ކޮވިޑް-19 ގުޅިގެން، ރާއްޖޭގެ އެއާލައިންތަކަށް 507 މިލިއަން ޑޮލަރު (ގާތްގަނޑަކަށް 8 ބިލިއަން ރުފިޔާ) ގެ ގެއްލުމެއް ވާނެ ކަމަށް، ދުނިޔޭގެ ވައިގެ ދަތުރުފަތުރުތަކާބެހޭ ޖަމިއްޔާ، (އަޔާޓާ) އިން ބުނެފި އެވެ.
އަޔާޓާގެ ރިޕޯޓަކާ ހަވާލާދީ މޯލްޑިވްސް އިންސައިޑާ އިން ބުނެފައިވާ ގޮތުގައި ކޮވިޑް-19 ގެ ބަލާއާފާތުގެ ސަބަބުން ރާއްޖޭގެ އެއާލައިން ސިނާއަތަށް 507 މިލިއަން ޑޮލަރުގެ ގެއްލުމެއްވުމުގެ އިތުރުން، މި ދާއިރާ އިން 28،000 މީހުންގެ ވަޒީފާ ގެއްލުމުގެ ބިރު އެބައޮތެވެ.
އެ ޖަމިއްޔާ އިން ކުރިން އަދާޒާކޮށްފައިވާ ގޮތުގައި މި އަހަރު ރާއްޖޭގެ އެއާލައިން ތަކުން 2.1 މިލިއަން ފަސިންޖަރުން އުފުލައި، މި ސިނާއަތުން ރާއްޖޭގެ އިގްތިސާދަށް 1.4 ބިލިއަން ޑޮލަރުގެ އާމްދަނީ އެއް ލިބޭނެ އެވެ. ނަމަވެސް މިހާރު އަންދާޒާ ކުރާ ގޮތުގައި ކޮވިޑް-19 އާ ގުޅިގެން ޓޫރިޒަމް ހުއްޓިފައިވުމުން މި އަހަރު ފަސިންޖަރުން އުފުލާ އަދަދު 40 ޕަސެންޓް ދަށް ވާނެ އެވެ.
ރާއްޖޭގައި ވައިގެ ދަތުރުފަތުރުގެ ހިދުމަތް ދެނީ، މަންޓާ އެއާ އާއި ދުނިޔޭގެ އެންމެ ބޮޑު ސީޕްލޭން ފްލީޓް، ޓްރާންސް މޯލްޑިވިއަން އެއާވޭސް (ޓީއެމްއޭ) އަދި ވިލާ ގްރޫޕުގެ ވިލާ އެއާގެ އިތުރުން ގައުމީ އެއާލައިން މޯލްޑިވިއަން އިންނެވެ. މި އެއާލައިންތަކުގެ ތެރެއިން ވިލާ އެއާ އާއި މަންޓާ އެއާ އަދި ޓީއެމްއޭ އިން ވަނީ އެތެރޭގެ އުދުހުންތައް މަދުކޮށްފަ އެވެ. އަދި ގައުމީ އެއާލައިން މޯލްޑިވިއަން އިން ވެސް ވަނީ ބައެއް މަންޒިލް ތަކަށް ފްލައިޓްތައް މަދުކޮށްފަ އެވެ. އަދި މިހާރު ރާއްޖެ އަށް އޮން އެރައިވަލް ވިސާ ހުއްޓާލާފައިވުމާއެކު މި ފްލައިޓް ކުރިއަށް އޮތްތަނުގައި ވެސް މަދުވާނެ ކަމަށް ބެލެވެ އެވެ.
ދުނިޔޭގައި ހަލުވިކަމާއެކު ފެތުރެމުންދާ ކޮވިޑް-19 އާ ގުޅިގެން ރާއްޖޭގެ އިގްތިސާދަށް ވަނީ ބޮޑެތި ގެއްލުންތަކެއް ވެފަ އެވެ. ޓޫރިޒަމް ހަރަކާތައް ހުއްޓި މި އަހަރު އާމްދަނީ ދަށްވާނެ ކަމަށް ލަފާ ކުރެވެ އެވެ.. މި އަހަރު ބަޖެޓުގައި 29 ބިލިއަން ރުފިޔާ ލިބޭނެ ކަމަށް އަންދާޒާ ކުރިނަމަވެސް މިހާރުގެ އަންދާޒާއަކީ ލިބޭނީ ގާތްގަނޑަކަށް 11 ބިލިއަން ރުފިޔާ އެވެ. ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު ވިދާޅުވެފައިވާ ގޮތުގައި މި އަހަރު ދައުލަތުގެ ބަޖެޓު 12 ބިލިއަން ޑެފިސިޓް ވާނެ އެވެ.