ވޯލްޑް ޓްރެވަލް އެވޯޑްސް (ޑަބްލިއުޓީއޭ) އިން ދޭ އެންމެ ޝަރަފުވެރި އެވޯޑު "ވޯލްޑްސް ލީޑިން ޑެސްޓިނޭޝަން" އެވޯޑް ޖެހި ޖެހިގެން ތިންވަނަ ފަހަރަށް ރާއްޖެއިން ހޯދައިފި އެވެ.
ޓޫރިޒަމް ދާއިރާގެ "އޮސްކާ" ގެ ގޮތުގައި ސިފަކުރާ މި އެވޯޑު ހަފުލާ ބާއްވާފައިވަނީ ރޭ އޮމާންގެ ވެރި ރަށް މަސްކަޓްގަ އެވެ. މި އެވޯޑު ރާއްޖެއަށް ލިބުނީ، 18 ގައުމަކާ ވާދަ ކޮށްގެން ނެވެ. އެގޮތުން އާޖެންޓީނާ އާއި ބްރެޒިލް އަދި މި އެވޯޑް މީގެ ކުރިން ޖެހި ޖެހިގެން ތިން ފަހަރު ހޯދައިފައިވާ ޕޯޗުގަލްވެސް ހިމެނެ އެވެ.
ވޯލްޑްސް ލީޑިން ޓުއަރިސްޓް ބޯޑުގެ އެވޯޑުވެސް ރާއްޖެއަށް ވަނީ ލިބިފަ އެވެ. މި އެވޯޑް ލިބިފައިވަނީ މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރްސީ) އަށެވެ.
މި އެވޯޑްތަކާއި ހަވާލުވެވަޑައިގެންނެވީ ޓޫރިޒަމް މިނިސްޓަރު ޑރ. އަބްދުالله މައުސޫމާއި އެމްއެމްޕީއާރްސީގެ ޗީފް އެގްޒެކެޓިވް އޮފިސަރު އަދި މެނޭޖިން ޑިރެކްޓަރު ތޮއްޔިބު މުހައްމަދެވެ.
މީގެ އިތުރުން ރާއްޖޭގެ ހަ ރިސޯޓަކަށްވެސް ވަނީ އެވޯޑް ލިބިފަ އެވެ.
ރިސޯޓުތަކުން ކާމިޔާބުކުރި އެވޯޑުތައް
- ވޯލްޑްސް ލީޑިން ލަގްޒަރީ ހަނީމޫން ރިސޯޓް 2022: ވައްކަރު މޯލްޑިވްސް
- ވޯލްޑްސް މޯސްޓް ރޮމޭންޓިކް ރިސޯޓް 2022: ބަރޮސް މޯލްޑިވްސް
- ވޯލްޑްސް ލީޑިން ވޯޓާ ވިލާ ރިސޯޓް 2022: އެމަރަލްޑް މޯލްޑިވްސް ރިސޯޓް އެންޑް ސްޕާ
- ވޯލްޑްސް ލީޑިން ލަގްޒަރީ އައިލެންޑް ރިސޯޓް 2022: ދަ ސެއިންޓް ރެޖިސް މޯލްޑިވްސް ވޮއްމުލި
- ވޯލްޑްސް ލީޑިން ހަނީމޫން ރިސޯޓް 2022: ޖޭއޭ މަނަފަރު
- ވޯލްޑްސް ލީޑިން އެއާޕޯޓް ރިސޯޓް 2022: ހުޅުލެ އައިލެންޑް ހޮޓެލް
- ވޯލްޑްސް ލީޑިން ސީޕްލޭން އޮޕަރޭޓާ 2022: ޓްރާންސް މޯލްޑިވިއަން އެއާވޭސް
މި އެވޯޑުތަކުގެ އިތުރަށް، ރާއްޖެއިން ވަނީ ޓްރެވަލް އެވޯޑްސްގެ އިންޑިއަން އޯޝަން ކެޓަގަރީއިން ވެސް 25 އެވޯޑެއް ކާމިޔާބު ކޮށްފަ އެވެ.
އިންޑިއަން އޯޝަންގެ ލީޑިން ޑެސްޓިނޭޝަންގެ އެވޯޑް ދިވެހިރާއްޖެއަށް ކާމިޔާބުވި މިއީ 15 ވަނަ ފަހަރެވެ. މި އެވޯޑްވެސް ރާއްޖެވަނީ ޖެހި ޖެހިގެން ތިން ފަހަރު ހޯދާފަ އެވެ. އަދި މީގެ ކުރިން ޖެހި ޖެހިގެން ފަސް ފަހަރުވެސް މި އެވޯޑް ކާމިޔާބުކޮށްފައިވެ އެވެ. އިންޑިއަން އޯޝަންގެ ލީޑިން ޑެސްޓިނޭޝަންގެ އެވޯޑް ދެމުން އަންނަތާ 20 އަހަރު ވެފައިވާއިރު ޖެހި ޖެހިގެން ތިން ފަހަރު މި އެވޯޑް ނެގި ހަމަ އެކަނި ގައުމަކީ ރާއްޖެ އެވެ.