ތިލަ-މާލެ ބްރިޖު އަޅަން އިންޑިއާ އިން 400 މިލިއަން ޑޮލަރު ((ގާތްގަނޑަކަށް 6.1 ބިލިއަން ރުފިޔާ) ގެ ލޯނު ދިނީ 1.75 ޕަސެންޓުގެ އިންޓްރެސްޓުގައި ކަމަށް ބުނެފި އެވެ.
ލޯނުތަކުގެ މައުލޫމާތު ދޭން، ރައްޔިތުން މަޖިލީހުގައި މާލިއްޔަތު ކޮމެޓީގެ މިއަދު ބޭއްވި ބައްދަލުވުމުގައި ވާހަކަ ކޮމިޓީގެ މުގައްރިރު މުހައްމަދު ނާޝިޒު ވިދާޅުވީ އިންޑިއާއިން ނެގި 400 މިލިއަން ޑޮލަރުގެ ކްރެޑިޓް ފެސިލިޓީގެ އިންޓްރެސްޓް ރޭޓްއަކީ 1.5 ޕަސެންޓް ކަމަށާ، މި ލޯނު އަނބުރާ ދައްކަން 20 އަހަރު ލިބޭނެ ކަމަށެވެ.
"އެހެންވީމަ މި ލޯނު އަނބުރާ ދައްކާ ނިމޭނީ 2040 ގައި،" ނާޝިޒު ވިދާޅުވި އެވެ.
މާލެ، ވިލިނގިލި އަދި ތިލަފުއްޓާއި ގުޅީފަޅު ގުޅާލަން އަޅާ "ތިލަ މާލެ" ބްރިޖަށް، އިންޑިއާ އިން 400 މިލިއަން ޑޮލަރު (ގާތްގަނޑަކަށް 6.1 ބިލިއަން ރުފިޔާ) ގެ ލޯނުގައި ސޮއިކޮށްފައިވަނީ މިދިޔަ މަހުގެ 12 ވަނަ ދުވަހު އެވެ. މި މަޝްރޫއަށް އިންޑިއާއިން ވަނީ ޖުމްލަ 500 މިލިއަން ޑޮލަރު ދޭން ނިންމާފަ އެވެ. މީގެތެރެއިން 100 މިލިއަން ޑޮލަރަކި ހިލޭ އެހީ އެވެ
މި ލޯނު އެއްބަސްވުމުގައި ސޮއި ކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު ވަނީ މި އެހީ ދިން ކަމަށްޓަކައި އިންޑިއާގެ ރައްޔިތުންންނާއި އެ ގައުމުގެ ސަރުކާރަށް ޝުކުރު އަދާ ކުރައްވާގަ އެވެ. އަދި އިންޑިއާ އިން މިހާތަނަށް ދީފައިވާ އެހީތަކުގެ މައްޗަށް އަލުއަޅުއްލައި ވަރަށް ބޮޑަށް ތައުރީފު ވެސް ކުރެއްވި އެވެ.
"މިއީ މިހާތަނަށް ރާއްޖޭގައި ހިންގާ އެންމެ ބޮޑު މަޝްރޫއު. މިއީ ރާއްޖެއަށް ވަރަށް ދަތި ހާލަތެއް. ދައުލަތުގެ އާމްދަނީ ވަނީ 50 ޕަސެންޓް ދަށްވެފަ. ރާއްޖޭގެ ޖީޑީޕީގެ 70 ޕަސެންޓަށް ވަނީ ދަށްވެފައި. މި އެހީގެ ސަބަބުން އިންފްރާސްޓަކްޗާ މަސަައްކަތް އިތުރު ވެގެން ދާނެ. މިއީ އިކޮނޮމީ ރީސްޓާޓް ކުރަން މުހިންމު އިންވެސްޓްމަންޓަކަށްވާނެ،" އަމީރު ވިދާޅުވި އެވެ.
މި ލޯނު ނަގާފައިވަނީ އެކްސްޕޯޓް އިމްޕޯޓް ބޭންކް އޮފް އިންޑިއާ (އެގްޒިމް ބޭންކް) އިންނެވެ.
މި ލޯނާ ބެހޭ ގޮތުން، އިންޑިއާގެ ސަފީރު ސަންޖޭ ސުދީރު ވިދާޅުވީ މިއީ އެ ގައުމުން ކުރިން ދޭން ވައުދުވީ 500 މިލިއަން ޑޮލަރުގެ "އެހީ" ގެ ތެރޭގައި ހިމެނޭ ބައެއް ކަމަށެވެ. އަދި މި މަޝްރޫ އަށް ކޮންސެލްޓެންސީ ދޭން އެ ގައުމުގެ އާރޫޕް ކުންފުނި ނަގާފައިވަނީ ދިވެހި ސަރުކާރުން ކަމަށެވެ. އަދި މި ލޯނުގެ މައުލޫމާތުތައް އެގްޒިމް ބޭންކުގެ ޕަބްލިކް ޑޮމެއިންގައި ފެންނަން ހުންނާނެ ކަމަށާ، ބްރިޖު އަޅަން ބޭނުންވާ ސާމާނުގެ 65 ޕަސެންޓް ގެންނާނީ އިންޑިއާއިން ކަމަށެވެ.
