ފޮރިން އިންވެސްޓްމެންޓް

ދުބާއީގައި ބޭރުގެ އިންވެސްޓަރުންނާއެކު ފޯރަމެއް ފަށައިފި

މިހާރު ދުނިޔޭގައި ކުރިއަށްދާ އެންމެ ބޮޑު ފެއާ ކަމަށްވާ "ދުބާއީ އެކްސްޕޯ 2020" ގައި ރާއްޖޭގެ އިންވެސްމަންޓް ފޯރަމެއް ފަށައިފި އެވެ.

މި ފޯރަމް ފައްޓަވައި ދެއްވަމުން ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވީ ދުބާއީއަކީ އިންވެސްޓްމަންޓް ފޯރަމް ފަދަ ބޮޑު އިންވެސްޓެއް ބާއްވަން އެންމެ އެކަށީގެންވާ މަންޒިލް ކަމަށެވެ.

"މި އިންވެސްޓްމަންޓް ފޯރަމް ރާއްޖެއަށް މުހިންމު. ސަބަބަކީ ކޮވިޑް-19 އަށްފަހު އިކޮނޮމީ އަށް ބަދަލު ގެންނަން ސަރުކާރުން މިހާރު ކުރަމުންދާ މަސައްކަތް. އެންމެ މުހިންމު ކަމެއްގެ ގޮތުގައި ބަލަނީ ތިމާވެށި ހިމާޔަތް ކުރުމާއެކު އިކޮނޮމީ ކުރިއަށް ގެންދިއުން. މިކަމުގެ ތެރެއިން ހުރި ފުރުސަތުތައް ތަނަވަސް ކުރުން،" ރައީސް ވިދާޅުވި އެވެ.

މި ފޯރަމް ފައްޓަވައި ދެއްވަމުން އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއިލް ވިދާޅުވީ ރާއްޖެއަކީ ބޭރުގެ އިންވެސްޓަރުންނަށް ގިނަ ފުރުސަތުތަކެއް ހުރި ގައުމެއް ކަމަށެވެ. މިގޮތުން ރާއްޖޭގެ އުތުރާއި ދެކުނުގައިވެސް އިންވެސްޓް ކުރަން ގިނަ ފުރުސަތު ތަކެއް ހުރިކަން މިނިސްޓަރު ފާހަގަކުރެއްވި އެވެ.

"މި ފޯރަމްގެ ބޭނުނަކީ ރާއްޖެއަކީ ޕޮޓެންޝަލް އެޓްރެކްޓިވް އިންވެސްޓްމަންޓް މަންޒިލެއްގެ ގޮތުގައި ދައްކާލުމާއެކު ހުރި ފުރުސަތުތައް ކިޔައި ދިނުން،" މިނިސްޓަރު ވިދާޅުވި އެވެ.

ފައްޔާޒު އިތުރަށް ވިދާޅުވީ މިހާރު ގެނެސްފައިވާ ބަދަލުތަކާއެކު އިންވެސްޓަރުންނާއެކު ދިވެހި ސަރުކާރުންވެސް މަސައްކަތް ކުރާނެ ކަމަށެވެ.

"ރާއްޖޭގެ އިގްތިސޯދީ ކުރިއެރުމަށް ވޭތުވެދިޔަ ހަ އަހަރު ތެރޭގައި ހަ ޕަސެންޓު ވަނީ އުފުލިފައި. އަދި ރާއްޖެއަކީ ދެކުނު އޭޝިއާގައި އޮތް ޖީޑީޕީގެ ނިސްބަތުން ބޮލަކަށް ޖެހޭ އަދަދު އެންމެ މަތި ގައުމު. ރާއްޖޭގެ އިންފްލޭޝަން [ތަކެތީގެ އަގު މަތިވުން] ވަނީ ހިފެހެއްޓިފަ،" ފައްޔާޒު ވިދާޅުވި އެވެ.

އިތުރަށް މިނިސްޓަރު ވިދާޅުވީ މިހާރުގެ ސަރުކާރުން ފޮރިން އިންވެސްޓްމަންޓާ ގުޅުންހުރި ގާނޫނުތަކަށް ގެންނަ ބަދަލުތަކުގެ ސަބަބުން އިންވެސްޓަރުންގެ ޝައުގުވެރިކަން އިތުރުވެގެންދާނެ ކަމަށެވެ.

"އެފްޑީއައި ޕޮލިސީސްތަކަށް ގެންނަ ބަދަލާއެކު އިންވެސްޓަރުންގެ ކޮންފިޑެންސް އިތުރުވެ، ދެފުށް ފެންނަ މިންވަރު މަތިވެ، އެފިޝެންޓް ވެގެންދާނެ،" ފައްޔާޒު ވިދާޅުވި އެވެ.

އިކޮނޮމިކް މިނިސްޓްރީން ކުރިން ބުނެފައިވަނީ ދުބާއީގައި މިއަދު ފެށި ފޯރަމްގައި 175 ބޭރުގެ އިންވެސްޓަރުން ބައިވެރިވާނެ ކަމަށެވެ. ނަމަވެސް އެތަނުގައި އެވަރަށް މީހުން ތިބި ތަނެއް ނުފެނެ އެވެ.

މި ފޯރަމްގައި ރާއްޖޭގެ އިގްތިސާދާ ބެހޭ ގޮތުން ހާއްސަ ޑޮކިއުމެންޓްރީއެއް ދެއްކި އެވެ. މި ޑޮކިއުމެންޓްރީގައި ބުނި ގޮތުން ރާއްޖޭގައި މިހާރު ކުރިއަށްދާ އެންމެ ބޮޑު އިންވެސްޓްމަންޓް ކަމަށްވާ ވީއައިއޭ މަޝްރޫއު 2032 ގައި ނިމޭނެ އެވެ.

ރާއްޖެއަށް އިންވެސްޓްމަންޓް ގެންނަން ފުރަތަމަ ބޭރުގައި އިންވެސްޓްމަންޓް ފޯރަމެއް ބޭއްވީ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގަ އެވެ. އެ އިންވެސްޓްމަންޓް ފޯރަމް ސިންގަޕޫރާއި ދުބާއީ އަދި ނިއުދިއްލީގައި ވެސް ބޭއްވި އެވެ. އަދި މި ސަރުކާރުން ޕާޓްނާޝިޕް ފޯރަމްގެ ނަމުގައިވެސް މިފަދަ ފޯރަމެއް ރާއްޖޭގައި ބޭއްވި އެވެ. އިކޮނޮމިކް މިނިސްޓްރީގެ ތަފާސްހިސާބުތައް ދައްކާ ގޮތުން ރާއްޖޭގައި މިހާރު ފޮރިން އިންވެސްޓްމަންޓުގެ ގޮތުގައި ހަރަކާތްރިވަނީ 300 އެއްހާ ކުންފުންޏެވެ.