މި އަހަރުގެ ނިމިދިޔަ ތިން ވަނަ ކުއާޓަރުގައި އިންޝުއަރެންސް ކުންފުނިތަކުން ބަދަލުގެ ގޮތުގައި ބޮޑު އަދަދެއް ދޫކޮށްފި އެވެ.
މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) ގެ ތިންވަނަ ކުއާޓަރުގެ ކުއާޓަލީ ބްލެޓިންގައިވާ ގޮތުން ކޮވިޑް-19 އަށްފަހު އިންޝުއަރެންސް އިންޑަސްޓްރީ އަންނަނީ ކުރިއަރަމުންނެވެ. މިގޮތުން ކުންފުނިތަކުން ވަނީ އިންޝުއަރެންސް ނަގާފައިވާ ފަރާތްތަކަށް ބަދަލުގެ ގޮތުގައި ބޮޑު އަދަދެއް ދޫކޮށްފަ އެވެ.
ނިމިދިޔަ ތިންވަނަ ކުއާޓަރުގައި ކުންފުނިތަކުން ބަދަލުގެ ގޮތުގައި 140 މިލިއަން ރުފިޔާ ދައްކާފައިވެ އެވެ. ނަމަވެސް މި އަދަދު މިދިޔަ އަހަރުގެ މި މުއްދަތުގައި ހުރީ 45 މިލިއަން ރުފިޔާގަ އެވެ. ބަދަލު ދީފައިވާ އިންޝުއަރެންސުގެ ތެރޭގައި ފަޔާ އިންޝުއަރެންސާއި ހެލްތް އިންޝުއަރެންސް ހިމެނެ އެވެ.
އިންޝުއަރެންސަށް ބަދަލުދޭ މިންވަރު މަތިވިނަމަވެސް އިންޝުއަރެންސް ނަގާފައިވާ ފަރާތްތަކުން ޕްރިމިއަމްގެ ގޮތުގައި ދެއްކި އަދަދު މި މުއްދަތުގައި ވަނީ ދަށްވެފަ އެވެ. ކުންފުނިތަކުން އިންޝުއަރެންސް ޕްރިމިއަމްގެ ގޮތުގައި ދެއްކި އަދަދު އުޅެނީ 192.5 މިލިއަން ރުފިޔާގަ އެވެ. މި އަދަދަކީ މި އަހަރުގެ ދެވަނަ ކުއާޓަރާ އަޅާ ކިޔާނަމަ 26 ޕަސެންޓުގެ ދަށްވުމެކެވެ. އެންމެ މަތިން ޕްރިމިއަމް ދައްކަނީ ފަޔާ އިންޝުއަރެންސް އާއި ހެލްތް އިންޝުއަރެންސް އަށެވެ.
އިންޝުއަރެންސް އިންޑަސްޓްރީގެ ކުރިއެރުމާއެކު ކުންފުނިތަކުގެ ޖުމްލަ އެސެޓް މިހާރު ވަނީ ދެ ބިލިއަން ރުފިޔާ އަށް އިތުރުވެފަ އެވެ.
ރާއްޖޭގައި ފަސް އިންޝުއަރެންސް ކުންފުންޏެއް ހަރަކާތްތެރިވެ އެވެ. ރާއްޖޭގައި އިންޝުއަރެންސް ވިޔަފާރި ކުރާ ކުންފުނިތަކަކީ އެލައިޑް އިންޝުއަރެންސް އާއި އަމާނާ ތަކަފުލް އަދި ސިލިންކޯ އިންޝުއަރެންސުގެ އިތުރުން ސޮލަރެލް އާއި ދިވެހި އިންޝުއަރެންސް އެވެ.