ވިލުފުށި

ބިޑަކާ ނުލައި ވިލުފުށި އެއާޕޯޓް އަޅަން ބޭރު ބަޔަކަށް ދެނީ

ބިޑަކާ ނުލައި ވިލުފުށީ އެއާޕޯޓް ތަރައްގީކުރަން ބޭރުގެ ކުންފުންޏަކަށް ދޭން ސަރުކާރުން މަޝްވަރާ ކުރަން ފަށައިފި އެވެ.

ތ. ކަނިމީދޫގައި ރިސޯޓެއް ތަރައްގީކުރުން ލަސްވާ މައްސަލާގައި ރައްޔިތުން މަޖިލީހަށް ޓޫރިޒަމް މިނިސްޓަރު ޑރ. އަބްދުﷲ މައުސޫމް މިއަދު ހާޒިރު ކުރުމާ ގުޅިގެން މަޖިލީހުގައި ވާހަކަ ދައްކަވަމުން ވިދާޅުވީ "ކްރޮސް ސަބްސިޑީ"ގެ އުސޫލުން ވިލުފުށި އެއާޕޯޓް އަޅައިދޭ ގޮތަށް ތ. ކަނިމީދޫގައި ރިސޯޓެއް ތަރައްގީކުރާނެ ބަޔަކު ލިބިފައިވާ ކަމަށެވެ.

"މަގުސަދަކީ ވައިގެ ދަތުރުފަތުރު ތަރައްގީ ކުރަން، ހާއްސަކޮށް ވިލުފުށީ އެއާޕޯޓް ތަރައްގީ ކުރުން. ކްރޮސް ސަބްސިޑީ އުސޫލުން ތަރައްގީ ކުރުމުގެ ގޮތުން އަންސޮލިސްޓެޑް ޕްރޮޕޯސަލް [ބިޑް ނުކޮށް މަޝްރޫއު ދެވޭ ގޮތަށް] ޕްރޮޕޯސަލް ހުށަހަޅާފައިވާ ފަރާތަކާއެކު މިހާރު ދަނީ މަޝްވަރާ ކުރަމުން،" ޑރ. މައުސޫމް ވިދާޅުވި އެވެ.

އަވަސް އަށް އެނގިފައިވާ ގޮތުގައި ސަރުކާރުން މަޝްވަރާ ކުރަމުން ދަނީ ބޭރުގެ ކުންފުންޏަކާއެކުގަ އެވެ. ނަމަވެސް އެ ކުންފުނީގެ ނަމެއް މިހާތަނަށް ސަރުކާރުން އާއްމުކޮށްފައެއް ނުވެ އެވެ.

ސަރުކާރުން މީގެކުރިން ވަނީ "ކްރޮސް ސަބްސިޑީ އުސޫލުން" އެއާޕޯޓްތަކެއް ތަރައްގީކޮށްދޭ ގޮތަށް ރިސޯޓް ހަދަން ރަށްތަކެއް ދޭން ނިންމާފަ އެވެ. އަދި ފަހުން ވަނީ އެއާޕޯޓް ތަރައްގީ ކުރަން އިއުލާނު ކުރި އަގުތައް ދަށްކޮށްފަ އެވެ.

އެއާޕޯޓް އަޅަން އިއުލާނު ކުރި ރަަށްތައް

  • ހދ. މަކުނުދޫ - 23.3 މިލިއަން ޑޮލަރު
  • ށ. ބިލަތްފަހި - 23.6 މިލިއަން ޑޮލަރު
  • ބ. ތުޅާދޫ - 21.9 މިލިއަން ޑޮލަރު
  • ތ. ވިލުފުށި - 33.3 މިލިއަން ޑޮލަރު
  • ފ. މަގޫދޫ - 8.2 މިލިއަން ޑޮލަރު
  • ރ. އަތޮޅު ދެކުނު ބިތުގައި (ރަށް ކަނޑައެޅިފައި ނުވާ) - 23.6 މިލިއަން ޑޮލަރު

އެއާޕޯޓްތައް އަޅައިދޭނެ ބަޔަކު ހޯދަނީ ކްރޮސް-ސަބްސިޑީގެ ގޮތުގައި ފަތުރުވެރިކަމުގެ ބޭނުމަށް ރަށް ނުވަތަ ބިން ނުވަތަ ފަޅު ކުއްޔަށް ދިނުމާ ބެހޭ ގަވާއިދުގެ ދަށުންނެވެ. އޭރުން އެއާޕޯޓް ތަރައްގީކުރުމަށް ނުވަތަ ފައިނޭންސް ކުރުމަށް ހުށަހަޅާ އިންވެސްޓްމަންޓުގެ އަދަދު، އެ މަޝްރޫއެއްގެ މުގާބިލުގައި، ފަތުރުވެރިކަމަށް ކުއްޔަށް ދޫކުރާނެ ރަށް ނުވަތަ ބިން ނުވަތަ ފަޅުގެ އެކުއިޒިޝަން ކޮސްޓާއި އެ ތަނެއްގެ ބިމު ކުލީގެ ގޮތުގައި ކަނޑައެޅޭ ފައިސާގެ އަދަދާ އަޅައިކަނޑައި ދެވޭނެ އެވެ.

މި މޮޑެލްގެ ދަށުން ބިޑްކުރުމުގެ ދައުވަތަކާ ނުލައި ސަރުކާރަށް ޕްރޮޕޯޒަލް ހުށަހެޅުމުގެ އުސޫލު -- އަންސޮލިސިޓަޑް ޕްރޮޕޯޒަލްސް ޕޮލިސީ- ބިޑަކާ ނުލައި މަޝްރޫއުދޭ އުސޫލުން ޝައުގުވެރިކަން ފާޅުކޮށް ހުށަހަޅަން ޖެހެނީ އިކޮނޮމިކް މިނިސްޓްރީ އަށެވެ.

ބިޑްނުކޮށް މަޝްރޫއުތައް ހަވާލު ކުރެވޭނެ އުސޫލެއް ހަދައި ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުން ވަނީ މިފަދަ ބައެއް މަޝްރޫއުތައް ދީފަ އެވެ. އަދި އެ ދުވަސްވަރު މިކަމާމެދު އޭރުގެ އިނދިކޮޅު ފަރާތްތަކުން ވަރަށް ބޮޑަށް ފާޑުކި އެވެ. ނަމަވެސް މި ސަރުކާރުން ވެސް ވަނީ އާ އުސޫލެއްގެ ދަށުން ބައެއް މަޝްރޫއުތައް ހަވާލުކުރަން ފަށާފަ އެވެ. މިގޮތުން މިހާތަނަށް ބިޑް ނުކޮށް ދިން ކަމަށް އެނގިފައިވާ އެންމެ ބޮޑު ދެ މަޝްރޫއަކީ ގުޅިފަޅު ބިން ހިއްކަން 53 މިލިއަން ޑޮލަރަށް ބޮސްކާލިސް ކުންފުންޏަށް ދިނުމާއި ޗައިނާގެ ޑޮންގް ފެންގް އިލެކްޓްރިކް ކުންފުންޏަށް 37.5 މިލިއަން ޑޮލަރަށް އައްޑޫ ކަރަންޓުގެ މަޝްރޫއު ހިންގަން ހެދި ފެރޭމް ވޯކް އެވެ.

ސަރުކާރުން މިހާރު ވެސް ގެންދަނީ މ. މުލި އަދި ގދ. ފަރެސްމާތޮޑާގައި ޑޮމެސްޓިކް އެއާޕޯޓެއް އެޅުމުގެ އަމަލީ މަސައްކަތް ކުރަމުންނެވެ.