އެލައިޑުގެ އިސްލާމިކް ވިންޑޯ އަޔާދީ ތަކާފުލް އިން 2018 ވަނަ އަހަރު ކްލެއިމްކޮށްފައި ނުވާ ބައިވެރިންނަށް ފައިދާގެ ގޮތުގައި 1،073،382 މިލިއަން ރުފިޔާ ބަހަން ނިންމައިފި އެވެ.
ރާއްޖޭގައި އެންމެ ފުޅާކޮށް އިންޝުއަރެންސުގެ ހިދުމަތްދޭ އެލައިޑުގެ އަޔާދީ ތަކަފުލް އިން ސާޕްލަސް ބެހުމާ ބެހޭ ގޮތުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އަޔާރީ ތަކާފުލްގެ ޖެނެރަލް މެނޭޖަރު އިބްރާހިމް ފިރުޝާން ވިދާޅުވީ ސާޕްލަސް ނުވަތަ ފައިދާ ދޭން ނިންމުމާއެކު އެކައުންޓް ވެރިފައިކޮށް މައުލޫމާތު އަޕްޑޭޓް ކުރުމަށް ހުޅުވާލާފައިވާ ކަމަށެވެ. އެގޮތުން މައި އެލައިޑް އެޕާއި އެލައިޑިގެ ޕްރަންޓް އޮފީހުން ވެސް މި ހިދުމަތް ލިބޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.
އަޔާދީ ތަަކާފުލް އިން 2018 ގެ ފައިދާގެ ގޮތުގައި ބަހާނީ ހޯމް ކޮންޓްރެކްޓާސް އޯލް ރިސްކު އާއި ފަޔާ އަދި މޮޓޯގެ އިތުރުން ބޯޓު ބިލްޑިންގް އާއި ޕަބްލިކް ލައިބިލިޓީ އަދި ޕްލާންޓާއި މެޝިނަރީ އަދި އިކުއިޕްމަންޓާއި މެޝިނަރީ ބްރޭކް ޑައުން އަދި ގުރޫޕް ޕާސަނަލް އެކްސިޑެންޓް ނަގާފައިވާ ކަސްޓަމަރުން ނަށެވެ. މީގެ އިތުރުން ފައިދާ ބަހާނީ ޕެސެންޖާ ލައިބިލިޓީ އާއި ޕްރޮފެޝަނަލް އިންޑެމްނިޓީ އަދި ކާގޯ ތަކާފުލް ނަގާފައިވާ ކަސްޓަމަރުން ނަށެވެ.
ސާޕްލަސް ނުވަތަ ފައިދާ ބެހުމަކީ ކޮބާ؟
ސާޕްލަސް އަކީ ތަކާފުލްގައި ބައިވެރިވުމަށް ކަސްޓަަމަރުން ކޮންޓްރިބިއުޝަން ފައިސާ ޖަމާކޮށް، ގާއިމްކުރާ "ބައިވެރިންގެ ފަންޑު" އިން ސީދާ ތަކާފުލްއާއި ގުޅޭ ހަރަދުތަކުގެ ގޮތުގައި ބެލެވޭ (ގެއްލުމުގެ ބަދަލު ދިނުމާއި ރީ-ތަކާފުލް ކުރުން ފަދަ ޚަރަދުތައް) އުނިކުރުމަށްފަހު، ބާކީ ފައިސާ، ޕާޓިސިޕަންޓް ރިސްކް ފަންޑްގެ ގޮތުގައި އިންވެސްޓްކޮށްގެން އަހަރު ނިމޭއިރު ފަންޑުގައި އިތުރަށް ހުންނަ ފައިސާ އަށް ކިޔާ ނަމެވެ. މި ފައިސާ އަށް "ބައިވެރިންގެ ފަންޑުގެ ފައިދާ" އޭ ވެސް ކިޔަ އެވެ.
އަޔާދީ ތަކާފުލް އިން ފޯރުކޮށްދޭ ޖެނެރަލް ތަކާފުލްގެ މޮޑެލް ބިނާވެގެންވަނީ ޝަރީޢާ ހުއްދަކުރާ މުޢާމަލާތެއްކަމުގައިވާ "ވަކާލާ" ގެ މައްޗަށް ބިނާކޮށެވެ. މި މޮޑެލްގައި ކޮންޓްރިބިއުޓަރުން ތަކާފުލް ޕޮލިސީގައި ބައިވެރިވުމަށްޓަކައި ދައްކާ ކޮންޓްރިބިއުޝަން އަޔާދީ ތަކާފުލް އަށް ދައްކަނީ ވަކީލެއްގެ ހައިސިއްޔަތުން އެ ފައިސާގެ ތެރެއިން ވަކީލުގެ ގޮތުގައި ނަގާ ފީ އުނިކުރުމަށްފަހު ބާކީ އިންނަ އަދަދު ކޮންޓްރިބިއުޓަރުންނަށް ހާއްސަ ފަންޑެއްގައި "ބައިވެރިންގެ ފަންޑު" ގައި މެނޭޖުކޮށްދިނުމަށް އެއްބަސްވެގެންނެވެ. މިގޮތުން، ވަކީލެއްގެ ހައިސިއްޔަތުން އަޔާދީ ތަކާފުލް އަށް ދައްކާ ފީ މެނޭޖުކުރާނީ އަޔާދީ ތަކާފުލްގެ "ތަކާފުލް އޮޕަރޭޓާ" ފަންޑުގައެވެ. މި "ތަކާފުލް އޮޕަރޭޓާ" ގެ ފަންޑުން ހޭދަކުރާނީ ތަކާފުލް ހިދުމަތްދިނުމަށްޓަކައި އަޔާދީ ތަކާފުލް ހިންގުމުގެ ގޮތުން ކުރަންޖެހޭ ހަރަދުތައް ކުރުމަށެވެ.