އަންނަ މަހު އާ ރިސޯޓުތަކެއް ބިޑަށް ހުޅުވާލާނެ ކަމުގެ އިޝާރާތެއް އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއިލް ދެއްވައިފި އެވެ.
އަންނަ އަހަރަށް ލަފާކޮށް މަޖިލީހަށް ފޮނުވި ބަޖެޓާ ބެހޭ ގޮތުން، ބަޖެޓު ކޮމެޓީގައި މައުލޫމާތު ދެއްވަމުން އިކޮނޮމިކް މިނިސްޓަރު ފައްޔާޒު ވިދާޅުވި ގޮތުގައި އާ ރިސޯޓުތަކެއް ބިޑަށް ހުޅުވާލަން މި އަހަރު ނިންމި ނަމަވެސް ކޮވިޑް-19 ގެ ހާލަތުގެ ސަބަބުން ލަސް ވެގެން ދިޔައީ ކަމަށެވެ. ނަމަވެސް ކުރިއަށް އޮތް މަސް ތެރޭ ޓޫރިޒަމް މިނިސްޓްރީން އާ ރިސޯޓުތަކެއް ހުޅުވާލާނެ ކަމަށް ބެލެވޭ ކަމަށެވެ. ނަމަވެސް ހުޅުވާލާނީ ކިތަށް ރިސޯޓު ކަމެއް މިނިސްޓަރު ވިދާޅެއް ނުވެ އެވެ.
އަންނާ އަހަރުގެ ބަޖެޓުގައި 10 ރިސޯޓެއް މާކެޓަށް ނެރެން ބީލަމަށް ހުޅުވާލަން ނިންމާފައިވެ އެވެ.
އަންނަ އަހަރަށް ލަފާކޮށް ހުށަހަޅާފައިވާ ބަޖެޓުގައި އާ ރިސޯޓު ތަކެއް މާކެޓަށް ނެރެން ކަނޑައަޅާފައިވެ އެވެ. އެގޮތުން އާމްދަނީ ހޯދަން ކަނޑައަޅާފައިވާ ކަންތައްތަކުގެ ތެރޭގައި ޓޫރިޒަމަށް ބިން ދޫކޮށްގެން 154 މިލިއަން ރުފިޔާ ހޯދަން ކަނޑައަޅާފައިވެ އެވެ.
ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ވެރިކަމުގެ ފުރަހަމަ އަހަރުން ފެށިގެން ރިސޯޓު ތަކެއް ބިޑަށް ލާން މަސައްކަތް ކުރި އެވެ. އެގޮތުން 20 ރަށެއް ބިޑަށް ހުޅުވާލަން މަސައްކަތް ވެސް ކުރި އެވެ. އެގޮތުން މާކެޓަށް ނެރޭނެ ރަށްތަކުގެ ދިރާސާ ތަކެއް ވެސް ކުރި އެވެ. އަދި މި ސަރުކާރު އައި ފަހުން މިހާތަނަށް ޓޫރިޒަމްގެ މަޝްރޫއެއް ބިޑަށް ލާފައިވަނީ އުލިގަން ޔޮޓްމެރީނާ އާއި ހޮޓަލެއް ތަރައްގީ ކުރުމުގެ މަޝްރޫއެކެވެ. ނަމަވެސް އެ މަޝްރޫ އަށް އެއްވެސް ފަރާތަކުން ބިޑް ކޮށްފައެއް ނުވެ އެެވެ. އެހެންވެ އަލުން އެ މަޝްރޫއު ބިޑަށް ހުޅުވާލަން ވަނީ ނިންމާފަ އެވެ.
ކޮވިޑް-19 ގެ ހާލަތާ ހަމައަށް އައިއިރު ރާއްޖޭގައި 400 އެއްހާ ޓޫރިޒަމް މަޝްރޫއު ކުރި އަށް ދިޔަ އެވެ. މީގެތެރޭގައި މާލެ އަތޮޅުން ދޫކޮށްފައިވާ 30 ފަޅެއްގެ މަސައްކަތް ވެސް ހިމެނެ އެވެ. ނަމަވެސް މިހާރު ގިނަ މަސައްކަތްތައް ވަނީ ހުއްޓިފަ އެވެ. އަދި މާލެ އަތޮޅުން ހިއްކަމުން ދިޔަ ފަޅުތައް ވަނީ ތަރައްގީ ކުރި މީހުން އެހެން ފަރާތްތަކަށް ވިއްކާލާފަ އެވެ.