ވިޔަފާރި

އިންޝުއަރެންސް އިންޑަސްޓްރީގެ ޖުމްލަ އެސެޓް ދެ ބިލިއަނަށް

ކޮވިޑް-19 ގެ ސަބަބުން އިންޝުއަރެންސް ޕްރިމިއަމް ދަށްވި ނަމަވެސް، ރާއްޖޭގެ އިންޝުއަރެންސް އިންޑަސްޓްރީގެ ޖުމްލަ އެސެޓް ދެ ބިލިއަން ރުފިޔާއަށް އަރައިފި އެވެ.

މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) ގެ ދެވަނަ ކުއާޓަރުގެ ބްލެޓިންގައިވާ ގޮތުން އިންޝުއަރެންސް ކުންފުނިތަކުގެ އެސެޓް ވަނީ 23 ޕަސެންޓުގެ ކުރިއެރުމެއް ލިބި، ޖުމްލަ އެސެޓް ނުވަތަ ރައުސުލްމާލުގެ އަގު ދެ ބިލިއަން ރުފިޔާ އަށް އަރާފައިވެ އެވެ. ނަމަވެސް ކޮވިޑް-19 ގެ ސަބަބުން އައި އިގްތިސޯދީ ހީނަރުކަމާއެކު އިންޝުއަރެންސުގެ ނެޓް ޕްރިމިއަލް ވަނީ 56 ޕަސެންޓް ދަށްވެފަ އެވެ.

މި ރިޕޯޓުގައިވާ ގޮތުން މި އަހަރުގެ ދެވަނަ ކުއާޓަރުގެ ނިޔަލަށް އިންޝުއަރެންސް ނަގަން ޕްރިމިއަންގެ ގޮތުގައި އެކި ފަރާތްތަކުން 260.7 މިލިއަން ރުފިޔާ ދައްކާފައިވެ އެވެ. އެކަމަކު މިއީ މި އަހަރުގެ ފުރަތަމަ ކުއާޓަރާ އަޅާ ބަލާނަމަ 20 ޕަސެންޓުގެ ދަށްވުމެކެވެ.ނަމަވެސް މި އަދަދު މިދިޔަ އަހަރާ އަޅާކިޔާނަމަ ވަނީ 20 ޕަސެންޓުގެ އިތުރުވެފަ އެވެ.

ބަދަލަށް 100 މިލިއަން ރުފިޔާ

އެމްއެމްއޭ އިން ބުނި ގޮތުގައި މި މުއްދަތުގައި ބަދަލުގެ ގޮތުގައި ދިން އަދަދު ވެސް ވަނީ ބޮޑު ތަނުން އިތުރުވެފަ އެވެ. ދެ ވަނަ ކުއާޓަރުގައި 100 މިލިއަން ރުފިޔާ ވަނީ އިންޝުއަރެންސް ކުންފުނި ތަކަށް ބަދަލުގެ ގޮތުގައި ދީފަ އެވެ. ނަމަވެސް މިދިޔަ އަހަރުގެ މި މުއްދަތުގައި އިންޝުއަރެންސް ކުންފުނި ތަކުން ބަދަލުގެ ގޮތުގައި ނަގައިދީފައިވަނީ 48 މިލިއަން ރުފިޔާ އެވެ. ބަދަލުގެ ގޮތުގައި އެންމެ ބޮޑު އަދަދެއް ދައްކާފައިވަނީ ހެލްތް އިންޝުއަރެންސާއި ފަޔާ އިންޝުއަރެންސް އެވެ. އެންމެ ބޮޑު ބަަދަލެއް ނަގައިދީފައިވަނީ ފަޔާ އިންޝުއަރެންސް އަށެވެ.

މި އަހަރުގެ ދެވަނަ ކުއާޓަރާ ހަމަ އަށް އިންޝުއަރެންސް އިންޑަސްޓްރީގެ ޖުމްލަ އިންވެސްޓްމަންޓުގެ އަގު އުޅެނީ 575.9 މިލިއަން ރުފިޔާގަ އެވެ. އަދި އިންޝުއަރެންސް ބަދަލުވީ ސާފު ފައިދާގެ ގޮތުގައި 39 މިލިއަން ރުފިޔާ ދެވަނަ ކުއާޓަރުގައި އެކަނި ލިބިފައިވެ އެވެ.