ކޮވިޑް-19 އިގެ ބަލާއާފާތާ ގުޅިގެން ހަރަދު ކުޑަ ކުރުމުގެ ގޮތުން އައިލެންޑް އޭވިއޭޝަން ސާވިއަސް (އައިއޭއެސް) ގެ ޑިރެކްޓަރުގެ ބޯޑާއި ސީނިޔަ މެނޭޖުމަންޓުގެ މުސާރައިން 20 ޕަސެންޓް އުނިކޮށްފި އެވެ.
މޯލްޑިވިއަން އުދުއްސާ، އައިއޭއެސް ކުންފުނިން ބުނި ގޮތުގައި ބޯޑާއި ސީނިއާ މުވައްޒަފުންގެ މުސާރަ ކުޑަ ކުރަން ނިންމީ، ހަރަދު ކުޑަ ކުރުމުގެ ގޮތުން ކަމަށެވެ. މީގެ އިތުރުން އެ ކުންފުނިން މިއަދު ވަނީ މުސާރަ ނުލިބޭ ގޮތަށް ތިން މަހާއި އެއް މަހާ ދެމެދުގެ އަދަދެއްގެ ޗުއްޓީއެއް ނެގުމުގެ ފުރުސަތު މުވައްޒަފުންނަށް ދީފަ އެވެ.
އައިއޭއެސްގެ ޕީއާރު އެންޑް ކޮމިއުނިކޭޝަންސް މެނޭޖަރު މޫސާ ވަސީމް ވިދާޅުވީ މި ފުރުސަތުގެ ދަށުން އަންޕެއިޑް ލީވް އަށް ދާ މުވައްޒަފަށް ކުންފުނީގެ އެހެން އިނާޔަތްތައް ލިބޭނެ ކަމަށެވެ.
"ބޭނުން މުވައްޒަފަށް ދެވޭ ގޮތަށް އޮންނާނީ. މުސާރަ ހަމައެކަނި ނުލިބޭނީ. އިންޝުއަރެންސު ވެސް ލިބޭނެ. ކުންފުނީގައި އޮވޭ ދަތުރު ކުރަން ވެސް އިނާޔަތް ތަކެއް އެ ވެސް މި ޗުއްޓީ ނަގާ ފަރާތް ތަކަށް ލިބޭނެ،" ވަސީމް ވިދާޅުވި އެވެ.
އެ ކުންފުނިން ދާދިފަހުން ވަނީ ކޮވިޑް-19 އާ ގުޅިގެން އެ ކުންފުނީގެ ހިންގުން ހުއްޓުނަ ނުދޭން ވެސް ފިޔަވަޅު ތަކެއް އަޅާފަ އެވެ. މި ފިޔަވަޅު އެޅީ އެންމެ ނުރައްކާ ހާލަތަށް ވެސް ބެލުމަށްފަހު މުވައްޒަފުންނާއި ކުންފުނީގެ ހިދުމަތް ހުއްޓިގެން ދިޔަ ނުދިނުމަށެވެ. މި ބަދަލާއެކު އޮންލައިންކޮށް ހިދުމަތް ދޭ ގޮތަށް "ސްޓޭންޑްބައިގައި" ގޭގައި މަސައްކަތް ކުރަން ވެސް ޓީމެއް ތިބޭ ގޮތަށް ވަނީ ހަމަޖައްސާފައެވެ.
މި ބަދަލު ގެނައި ނަމަވެސް އެ ކުންފުނީގެ އެއްވެސް މުވައްޒަފެއްގެ މުސާރަ އާއި އިނާޔަތް ކުޑަ ނުކުރާ ކަމަށް އެ ކުންފުނިން ބުންޏެވެ. އައިލެންޑް އޭވިއޭޝަން އިން ވަނީ ހިދުމަތް ދޭ ގަޑިތަކަށް ވެސް ބަދަލު ގެނެސްފަ އެވެ.
ޓިކެޓް އޮފީސް އާދިއްތަ ދުވަހާއި ބުރާސްފަތި ދުވަހު އޮފީސް ހުޅުވިފައި ހުންނާނީ ހެނދުނު 8:30 އިން މެންދުރު ފަހު 3:30 އަށެވެ. އަދި ހުކުރު ދުވަހާއި ހޮނިހިރު ދުވަހު ޓިކެޓް އޮފީސް ބަންދު ވާނެ އެވެ. އަދި ކޯލް ސެންޓަރާއި ވައިބާ ޕްލެޓްފޯމްގެ ހިދުމަތް ލިބޭނީ ހޮނިހިރު ދުވަހުން ފެށިގެން ބުރާސްފަތި ދުވަހުގެ ހެނދުނު 8:00 އިން އިރުއޮއްސި 6:00 އަށެވެ. އަދި ހުކުރު ދުވަހާއި ހޮނިހިރު ދުވަހު ހިދުމަތް ލިބޭނީ މެންދުރު ފަހު 2:00 އިން ރޭގަނޑު 8:00 އަށެވެ.