ފޮރިން އިންވެސްޓްމެންޓް

ދުބާއީ އެކްސްޕޯގައި ރާއްޖޭގެ 18 ރަށެއްގައި ރިސޯޓް ހަދަން ބީލަމަށް

ދުބާއީގައި މިއަދު ފެށި ރާއްޖޭގެ އިންވެސްޓްމަންޓް ފޯރަމްގައި އަލަށް ރިސޯޓު ހަދަން 18 ރަށެއް ބީލަމަށް ހުޅުވާލައިފި އެވެ.

ކުރިން ވެސް 16 ރަށެއްގައި ރިސޯޓު ހަދަން ހުޅުވާލައި "ފެއިލް" ވެފައިވަނިކޮށް މި ފަހަރު ދުބާއީގައި 18 ރަށެއް ހުޅުވާލާފައިވަނީ ދުނިޔޭގެ އެންމެ ގިނަ އިންވެސްޓަރުން އެއް ތަނަކަށް މިހާރު އެއްވެފައިވާ "ދުބާއީ އެކްސްޕޯޓް 2020" ފެއާގަ އެވެ.

ރިސޯޓް ހަދަން ހުޅުވާލި 18 ރަށް

  • ހއ. މެދަފުށި: 10.90 ހެކްޓަރު
  • ހއ. އަލިދުއްފަރުފިނޮޅު: ތިން ހެކްޓަރު
  • ހދ. ކުޑަފަރުފަސްގަނޑު: 1.20 ހެކްޓަރު
  • ށ. ކުޑަޅައިމެންދޫ: 14.70 ހެކްޓަރު
  • ރ. އެއްތިގިލި، އަލިފުށި ފަޅުން 10 ހެކްޓަރު: 20 ހެކްޓަރު
  • މ. ސީދީހުރާ އަދި ސީދީހުރާ ވެލިގަނޑު: 4.28 ހެކްޓަރު
  • މ. މާއުސްފުށި: 10.40 ހެކްޓަރު
  • ފ. އެނބުލުފުށި: 1.00 ހެކްޓަރު
  • ފ. ޖިންނަތުގައު: 0.89 ހެކްޓަރު
  • ތ. ކާއްޑޫ: 3.9 ހެކްޓަރު
  • ތ. އޮޅުފުށި އަދި އޮޅުފުށިފިނޮޅު: 3.54 ހެކްޓަރު
  • ލ. ކަށިދޫ: 3.1 ހެކްޓަރު
  • ލ. ބޮޑުމުންޏަފުށި: 3 ހެކްޓަރު
  • ލ. ދޮންބެރެހާ އަދި ހޮޅަރެހާ: 4.44 ހެކްޓަރު
  • ގއ. މާރެހާ: 17 ހެކްޓަރު
  • ގއ. ފުނަދޫވިލިގިއްލާ: 5 ހެކްޓަރު
  • ގދ. ކަނޑަހަލަގަލާ: 7.4 ހެކްޓަރު
  • ގދ. ފެރޭތަ ވިލިގިއްލާ އާއި ދެކާނބާ އާއި ކޮޑެރަޓާ: 9.26 ހެކްޓަރު

މިއަދު އިއުލާނުކުރި ރަަށްތަކުގެ ތެރޭގައި މި އަހަރުގެ ކުރީކޮޅު އިއުލާނުކޮށް މީހަކު ކުރިމަތިނުލުމުން ބީލަަން ބާތިލް ކުރި ގިނަ ރަށްތަކެއްވެސް ހިމެނެ އެވެ. މީގެ އިތުރުން ބައެއް ރަށްތަކުގައި ރިސޯޓު ތަރައްގީ ކުރެވޭނީ އެ ރަށްތައް އިތުރަށް ހިއްކައިގެން ކަމަށް ބިޑަށް ކުރި އިއުލާނުގައިވެ އެވެ.

މި ފޯރަމް ފައްޓަވައި ދެއްވަމުން ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ވަނީ މިއަދު ބިޑަށް ހުޅުވާލި ރަށްތަކަކީ އިންވެސްޓްކުރަން ރަނގަޅު ފުރުސަތުތަކެއް ހުރި ރަށްތަކެއް ކަމުގައި ވިދާޅުވެފަ އެވެ.

ޓޫރިޒަމް އިންވެސްޓްމަންޓް ތަކަކީ އިންވެސްޓްމަންޓުގެ ސަކްސަސް ސްޓޯރީއެއް. ރާއްޖެ މިވަނީ ވިޔަފާރި އަަށް ހުޅުވާލާފަ. ދިވެހިން ތިބީ މަރުހަބާ ކިޔަން ތައްޔާރު ވެގެން
އިބްރާހިމް މުހައްމަދު ސޯލިހު | ރައީސުލް ޖުމްހޫރިއްޔާ

ޓޫރިޒަމް މިނިސްޓްރީން މިއަދު އިއުލާނު ކުރި ރަށްތަކުގެ މައުލޫމާތު ދިނުން އޮންނާނީ ޒޫމް މެދުވެރިކޮށެވެ. މައުލޫމާތު ސާފު ކުރުމަށް ބާއްވާ ޕްރީބިޑް މީޓިން އޮންނާނީ އަންނަ މަހުގެ ހަތަރު ވަނަ ދުވަހުގެ ހެނދުނު 10:00 އާއި އަންނަ އަހަރުގެ ޖެނުއަރީ 20 ގައެވެ. އަދި މިއަދު އިއުލާނު ކުރި ރަށްތަކުގެ ތެރެއިން ހއ އާއި، ހދ. އާއި ށ އަދި ރ އަތޮޅުގެ ރަށްތަކަށް ބީލަށް ހުށަހެޅުމުގެ ސުންގަޑިއަކީ އަންނަ އަހަރުގެ ފެބްރުއަރީ 27 ވަނަ ދުވަހުގެ ހެނދުނު 10:00 އެވެ. އަދި މ އާއި ފ އަދި ތ އަތޮޅުގެ ރަށްތަކަށް ބީލަށް ހުށަހެޅުމުގެ ފުރުސަތު އެ ދުވަހުގެ 1:00 ގެ ނިޔަލަށް އޮންނާނެ އެވެ. އަދި ލ އާއި ގއ އަދި ގދ އަތޮޅުގެ ރަށްތަކަށް ބީލަން ހުށަހެޅުމުގެ ސުންގަޑި އަކީ އަންނަ އަހަރުގެ ފެބްރުއަރީ 28 ވަނަ ދުވަހުގެ ހެނދުނު 10:00 އެވެ.