ޑރ. އަބްދުﷲ މައުސޫމް

ފަތުރުވެރިންގެ އަދަދަށް ވުރެ އިސްކަންދެނީ އާމްދަނީއަށް: މައުސޫމު

ރާއްޖެއަށް އަންނަ ފަތުރުވެރިންގެ އަދަދު އިތުރުކުރުމަށް ވުރެ ސަރުކާރުގެ އަމާޒު ހުރީ ފަތުރުވެރިކަމުގެ ދާއިރާ އިން ލިބޭ އާމްދަނީ އިތުރުކުރުމަށް ކަމަށް ޓޫރިޒަމް މިނިސްޓަރު ޑރ. އަބްދުﷲ މައުސޫމު ވިދާޅުވެއްޖެ އެވެ.

ރާއްޖެއަށް މިއަދު ޒިޔާރަތް ކުރި އެއް މިލިއަން ވަނަ ފަތުރުވެރިޔާ އަށް މަރުހަބާ ދެންނެވުމަށްފަހު ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން މިނިސްޓަރު މައުސޫމު ވިދާޅުވީ ފަތުވެރިންގެ އަދަދާ އެކު އާމްދަނީ އިތުރު ވާނެ ގޮތްތަކަކަށް ސަރުކާރުން ބޮޑު އިސްކަމެއް ދޭ ކަމަށެވެ.

"ބޮޑަށް ސަމާލުކަން މިދެނީ ފަތުރުވެރިކަމުން ރައްޔިތުންނާއި ދައުލަތަށް ލިބޭ ނަފާ އާއި މަންފާ އިތުރުކުރަން،" މައުސޫމު ވިދާޅުވި އެވެ.

މިނިސްޓަރު ވިދާޅުވީ ފަތުރުވެރިންގެ އަދަދު އިތުރުވާ މިންވަރަށް ބަލައި ދައުލަތަށް ލިބޭ އާމްދަނީއާއި ފަތުރުވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ މުވައްޒަފުންނަށް ލިބޭ އާމްދަނީއަށް ވަމުންދާ ގޮތް ސަރުކާރުން ހިސާބުން ޖަހައި ބަލާ ކަމަށެވެ.

މައުސޫމު އިތުރަށް ވިދާޅުވީ ރާއްޖެ އަށް މިއަހަރު ޒިޔާރަތް ކުރި ފަތުރުވެރިންގެ ތަފާސްހިސާބުތަކަށް ބަލާއިރު މެއި މަހު ދަށްވުމެއް ފާހަގަކުރެވުނު ނަމަވެސް އަހަރުގެ ކުރިއަށް އޮތް މަސް ތަކުގައި ނަންބަރުތައް ދާނީ މައްޗަށް ކަމަށެވެ.

ރާއްޖެއަށް މިއަހަރު ޒިޔާރަތް ކުރާނެ ކަމަށް ކުރިން ލަފާކޮށްފައިވަނީ 1.8 މިލިއަން ފަތުރުވެރިންނެވެ. ނަމަވެސް އެ އަދަދު އަހަރު ނިމޭއިރު 1.9 މިލިއަން ފަތުރުވެރިންނަށް އިތުރުވާނެ ކަމަށް މިހާރުގެ ތަފާސްހިސާބުތަކާ ހަވާލާ ދެއްވާ ރައީސް އިބްރާހީމް މުހައްމަދު ސޯލިހް ރޭ ވަނީ އިއުލާންކުރައްވާފަ އެވެ.

ރާއްޖެއަށް ޒިޔާރަތް ކުރާ ފަތުރުވެރިން އިތުރުވާ އަދަދަށް ބަލާއިރު ރާއްޖެއަށް ލިބެންޖެހޭ އާމްދަނީ އެ ނިސްބަތުން އިތުރު ނުވާ ކަމަށް މާލީ ދާއިރާގެ ބައެއް ތަޖުރިބާކާރުން ވިދާޅުވެ އެވެ.