"ބޮޑު އޮޅުވާލުމެއް" އޮތް ކަމަށް އިކޮނޮމިކް މިނިސްޓަރު ފައްޔާޒު ފައިސަލް ތުހުމަތު ކުރެއްވި ފްލޯޓިން މަޝްރޫއަށް ބަދަލުތަކެއް ގެނެސް އަލުން ފަށަން ހަވާލުކޮށްފި އެވެ.
ރައީސް މުހައްމަދު ނަޝީދުގެ އިސް ނެންގެވުމަކަށް ނެދަލޭންޑްސްގެ ޑަޗް ޑޮކްލޭންޑްސް ކުންފުނިން 2011 ވަނަ އަހަރުން ފެށިގެން ހިންގަން ރާވަމުން ދިޔަ މަޝްރޫއަށް ބަދަލުތަކެއް ގެނެސް އަލުން އިއްޔެ ވަނީ ސޮއިކޮށްފަ އެވެ.
މިމަޝްރޫއުގެ ތެރެއިން "އާއްމުންނަށް ބޯހިޔާވަހިކަން" ލިބޭނެ ކަމަށް ކުރިން އަޑުއެރުވިނަމަވެސް މިހާރު މި މަޝްރޫއަށް ގެނައި ބަދަލާއެކު މަޝްރޫއުގެ އަގު ވަނީ ބޮޑުތަން މަތިވެގެން ވެސް ގޮސްފަ އެވެ.
ޓޫރިޒަމް މިނިސްޓްރީގައި އިއްޔެ ބޭއްވި ރަސްމިއްޔާތެއްގައި "ފްލޯޓިން އައިލެންޑް" ޕްރޮޖެކްޓްގެ އެގްރީމަންޓަށް ވަނީ ބަދަލުތަކެއް ގެނެސްފަ އެވެ. މިހާރު ގެނެސްފައިވާ ބަދަލާއެކު މި މަޝްރޫއު ވަނީ އިންޓަގްރޭޓެޑް ޓޫރިޒަމް ކޮންސެޕްޓްގެ މަޝްރޫއުއަކަށްވެފަ އެވެ.
ޓޫރިޒަމް މިނިސްޓަރު ޑރ. އަބްދުﷲ މައުސޫމް ވިދާޅުވީ މިހާރު މި މަޝްރޫއު އޮތް ގޮތުން އިންޓަގްރޭޓެޑް ޓޫރިޒަމްގެ ދަށުން ގެދޮރު ހަދައި ވިއްކޭނެ އެވެ. މި ބަދަލާއެކު އިންޓަގްރޭޓެޑް އައިލެންޑުގައި މަދުވެގެން ދެ ޕްރޮޕަޓީ ހަދަން ޖެހޭނެ ކަމަށް ވިދާޅުވި އެވެ.
"އަޅުގަނޑުމެން ކުރިން ރިސޯޓު ހަދަން ނިންމާފައި އޮތް ފަޅު އިންޓަގްރޭޓެޑް މޮޑެލްއަށް ބަދަލުކޮށްލީ،" މައުސޫމް ވިދާޅުވި އެވެ.
ޑަޗް ޑޮކްލޭންޑާއެކު ހަދާފައިވާ އެއްބަސްވުމަކަށް ބަދަލު ގެނެސްފައިވަނީ 2019 ވަނަ އަހަރު އެވެ. އޭގެފަހުން އަނެއްކާވެސް މިވަނީ ބަދަލު ގެނެސްފަ އެވެ. މި ބަދަލު ގެނައުމާ ހަމައަށް އިކޮނޮމިކް މިނިސްޓަރު ފައްޔާޒު ވިދާޅުވެފައިވާ ގޮތުން ޕްރޮޖެކްޓް ކުރިއަށް ގެންދިއުމުގައި އެ ކުންފުނިން އޮޅުވާލާފައިވާ ކަމަށެވެ. އަދި މިނިސްޓަރު ފައްޔާޒު ވަނީ މި މަޝްރޫއުގެ "ނުފެންނަ ފަޅި" ތިލަކޮށްލާފަ އެވެ. އެގޮތުން ރައީސް ނަޝީދުގެ ވެރިކަމުގައި ހަވާލުކޮށްފައިވާ ފަސް ފަޅުގެ ތެރެއިން ދެ ފަޅެއް ވިއްކާލާފައިވާކަން ހާމަކުރައްވާފައިވެ އެވެ. މި ވިއްކާލި ފަޅުތަކުގެ ތެރެއިން ދައުލަތަށް އާމްދަނީއެއް ލިބިފައިވަނީ އެންމެ ފަޅަކުންނެވެ.