ޓޫރިޒަމް

ހުއްދަ އޮވެ، ހިދުމަތަށް ނުދެވޭ 3،502 ޓޫރިސްޓު އެނދު

ކޮވިޑް-19 އަށްފަހު، ބޯޑަރު ހުޅުވިތާ ދެ އަހަރު ވެގެންދާއިރު ހިންގުމުގެ ހުއްދަ އޮތް، 3،500 އަށްވުރެ ގިނަ ޓޫރިސްޓު އެނދު އޮޕަރޭޝަނަށް ނުގެނެވި އެބަހުއްޓެވެ.

ޓޫރިޒަމް މިނިސްޓްރީގެ ތަފާސް ހިސާބުތައް ދައްކާ ގޮތުން ރާއްޖޭގެ ޓޫރިޒަމްގެ އޮޕަރޭޝަނަށް ކެޕޭސިޓީ ނުވަތަ ހިދުމަތް ދެވޭ ގޮތަށް ހުއްދަ ދީފައިވާ ޖުމްލަ ޓޫރިސްޓު އެނދުގެ އަދަދަކީ 57,338 އެވެ. ނަމަވެސް މިހާތަނަށް ހިދުމަތް ދެމުން ގެންދަނީ މީގެ ތެރެއިން 53,836 އެނދުގަ އެވެ.

ތަފާސް ހިސާބުތައް ދައްކާ ގޮތުން 3،502 އަށްވުރެ ގިނަ ޓޫރިސްޓު އެނދު ހުރީ ތަފާތު ސަބަބުތަކާހުރެ އޮޕަރޭޝަނަށް ނުގެނެވި އެވެ. މީގެތެރޭގައި ކޮވިޑުގެ ހާލަތުގެ ސަބަބުން ޓޫރިޒަމް ކެޕޭސިޓީއަށް އައި ބަދަލާއެކު މަދުވެފައިވާ އެނދުތައް ވެސް ހިމެނެ އެވެ.

ކެޕޭސިޓީ އާއި ހިދުމަތް ދިނުމުގެ ގާބިލްކަން

  • ރިސޯޓް: ޖުމްލަ ކެޕޭސިޓީ، 167 ހިދުމަތް ދެނީ 162 ރިސޯޓް
  • ގެސްޓްހައުސް / ހޮޓާ: ޖުމްލަ ކެޕޭސިޓީ، 819، ހިދުމަތް ދެނީ 629
  • ގެސްޓްހައުސް / ހޮޓާ: ޖުމްލަ ކެޕޭސިޓީ، 819، ހިދުމަތް ދެނީ 629
  • ސަފާރީ: ޖުމްލަ ކެޕޭސިޓީ، 157، ހިދުމަތް ދެނީ 144

މިނިސްޓްރީގެ ތަފާސް ހިސާބުތައް ދައްކާ ގޮތުން ރާއްޖޭގައި މިހާރު ހިދުމަތަށް ގެންނަން ލައިސަންސް ދޫކޮށް ނަމަވެސް ތަފާތު ސަބަބުތަކާހުރެ ހިދުމަތް ނުދެވޭ 1،011 ރިސޯޓު އެނދު އެބަހުއްޓެވެ. ރާއްޖޭގެ ރިސޯޓުތަކުގެ އޮޕަރޭޝަނަށް ކެޕޭސިޓީގައި ޖުމްލަ 39,833 އެނދު ހުރި ނަމަވެސް މިހާރު ހިންގަމުން ގެންދަނީ 38,822 އެނދެ އެވެ. އަދި ހޮޓާ / ގެސްޓްހައުސްތަކުގައި ޖުމްލަ ކެޕޭސިޓީގައި 14,570 އެނދު ހުރިނަމަވެސް ހިދުމަތް ދެމުން ގެންދަނީ މީގެތެރެއިން 12,180 އެނދެވެ. ސަފާރީ އުޅަނދު ފަހަރުގައި ޖުމްލަ ކެޕޭސިޓީގެ ގޮތުގައި ޖުމްލަ 2,935 އެނދު ހުރިކަމަށް ދެއްކި ނަމަވެސް ހިދުމަތް ދެވެނީ 2,834 އެނދުގަ އެވެ.

ހިދުމަތް ދޭން ލައިންސަންސް ދޫކޮށް ނަމަވެސް، ހިދުމަތަށް ނުދެވޭ ގިނަ އަދަދެއްގެ ޓޫރިޒަމް ޕްރޮޕަޓީ ހުރިއިރު ރާއްޖޭގައި ނުހެދި 100 އަށްވުރެ ގިނަ ޓޫރިޒަމް ޕްރޮޕަޓީ އެބަހުރި ކަމަށް ޓޫރިޒަމް މިނިސްޓަރު ޑރ. އަބްދުﷲ މައުސޫމް ވަނީ ވިދާޅުވެފަ އެވެ. މީގެތެރޭގައި 24 އަށްވުރެ ގިނަ ފަޅު ވެސް ހިމެނެ އެވެ. މި ތަންތަން ހަދަން ބާރު އެޅުމުގެ ގޮތުން ޓޫރިޒަމާ ގުޅުންހުރި ގާނޫނު ތަކަށް އިސްލާހު ގެނެސްގެން މި ތަންތަން ހަދަން ސަރުކާރުން ދަނީ މަސައްކަތް ކުރަމުންނެވެ.