މޯލްޑިވިއަން އިން އޭޓީއާރު މަރުކާގެ ތިން ބޯޓު 60 މިލިއަން ޑޮލަރަށް (ގާތްގަނޑަކަށް 927 މިލިއަން ރުފިޔާ) ގަންނަން އެއްބަސްވުމެއްގައި ސޮއި ކޮށްފި އެވެ.
ގައުމީ އެއާލައިން މޯލްޑިވިއަން އިން މިހާރު ބޭނުން ކުރާ ބޮންބާޑިއާ ކުންފުނީގެ "ޑޭޝް" މަރުކާގެ ބޯޓުތަކުގެ ބަދަލުގައި މިފަހަރު ގަންނަ ބޯޓު ތަކަކީ ޖާގައިގެ ގޮތުން ތަނަވަސް 73 މީހުންގެ ޖާގައިގެ ބޯޓު ތަކެކެވެ. މީގެ ބޯޓެއްގެ އަގު އުޅެނީ ގާތްގަނޑަކަށް 20 މިލިއަން ޑޮލަރު (ގާތްގަނޑަކަށް 309 މިލިއަން ރުފިޔާ) އަށެވެ. އެހެންވެ ތިން ބޯޓަށް ގާތްގަނޑަކަށް 927 މިލިއަން ރުފިޔާ ހޭދަވާނެ ކަމަށް އަންދާޒާ ކުރެވެ އެވެ.
އަވަސް އަށް އެނގިފައިވާ ގޮތުގައި މި ބޯޓުތައް އެ ކުންފުނިން މި ބޯޓުތައް ގެންނަނީ ފައިނޭންސް ލީސިން މޮޑެލް ނުވަތަ ދައްކަމުން ގޮސް ހަލާސްކުރާ ގޮތަށެވެ.
މާލީ ގޮތުން ދަތި ހާލުގައި އޮތް މޯލްޑިވިއަން އިން މިއަދު ނެރުނު ނޫސް ބަޔާނެއްގައި ބުނީ މޯލްޑިވިއަން އިން ގަންނަ ތިން ބޯޓު ވެސް މި އަހަރުގެ ތެރޭ އެ އެއާލައިނަށް ޑެލިވާ ކުރާނެ ކަމަށެވެ. މިފަހަރު ގަންނަނީ އޭޓީއާރު 600-72 ގެ ދެ ބޯޓާއި އޭޓީއާރު 42-600 ގެ އެއް ބޯޓެކެވެ.
ގައުމީ އެއާލައިންގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު މިހާދު ވިދާޅުވެފައިވާ ގޮތުގައި މިއީ ގައުމީ އެއާލައިންގެ ފްލީޓް ބޮޑު ކުރަން އަޅާ މުހިންމު ފިޔަވަޅެއް ކަމަށެވެ.
"އޭޓީއާރު އާއިލާ އަށް އިތުރު މެންބަރެއް އިތުރުވެގެން ދިއުމަކީ ވަރަށް އުފާވެރި ކަމެއް. މި އެއްބަސްވުމުގައި ސޮއި ކުރެވިގެން ދިއުމަކީ، ކޮވިޑް-19 ގެ އާލަމީ ވަބާގެ ތެރޭގައި ވެސް އެއާލައިން ތަކުން ކުރި މަގަށް މަސައްކަތް ކުރަމުން ދާ ކަމުގެ އަދި އޭވިއޭޝަން ދާއިރާގެ މުސްތަގުބަލެއް އޮތްކަން ދައްކުވާދޭ ވަރުގަދަ ހެއްކެއް،" މިހާދު ވިދާޅުވި އެވެ.
"އޭޓީއާރުގެ ބޯޓު ތަކަކީ ރާއްޖެ ފަދަ ޖަޒީރާ ގައުމުތަކަށް އެންމެ އެކަށޭނެ ބޯޓުތަކެއްކަން ވޭތުވެދިޔަ ސާޅީހަކަށް އަހަރުތެރޭ ސާބިތުކޮށްދީފައި. މި އެއްބަސްވުމާއެކު ދިވެހިރާއްޖޭގެ ގައުމީ އެއާރލައިންގެ ހިދުމަތް ފުޅާކޮށް ހިދުމަތުގެ ފެންވަރު ރަނގަޅު ކުރުމަށް ކުރާ މަސައްކަތުގައި ބައިވެރިވުމަކީ ލިބޭ ފަހުރެއް،"
ގައުމީ އެއާލައިން އިން އަލަށް ގެންނަ އޭޓީއާރު މަރުކާގެ ބޯޓު ތަކަކީ ތިމާވެއްޓާއި ރައްޓެހި އިންޖީނުތަކެއް ކަމުގައިވާ ޕީއާބްލިއު 12 އެކްސްޓީ އަޅާފައި ހުންނަ ބޯޓު ތަކެކެވެ. މި އާއެކު މި ބޯޓުތަކަކީ މިވަގުތު މާކެޓުގައި ހުރި އޭޓީއާރުގެ ބޯޓުތަކާއި ބަލާއިރު ތިން ޕަސެންޓް ތެލުގެ ހަރަދު ކުޑަ އަދި 20 ޕަސެންޓް އިންޖީނު މަރާމާތުގެ ހަރަދު ކުޑަ ބޯޓު ތަކެކެވެ. މީގެ އިތުރުން ތެޔޮ އަންދާ މިންވަރު 40 ޕަސެންޓު ކުޑަ ބޯޓު ތަކެކެވެ.
ގައުމީ އެއާލައިން އިން މިހާރު ޑޭޝް-8 މަރުކާގެ 10 ބޯޓާއި އެއާބަސް އޭ320 ދެ މަރުކާގެ ދެ ބޯޓު އޮވެ އެވެ. ނަމަވެސް މިހާރު އެ ކުންފުނީގެ ހަތަރު ބޯޓެއް ގްރައުންޓް ކޮށްފައި އޮންނަތާ ދުވަސްވެއްޖެ އެވެ. އެހެންވެ އަމިއްލަ ކުންފުނިތަކުގެ ބޯޓުތައް ކުއްޔަށް ނަގައިގެން ދަނީ ހިދުމަތް ދެމުންނެވެ. ރާއްޖޭގެ އެތެރޭގެ އުދުހުންތަކުގެ ހިދުމަތް ދޭ ވިލާ އާއި މަންޓާ އިންވެސް ބޭނުން ކުރަނީ އޭޓީއާރު ކުންފުނީގެ ބޯޓު ތަކެވެ.