މޯލްޑިވިއަން

މާފަރުން އިންޑިއާއަށް މޯލްޑިވިއަންގެ ޝެޑިއުލް ދަތުރުތައް ފަށަނީ

މާފަރު އިންޓަނޭޝަނަލް އެއާޕޯޓް (އެމްއައިއޭ) އިން އިންޑިއާގެ މުންބާއީއަށް އަންނަ މަހުން ފެށިގެން ޝެޑިއުލް ފްލައިޓްތައް ފަށަން މޯލްޑިވިއަން ތައްޔާރު ވެއްޖެ އެވެ.

ރާއްޖޭގެ ގައުމީ އެއާލައިން މޯލްޑިވިއަން އިން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު މިހާދު ވިދާޅުވީ އަންނަ މަހުގެ 13 އިން ފެށިގެން މުންބާއީ އަށް ޝެޑިއުލް ފަށަން ނިންމާފައިވާއިރު ފުރަތަމަ ފަށާ ދަތުރު ތަކުގައި ހަފުތާއަކު ތިން ފްލައިޓް އޮންނާނެ ކަމަށެވެ.

"މިހާރު އެކަމަށް ތައްޔާރުވެ. ޓީމުގެ ހުރިހާ މެންބަރުން ވަނީ ރިސޯޓްތަކާއި އެ ހިސާބުގެ ގެސްޓްހައުސްތަކާއެކު ވެސް މަސައްކަތް ކޮށްފަ. އުންމީދު ކުރަނީ މި ފުރުސަތު މި ހިސާބުގެ ގެސްޓްހައުސްތަކުން ވެސް ބޭނުން ކުރާނެ ކަމަށް،" އިމާދު ވިދާޅުވި އެވެ.

ހަތަރު އަތޮޅަށް ބޭނުންވާ ގެސްޓުން ގެނެވޭނެ

އޭނާ އިތުރަށް ވިދާޅުވީ މާފަރު އިންޓަނޭޝަނަލް އެއާޕޯޓް ހިމެނޭ ނ. އަދި ރ. އަތޮޅާއި ބ. އަތޮޅުގައި 10،000 ޓޫރިސްޓު އެނދު އެބަހުރި ކަމަށާ، އެހެންކަމުން މިއީ ރަނގަޅު ފުރުސަތަކަށް ވެގެންދާނެ ކަމަށެވެ.

"މިއީ ހަތަރު އަތޮޅު ހިމެނޭ. މި ފަށާ ފެށުމަކީ ތިން ފްލައިޓެއް. އިރާދުކުރެއްވިއްޔާ އެހެން ސިޓީއަކުން ވެސް ފެށުމުގެ އުންމީދުގައި. މިއީ ގެސްޓްހައުސް ތަކަށް ވެސް ރަނގަޅު ފުރުސަތެއް. މިސާލަކަށް މާލެ ކައިރި އަތޮޅު ގެސްޓްހައުސްތަކަށްވެސް ދެވެނީ ދެ ގަޑިއިރު ވަރުން. އެކަމަކު މާފަރަށް ފެށުމުން މާފަރު ހިމެނޭ ހަތަރު އަތޮޅަށްވެސް އެއް ގަޑިިއިރު ތެރޭގައި މީހުން ގެންދެވޭނެ،" ކުރިިން ޓޫރިޒަމް ދާއިރާގައި ގިނަ ދުވަހު މަސައްކަތްކޮށް ތަޖުރިބާ ހޯއްދަވާފައިވާ އެމްޑީ މިހާދު ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ މިވަގުުތު ވެސް މާފަރަށް ބައިނަލް އަގުވާމީ ފްލައިޓްތައް ޖައްސާ ކަމަށާ ނަމަވެސް މިވަގުތު ޖައްސަނީ ޕްރައިވެޓް ޖެޓު ކަމަށެވެ. މިހާތަނަށް މި އަހަރު 211 ޖެޓަށް އެ ކުންފުނިން ހިދުމަތް ދީފައިވާނެ ކަމަށް މިހާދު ވިދާޅުވި އެވެ.

މާފަރުން ދެކުނު ޔޫރަޕަށް އުދުހެން ފަށާނެ

މި ނޫސްކޮންފަރެންސުގައި އަވަަސް އިން ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން އެމްޑީ މިހާދު ވިދާޅުވީ އިންޑިއާގެ އިތުރުން އެހެން ގައުމުތަކަށް ފްލައިޓް ފަށަން ވެސް މޯލްޑިވިއަން ނިންމާފައިވާ ކަމަށެވެ.

"މިވަގުތު ރަންވޭ އޮތް ގޮތުން ޖެއްސެނީ ކުދި ބޯޓު. ސަރުކާރުން ގެންދަނީ ރަންވޭ ބޮޑު ކުރުމުގެ މަސައްކަތް ޖުލައި މަހު ފަށަން ނިންމާފަ. މި އަހަރުގެ ނިޔަލަށް އެ މަސައްކަތް ނިންމާލުމުން އަޅުގަނޑުމެން ވައިޑް ބޮޑީ އެއާ ކްރާފްޓުގައި އީސްޓަން ޔޫރަޕަށް ވެސް ދަތުރުތައް ފަށާނެ،" މިހާދު ވިދާޅުވި އެވެ.

ނޫސް ކޮންފަރެންސުގައި އެ ކުންފުނީގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު އައިޝަތު ޖެނިފާ ވިދާޅުވީ އެ ކުންފުނީގެ އެއާބަސް އޭ 320 ގެ ބޯޓުން ކުރިން ޗައިނާ އިން ޓޫރިސްޓުން ގެނައި ނަމަވެސް ޗައިނާ ނުހުޅުވާތީ މި ދަތުރުތަކާއެކު އެއާބަސްގެ ބޭނުން އެންމެ ރަނގަޅު ގޮތުގައި ހިފޭނެ ކަމަށެވެ.

"މިއީ އެ ހިސާބުގަނޑު [ނ. ރ. ބ. އަދި ޅ] ގެ އިތުރުން މުޅި ރާއްޖެ އަށް ވެސް އޭގެ ފައިދާ ކުރާނެ ކަމެއް،" ޖެނިފާ ވިދާޅުވި އެވެ.

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ހެދި މާފަރު އިންޓަނޭޝަނަލް އެއާޕޯޓަކީ ޔުނައިޓެޑް އަރަބް އެމިރޭޓްސް (ޔޫއޭއީ) ގެ އަބޫދާބީ ފަންޑުން 60 މިލިއަން ޑޮލަރު ހޭދަ ކޮށްގެން ހިލޭ އެހީގެ ގޮތުގައި ހަދާފައިވާ އެއާޕޯޓެކެވެ. މި އެއާޕޯޓަކީ އެއާބަސް އޭ 320 އާއި ބޮއިން 737 މަރުކާގެ ބޯޓު ފަހަރު ޖެއްސޭ ފެންވަރަށް 2،200 މީޓަރު ދިގު އަދި 40 މީޓަރު ފުޅާ ރަންވޭއެކުގަ އެވެ. ރަންވޭގެ އިތުރުން ޓާމިނަލް އާއި ލައުންޖެއް ވެސް އެ އެއާޕޯޓުގައި ހުރެ އެވެ.