"ކޮންސެލްޓެންޓުގެ ޑީޓެއިލް ރިޕޯޓް އެޕްރޫވްޑް ކުރާނީ ދެ ގައުމުގެ ސަރުކާރުން. ފައިނަލް ޓެންޑާ އިޝޫ ކުރާނީ ދިވެހި ސަރުކާރުން،" ސުދީރު ވިދާޅުވި އެވެ.
މާލެ އާއި ތިލަފުށި އަދި ވިލިމާލެ ގުޅިގެންދާ ގޮތަށް ބްރިޖް އެޅުމުގެ ގޮތުން ސާވޭގެ މަސައްކަތް ކުރަން ހަވާލުކޮށްފައި ވަނީ ނެދަލެންޑްސްގެ ކުންފުންޏަކަށް 15 މިލިއަން ޑޮލަރަށެވެ. ނެދަލޭންޑުގެ ފުގްރޯ ކުންފުނިން މި މަސައްކަތުގެ ދަށުން ކަނޑުގައި 25 ބޯހޯލް އަދި އެއްގަމުގައި 25 ބޯހޯލް ތޮރުފުމުފެ މަސައްކަތް ދަނީ ކުރަމުންނެވެ.
ގާތްގަނޑަކަށް 6.695 ކިލޯ މީޓަރުގެ ބްރިޖްތަކާއި ކޯޒްވޭގެ މައްޗަށް އެކުލެވޭ މި މަޝްރޫއު ހަވާލުކޮށްފައިވަނީ އިންޑިއާ ކުންފުންޏަކާ އެވެ. އެގޮތުން މާލެ، ވިލިނގިލި، ތިލަފުށި އަދި ގުޅީފަޅު ގުޅާލުމަށް ޖުމްލަ ތިން ބްރިޖް މި މަޝްރޫއުގެ ތެރެއިން ހެދުމަށް ވަނީ ހަމަޖެހިފަ އެވެ.
"ގްރޭޓާ މާލެ ކަނެކްޓިވިޓީ ޕްރޮޖެކްޓް" ގެ ދަށުން މާލެ، ވިލިގިނލި، ތިލަފުށި އަދި ގުޅީފަޅު ގުޅާލުމުން ރާއްޖޭގެ އިގުތިސޯދަށް އޭގެ ގިނަ ފައިދާތަކެއް ލިބި، ވިޔަފާރިތަކަށާއި އާއްމު ރައްޔިތުންނަށް ގިނަ ފަސޭހަތަކެއް ލިބިގެންދާނެކަމަށް ސަރުކާރުން ވަނީ ބުނެފަ އެވެ.
އިންޑިއާ އިން ދަނީ ރާއްޖޭގެ ގިނަ މަސައްކަތްތަކަށް އެހީ ވަމުންނެވެ. މީގެތެރޭގައި ހިލޭ އެހީ ހިމެނުނަސް ބޮޑު ބަޔަކީ ލޯނެވެ. ރާއްޖޭގެ އެކި މަޝްރޫއުތައް ހިންގަން އިންޑިއާ އިން 800 މިލިއަން ޑޮލަރުގެ އެލްއޯސީ ފެސިލިޓީއެއް ދީފައި ވެއެވެ. އަދި ބަޖެޓް ސަޕޯޓަށް ކޮވިޑް-19 އާ ގުޅިގެން 200 މިލިއަން ޑޮލަރު ދިންއިރު، މިދިޔަ އަހަރު 150 މިލިއަން ޑޮލަރު ދިނެވެ. އަދި ސްޓޭޓް ބޭންކު އޮފް އިންޑިއާ އިން ރާއްޖެއަށް 250 މިލިއަން ޑޮލަރު ޓްރެޝަރީ ބޮންޑެއް ވިއްކާފައިވާއިރު ކަރަންސީ ސްވޮޕުގެ ގޮތުގައި 400 މިލިއަން ޑޮލަރު ހަމަޖައްސައި ދިނެވެ. އެންމެ ފަހުން އެ ގައުމުގެ ދަރަންޏަށް އިތުރުވި އަދަދަކީ ތިލަމާލެ ބްރިޖުގެ މަޝްރޫއަށް އިންޑިއަން އެގްޒިމް ބޭންކުން ނެގި 400 މިލިއަން ޑޮލަރުގެ ލޯނެވެ. އިންޑިއާގެ ދަރަނި ވަނީ 25.44 ބިލިއަން ރުފިޔާއަށް އަރާފަ އެވެ.