަކަށްވެސް ފްލައިޓުތައް ބާއްވަން ފަށާނެ އެވެ. މި ސަރަހައްދަކީ މަތީ ފަންތީގެ ގިނަ ރިސޯޓުތަކެއް ހުރިތަނަށްވާތީ ގިނަ އަދަދެއްގެ ޕްރައިވެޓް ޖެޓް ވެސް މިތަނުގައި ބަހައްޓާނެ އެވެ. މިހުރިހާ ކަމަކުން ވެސް މި ރަށަށް ސީދާ ގޮތުންނާއި ނުސީދާ ގޮތުން މަންފާ ކުރާނެ އެވެ.

މާފަރު ކައުންސިލްގެ ރައީސް އަބްދުލް މާޖިދު އަލީ ވިދާޅުވި ގޮތުގައި މިއަދު ފެށިގެން މިދަނީ މާފަރަށް އުންމީދީ ފެށުމެވެ. މިއާއެކު މުޅި ރަށުގެ އިގްތިސާދު ބޮޑުތަކުން ކުރިއަރައިގެންދާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

"މިސާލަކަށް ބަލަމާ ދަރަވަންދޫ، އެ ރަށުގައި ގެސްޓްހައުސް ވިޔަފާރި ފުޅާވެގެން ދިޔައީ އެއާޕޯޓުގެ ސަބަބުން. އެހެންވެ އުންމީދު ކުރަނީ އެގޮތަށް މިރަށުގައިވެސް ތަރައްގީ ވެގެންދާނެ ކަމަށް،" މާޖިދު ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ އެއާޕޯޓުގެ ސަބަބުން ރަށުގެ ބިމުގެ އަގު ވެސް ބޮޑު ވެގެންދާނެ ކަމަށް އުންމީދު ކުރެވޭ ކަމަށެވެ.

"މިހާރު ރަށުގައި އަކަފޫޅަކަށް މި ޖެހެނީ 50ލ. އެކަމަކު ކުރިއަށް އޮތްތަނުގައި ޑިމާންޑު މަތިވެގެންދާނެ. މިއީ ރަށަށް ލިބިގެންދާނެ ކުރިއެރުމެއް،" މާޖިދު ވިދާޅުވި އެވެ.

މިހުރިހާ ކަމަކާއެކު މާފަރަށް މިއަދު ހާއްސަވެ އެވެ. މިރަށާއި މި އަތޮޅުގެ ރައްޔިތުންގެ މިހާރުގެ އުންމީދަކީ މި އެއާޕޯޓު ހުޅުވި ވީ އެންމެ އަވަހަކަށް ބޭރަށް ދަތުރުތައް ފެށުމެވެ.