ވިޔަފާރި

އެސްޑީއެފްސީއިން 1.3 ބިލިއަން ރުފިޔާގެ ލޯނު ދީފި

Jun 29, 2021

ކުދި އަދި މެދުފަންތީގެ ވިޔަފާރި ތަރައްގީ ކުރަން އުފެއްދި، އެސްއެމްއީ ޑިވްލޮޕްމަންޓް ކޯޕަރޭޝަން (އެސްޑީއެފްސީ) އިން 1.3 ބިލިއަން ރުފިޔާ ދޫކޮށްފި އެވެ.

ބޭންކް އެއް ހަދަން އުފެއްދި، ނަމަވެސް ފައިނޭންޝަލް އިންސްޓިއުޓެއްގެ ގޮތުގައި ހިންގަމުން ގެންދާ އެސްޑީއެފްސީ އިން މިހާތަނަށް ދިން ލޯނުތަކުގެ މައުލޫމާތު ދެއްވަމުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މިނިސްޓަރު ފައްޔާޒު އިސްމާއިލް ވިދާޅުވީ ކޮވިޑުގެ ކުރީގައި އެއް ބިލިއަން ރުފިޔާގެ ލޯނު ދެވިފައިވާ ކަމަށެވެ. އަދި ކޮވިޑުގެ ހާލަތާ ގުޅިގެން 360 މިލިއަން ރުފިޔާ ދެވިފައިވާ ކަމަށެވެ. އެހެންވެ، މިހާތަނަށް ދޫކުރި ލޯނުގެ އަދަދު 1.6 ބިލިއަން ރުފިޔާ އަށް އަރާ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

"މިހާތަނަށް 765 ފަރާތަކަށް އެއް ބިލިއަން ރުފިޔާގެ ލޯނު ވަނީ ދެވިފައި،" ފައްޔާޒު ވިދާޅުވި އެވެ.

މިނިސްޓަރު ވިދާޅުވީ ކޮވިޑް-19 އާ ގުޅިގެން ރިލީފު ލޯނުގެ ގޮތުގައި 1،519 ވިޔަފާރި އަށް ލޯނު ދީފައިވާ ކަމަށެވެ.

"އަމިއްލަ 685 ފަރާތަކާއެކު ޖުމްލަ 2،200 ފަރާތަކަށް ލޯނު ދެވިފައިވޭ،" ފައްޔާޒު ވިދާޅުވި އެވެ.

މިނިސްޓަރު އިތުރަށް ވިދާޅުވީ ކެފޭ/ ރެސްޓޯރެންޓްތަކަށް މިހާތަނަށް 150 މިލިއަން ރުފިޔާ އަދި ބީއެމްއެލް އިން 16 މިލިއަން ރުފިޔާ ދީފައިވާ ކަމަށެވެ. މީގެތެރޭގައި މާލެ ސަރަހައްދުން 90 ފަރާތަކަށް ލޯނު ދެވިފައިވާ ކަމަށެވެ.