ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
މޯލްޑިވިއަން

"މޯލްޑިވިއަން ބަނގުރޫޓެއް ނުވާނެ"

ކޮވިޑް-19 އާއެކު ކުންފުންޏަށް ގެއްލުވި ނަމަވެސް ގައުމީ އެއާލައިން، މޯލްޑިވިއަން ބަނގުރޫޓު ނުވާނެ ކަމަށާއި ކުންފުނި ދެމިއޮތީ ދިވެހިންނަށް ހިދުމަތް ކުރުމުގައި ކަމަށް މެނޭޖިން ޑިރެކްޓަރު މުހައްމަދު ރިޒުވީ މިއަދު ވިދާޅުވެއްޖެ އެވެ.

މޯލްޑިވިއަން އޮފީހުގައި އަވަސް އަށް ދެއްވި އިންޓަވިއުއެއްގައި ރިޒުވީ ވިދާޅުވި ގޮތުގައި މިހާރުގެ ހާލަތަކީ އެ ކުންފުންޏަށް ވެސް ވަރަށް ބޮޑު ގެއްލުމެއްވަމުންދާ ދުވަސްވަރެކެވެ. ނަމަވެސް ކުންފުނި ބަނގުރޫޓު ނުވެ، ދިވެހިންނަށް ހިދުމަތް ކުރުމުގައި ދެމި އޮންނާނެ އެވެ.

އޭނާ ވިދާޅުވީ އެ ކުންފުނީގެ މެނޭޖުމަންޓުގައި މިހާރު ހުރި ޕްލޭންތަކާއެކު ކުރިއަށް އޮތްތަނުގައި މިހާރުގެ ގެއްލުމުން އަރައި ގަނެވޭނެ ކަމުގެ ޔަގީންކަން ވެސް އެބައޮތް ކަމަށެވެ.

"ވަރަށް ބޮޑު ގެއްލުންތައް މިވަގުތު ވަމުން އެބަދޭ. ވަރަށް ގިނަ ހަރަދުތަކެއް ވެސް އެބަދޭ. އޭވިއޭޝަން އިންޑަސްޓްރީއަކީ ހައި އޮޕަރޭޝަން ކޮސްޓް ތަކެއް ހިނގާ ކަމެއް. އެކަމަކު އިރާދުކުރެއްވިއްޔާ ކުންފުނި ދެމި އޮންނާނެ ކުރިއަށް އޮތްތަނުގައި ރަނގަޅު ވެސް ވާނެ،" ރިޒުވީ ވިދާޅުވި އެވެ.

ކޮވިޑް-19 އާ ގުޅިގެން، ސަރުކާރުން ކުރިއަށް ގެންދާ ކަންކަމުގައި މޯލްޑިވިއަނުން އިސް ދައުރެއް އަދާކުރަމުން ދެ އެވެ. އެހެން އެއާލައިން ތަކުން ރީޖަނަލް އެއާޕޯޓް ތަކަށް ދަތުރުތައް ހުއްޓާލި ނަމަވެސް އެ ކުންފުނި ދަތުރު ކުރަމުން ދެއެވެ.

"ސީޕްލޭންގެ ބޮޑު އޮޕަރޭޝަނެއް މިހާރު ކުރިއަށް އެބަ ގެންދަން. އައިސޮލޭޝަން ފެސިލިޓީތަކަށް ޑޮކްޓަރުން ގެންދިއުމާއި ސާމްޕަލް މާލެ ނެގުމުގެ އޮޕަރޭޝަންގައި ފުޅާކޮށް މިދަނީ މަސައްކަތް ކުރަމުން،" ރިޒުވީ ވިދާޅުވި އެވެ.

މޯލްޑިވިއަނުން ވަނީ މާކެޓު ރޭޓުތަކަށްވުރެ އަގު ހެޔޮކޮށް ރާއްޖެއަށް ބޭނުންވާ ކާބޯ ތަކެތި ގެނެސް ދިނުމުގެ ހިދުމަތް ވެސް ފަށާފަ އެވެ. މީގެ އިތުރުން މެލޭޝިއާ އާއި އިންޑިއާ އަދި ސްރީލަންކާގައި ތިބި ދިވެހިން ރާއްޖެ ގެނައުމުގެ މަސައްކަތް ތަކެއް ވެސް ދަނީ ކުރަމުންނެވެ.

ރިޒުވީ ވިދާޅުވި ގޮތުގައި ގައުމު ތަކުން ދިވެހިން ގެންނަނީ އެޗްޕީއޭގެ ގައިޑްލައިން ތަކަށް ބަލައިގެނެވެ. އެގޮތުން މީހުން ގެނައުމުގައި އާސަންދައިގެ ދަށުން ފަރުވާ ކުރަން ރާއްޖެއިން ބޭރަށް ގޮސް ތިބި މީހުންނަށް އިސްކަން ދެ އެވެ.