ޑޮމެސްޓިކް އެއާޕޯޓް

އިންޝުއަރެންސް ނެތް އެއާޕޯޓްތަކެއް!

މިއީ ކޮންކަހަލަ ވާހަކައެއް ހެއްުޔެވެ؟ އެކަމަކު މިއީ ހަގީގަތް އޮތް ގޮތެވެ؛ ތަނާއި މީހުނަށް ލިބިދާނެ ގެއްލުމަށް ބަދަލު ނަގައިދޭން ކުރާ އިންޝުއަރެންސް ރާއްޖޭގެ ގިނަ ރީޖަނަލް އެއާޕޯޓްތަކުގައި ހުރީ ހަމަވެފަ އެވެ. މި ވާހަކަ ފެންމަތިވެގެން އައީ އުތުރުގެ ހޯރަފުށީ އެއާޕޯޓަށް ރާޅާއި އުދަ އަރައި އެއާޕޯޓް ދޮވި ބާނީގެ ތެރެއިން ނުކުތް އެތައް ވާހަކައެއްގެ ތެރެއިންނެވެ.

އަވަސް އަށް އެނގިފައިވާ ގޮތުގައި ކުރިން ރީޖަނަލް އެއާޕޯޓްތައް ޓްރާންސްޕޯޓް މިނިސްޓްރީގެ ޑިޕާޓްމަންޓަކުން ބަލަހައްޓަމުން ދަނިކޮށް ސަރުކާރުން ކުންފުންޏެއް އުފައްދައި އެއާޕޯޓުތައް ހިންގަން ހަވާލު ކުރިއިރު ވެސް ގިނަ އެއާޕޯޓްތަކުގައި އިންޝުއަރެންސެއް ނެތެވެ. އަދި މިދިޔަ އަހަރުގެ ޖެނުއަރީ ހަވަނަ ދުވަހު މެނޭޖިން ޑިރެކްޓަރަކު އައްޔަންކޮށް ރީޖަނަލް އެއާޕޯޓްސް ކުންފުނި ހިންގަން ފެށި ފަހުން މިއަދާ ހަމަ އަށް ވެސް މި އިންޝުއަރެންސްއާ ކުރެވިފައެއް ނުވެ އެވެ. އެ ކުންފުންޏަށް އެސެޓުތައް ހަވާލުކޮށްފައިވަނީ މާޗް މަހު ތެރޭގަ އެވެ. އަދި ރީޖަނަލް އެއާޕޯޓްސް ކުންފުނިން މިހާރު ދަނީ އެއާޕޯޓުތައް އަގުމަގު ކުރުމުގެ މަސައްކަތް ކުރަން އިއުލާނު ކުރި އެވެ. އަދި ރީޖަނަލް އެއާޕޯޓްސް އިން މިދިއަ މުއްދަތުގައި ކުންފުނީގެ މަގާމުތަކަށް ބޮޑު މުސާރަ ޖަހައިގެން މީހުން ނަގައި އަގުބޮޑު އޮފީސް ސެޓަޕެއް ގާއިމް ކުރުމުގެ މަސައްކަތް ދަނީ ކުރަމުންނެވެ.

ހޯރަފުށީ އެއާޕޯޓަށް ރާޅު އަރައި އެ އެއާޕޯޓް ދޮވެވިގެން ދިޔައިރު އެތަނުގެ އިންޝުއަރެންސުގެ ހިދުމަތް ހަމަވެފައިވާ ކަމަށް ވިދާޅުވީ ރީޖަނަލް އެއާޕޯޓުގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު ރިޒުވީ އަމިއްލަފުޅަށެވެ.

ރާއްޖޭގައި 14 އެއާޕޯޓެއް އޮވެ އެވެ. މީގެތެރެއިން އިންޓަނޭޝަނަލް އެއާޕޯޓުގެ ގޮތުގައި ހިންގަނީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓާއި ގަން އަދި ހަނިމާދޫ އާއި މާފަރު އެއާޕޯޓެވެ. މި އެއާޕޯޓުތައް ހުރީ އިންޝުއަރެންސް ކޮށްފަ އެވެ. އަދި ދަރަވަންދޫ އެއާޕޯޓުތަކާއި އިފުރު އެއާޕޯޓް އަދި ސިންގަޕޫރުގެ ޕާޓްނަރުންތަކާއެކު ހ. ސީސައިޑް މުހައްމަދު އަލީ ޖަނާހު ގދ. ކޫއްޑޫގައި ހިންގާ އެއާޕޯޓުގެ އިތުރުން ދާލު އެއާޕޯޓު އަދި މާމިގިލި ނޫން އެހެން ހުރިހާ އެއާޕޯޓެއްގައި އިންޝުއަރެންސު ހުރީ ހަމަވެ، އާ ކުރަން ޖެހިފަ އެވެ. މިއީ ކަންބޮޑުވުން އޮތް މައްސަލަ އެކެވެ.

އަގު ބޮޑު ޕްރޮޕަޓީތައް އިންޝުއަރެންސް ކުރުމަކީ މި ޒަމާނުގައި ލާޒިމް ކަމެކެވެ. އިންޝުއަރެންސް ނުކޮށް އެއާޕޯޓްތައް ހިންގުމަކީ ގެއްލުން ބޮޑު ވެދާނެ އެވެ. އިންޝުއަރެންސް ކުރުމުން ތަނަށް ލިބޭ ގެއްލުމުގެ އިތުރުން ހިދުމަތް ހޯދާ ފަސިންޖަރުންނަށް ވެސް ރައްކާތެރިކަން ލިބޭނެ އެވެ.

"ރާއްޖެ އަންނަ ޓޫރިސްޓުން ޑޮމެސްޓިކް ގިނަ އެއާޕޯޓު ތަކެއް ބޭނުން ކުރޭ. މިގޮތަށް ހިދުމަތް ހޯދާއިރު ހާދިސާއެއް ދިމާވެއްޖެނަމަ ދެން އުފުލަން ޖެހޭ ބުރައަކީ މާލީ ގޮތުން ފޫބައްދަން ދަތި ކަމަށް ވާނެ. އެކަމަކު އިންޝުއަރެންސް އޮވެއްޖެނަމަ ތަނާއި މީހުންނަށް ލިބޭ ގެއްލުން ވެސް ކަވާ ކޮށްދޭނެ،" ރާއްޖޭގެ އިންޝުއަރެންސް ކުންފުންޏެއްގެ އިސް އޮފިޝަލަކު ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި "އެއާޕޯޓް ފަދަ ތަންތަން އިންޝުއަރެންސް ނުކޮށް މީހުން ގެންދަން ހެޔޮ" ނުވާނެ އެވެ.

އަވަސް އެނގިފައިވާ ގޮތުގައި ޑޮމެސްޓިކް އެއާޕޯޓުތަކުގެ އިންޝުއަރެންސް އާ ކުރަން އިންޝުއަރެންސް ރާއްޖޭގެ ބައެއް ކުންފުނި ތަކުން ކުރިން މަސައްކަތް ކުރި އެވެ. ނަމަވެސް ބަޖެޓު ނެތް ކަމަށް ބުނެ އެކަން އޮތީ ނުކޮށެވެ. އެކަމަކު މިއީ ދުނިޔޭގެ ވައިގެ ދަތުރު ފަތުރުގެ ބަލަހައްޓާ ޖަމިއްޔާ އިކާއޯ އިން ވެސް ލާޒިމް ކުރާ ކަމެކެވެ.

ރާއްޖޭގައި އެއާޕޯޓެއް އަޅަން އާއްމު ގޮތެއްގައި 10 މިލިއަން ޑޮލަރާއި 20 މިލިއަން ޑޮލަރުވަރު ހޭދަ ކުރެ އެވެ. އެހެންވެ ބެލެވޭ ގޮތުގައި ޑޮމެސްޓިކް އެއާޕޯޓެއް އިންޝުއަރެންސް ކުރަން ނަގާ ޕެކޭޖަށް ޕްރިމިއަލްގެ ގޮތުގައި އަހަރަކު ދައްކަން ޖެހޭނީ ގާތްގަނޑަކަށް 60،000 ޑޮލަރާއި 100،000 ޑޮލަރު، ގާތްގަނޑަކަށް 925،000ރ. އާއި 1.5 މިލިއަން ރުފިޔާ އެވެ.

ރާއްޖޭގައި މިހާރު ހަތަރު ކުންފުންޏަކުން އިންޝުއަރެންސުގެ ހިދުމަތްދެ އެވެ. އެހެންވެ ވާދަވެރި ބިޑަކަށް ހުޅުވާލައިގެން އަގު ހެޔޮ އަދި ކަވަރޭޖު ބޮޑު ޕެކޭޖެއް ލިބުމުގެ ފުރުސަތު އެބައޮތެވެ. މައްސަލައަކީ އެކަން ނުކޮށް އޮތް އޮތުމެވެ.